7 ޑިސެންބަރު 2024

ހިތް އެދޭހާ ކަމެއް.. (33 ވަނަބައި)

ޒީވާއާ ބައްދަލުވުމުން ދައްކާނެ ވާހަކައަކާމެދު ރިއާންއަށް ވިސްނެމުންދިޔައެވެ. އޭނާއަށް ދެއްކޭނެ ބަހަނާއެއް އެބައޮތް ހެއްޔެވެ؟ ހަނދާންނެތުނީއޭވެސް ބުނެވޭނީ ޒީވާ ހަނދާން ނުކޮށްދިންނަމަ ނޫންހެއްޔެވެ. ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ޒީވާގެ ޑިއުޓީ ނިމެން އަދި ބާކީ ހަގަޑިއިރު އެބައޮތެވެ. އެހާއިރުވަންދެން މަޑުކުރުން ނޫންގޮތެއްނެތެވެ. މިހާރު އޭނާގެ މަސައްކަތުގެ ރޫހުވެސް މުޅިން ގެއްލިއްޖެއެވެ. އެހެންކަމުން އިތުރަށް އެތަނުގައި މަޑުކުރަން ނަހަދާ އޭނާ ނިންމީ ގެއަށް ދިޔުމަށެވެ.

****************

ޝައިނާ ނިމޭނެ އިރަކަށް އިންތިޒާރުގެ ވަގުތުތައް ގުނަމުންދިޔަ ރާހިލްގެ މޫނުމައްޗަށް އުޖާލާކަށް ވެރިވެގެންދިޔައީ ހަތަރެއް ޖެހުމާއެކު އާރް.އެލް އިމާރާތުގެ ބޭރަށް ނުކުތް ޝައިނާ ފެނުމުންނެވެ. ޝައިނާ ހިނިތުންވުމަކާއެކު އައިސް ރާހިލްއާ އަރައި ހަމަކޮށްލިވަގުތު ރާހިލް ސައިކަލު އިސްޓާޓުކޮށްލިއެވެ. ނަމަވެސް އެވަގުތު މާ ދުރުނޫން ހިސާބަކުން އިވިގެންދިޔަ ދަންނަ އަޑަށް އެދެމީހުންގެ ސަމާލުކަން ހުއްޓުނެވެ.

"ފެންނަ ކަމަށްވެސް ހަދާނުލާ ނައްޓާލަން ދޯ ތި އުޅުނީ؟؟" ނިހާމް ދަތްޕިލަ ރޮނޑަށްދީގެންހުރެ ރާހިލްމެނާ ދިމާލަށް އައެވެ.

"ނިހާމް؟" ޝައިނާއަށް ހައިރާންވެފައި އަހައިލެވުނެވެ.

"އަހަރުމެންތަ؟ ބްރޯ މާލެ އައިސްފަ ހަބަރެއްވެސް ނުވަމެއްނު" ރާހިލްވެސް ހުރީ ނިހާމްއާ ދިމާވީތީ އުފަލުންނެވެ.

"މީ ދެން ހަމަ މިހެން އައި ދަތުރުވަރެއް.. ކޮއްކޮ މިއޮފީހުގަ އުޅޭތީ މިއަދު ދިމާކޮށްލަން މިދިމާލަށް ޖައްސާލީ.. އެކަމަކުވާ.. ހާދަ ތަފާތު މަންޒަރެކޭ މި ފެންނަނީ.. ތީ ހަމަ ކަނޑިއާ ކަނޑި ވެގެންތިބި ދެމީހުންތަ؟" ނިހާމް އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ. އެވަގުތު ޝައިނާ ލަދުން އިސްޖަހައިލި މަންޒަރު ފެނުމާއެކު ނިހާމް ގާތަށް ހިނިއައެވެ.

"އަހަހަ. އޭރުވެސް މަ ކަލޭ ކައިރި ބުނަމެއްނު ތިހެން އުޅެމުން ކަލޭ އިންނާނީވެސް ޝައިނާއާއޭ.. ނީނަކަސް ދެން މިހާރު ތިވަރުން ސައިދޭން ވެއްޖެ އެނގޭ" ނިހާމް ރާހިލްއާ ދިމާކޮށްލިއެވެ.

"ތި ޖެހުނީ ކޮންމެހެންވެސް ސައިދޭންތާ ދޯ؟ ޝައިނާ މިއީ މިހާރު އަހަރެންގެ ވައިފް" ރާހިލް ގާތްގޮތަކަށް ޝައިނާއަށް ބަލައިލަމުން ބުންޏެވެ.

"ބުނަން.. ސަކަރާތްނުޖަހާ.. ތިހާ ފަސޭހައިން އަދި މަށެއް ނުހެއްލޭނެ" ނިހާމް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާއަކަށް އެވާހަަކަ ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ރާހިލްއާއި ޝައިނާގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަންފެނި އޭނާ މައިތިރިވިއެވެ.

"އޭ އަސްލުވެސްތަ؟" ނިހާމްގެ ސުވާލަށް ރާހިލްއާއި ޝައިނާ އެކުއެކީ ބޯ ޖަހައިލިއެވެ.

"ދެން އަހަރުމެންގެ ވާހަކަ ބާއްވަބަލަ. ނިހާމްގެ ކަންތައް ނިންމަނީ ކޮންއިރަކުންތަ؟ ތީ ގައިމު އަންހެންވެރިންނަށް ކުރުނބާ އަޅާދިނުންކަހަލަ ކަންތަކުގަ ނުލާހިކު ގަދަ މީހެއްވިއްޔަ" ރާހިލްވެސް ދުލެއްނުދިނެވެ. އެވަގުތު އޮފީހުން ނުކުތް ނީމް އައިސް ނިހާމްގެ ގާތުގައި މަޑުކޮށްލިއެވެ.

"ލެޓްސް ގޯ ތިއްތީ!!" ނީމްގެ ބަހާއެކު ރާހިލްއާއި ޝައިނާއަށް ސިހުން ލިބުނެވެ.

"ނީމް އަކީ ނިހާމްގެ ކޮއްކޮތަ؟ އަހަރުމެންނަށް ނުވެސް އެނގޭ. ސްމޯލް ވަރލްޑް" ޝައިނާ ހައިރާންވިއެވެ.

"ހޫމް. މާލެ އައިސް ހުރީމަ ނީމް އަތުން ކެއުމެއް ހޯދަން އައީ.. އެކަމަކު ދެން މިހާރު މިއޮތީ މާ ވަރުގަދަ ކެއުމަކާ ލައްވާލާފައެއްނު؟ ތިއްތިއަށް މި ރާހިލްގެ ކައިވެނީގެ ހަބަރު ލިބުނީތީ މިރޭ ނިމްކޮ ތި ސަލާމަތްވީ.. ހިނގާ ދާން.. އެއްވެސް ލަހެއް ފަހެއް ނޯންނާނެ." ނިހާމް ރާހިލްގެ ކޮނޑުގައި ޖަހައިލިއެވެ.

"މިހާރުތަ؟ އޯކޭތަ މަގޭ ސަންތި ގެއަށް ވައްޓާލާފަ؟" ރާހިލް އަހައިލިއެވެ.

"އުހޫން. ތިވީ މާ ރަނގަޅަކަށްނު.. މިވީގޮތުން އަހަރެން ސަލާމަތްވީ.. ރާހިލް ދޭ އަވަހަށް ތިއްތިއަށް ޓްރީޓް ދޭން.. އަހަރެން ޝައި ގެއަށް ގެންގޮސްދޭނަން.. އަހަރެންވެސް މި އުޅެނީ ސައިކަލުގައޭ" ރާހިލްއަށް އިތުރު ގޮތެއް ނެތުމުން އެކަމާ އެއްބަސްވިއެވެ.

ދިހަމިނެޓެއްހާއިރު ފަހުން ނީމް އައިސް ސައިކަލުގައި ޝައިނާމެންގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ޝައިނާ ސައިކަލުން ފޭބުމަށްފަހު އާންމު މެހެމާންދާރީގެ ގޮތުން ނީމްއަށް އެގެއަށް ވަނުމަށް ދައުވަތުދިނެވެ.

"ދެން މިއީ ނީމް އަހަރެންނާއެކު އައި ފުރަތަމަ ދުވަހެއްނު. ގެއަށްވަދެ ކޮންމެވެސް އެއްޗެއް ކާލައިގެން ބޯލައިގެން ދާންވާނީ.. ޕްލީޒް.." ޝައިނާގެ އެދުމަށް ބޯޖަހައިލަމުން ނީމް ޝައިނާއާއެކު އެގެއަށް އެރިއެވެ. އެހެނަސް ތިންވަނަ ފްލޯއަށް އަރައި ހަމަވި ވަގުތު ފްލޯގައިހުރި އެޕަރޓްމެންޓްގެ ދޮރުމަތިން ފެނުނު މަންޒަރާއެކު ނީމްގެ ފިޔަވަޅުތައް ގަނޑުވިއެވެ. އަދި ދެލޯ ބޮޑުކޮށްލަމުން ޝައިނާއާ ދިމާލަށް ބަލައިލިއެވެ.

ޝައިނާ ހާސްވެފައިހުރެ ނީމް ދުރަށް ޖައްސައިލަމުން ކުރިއަށް އެރިއެވެ. ނަމަވެސް ދޮރުމަތީގައިހުރި ރަތްކުލައިގެ ފިނިފެންމާ ޓުކުރިއާއި ރަތްރިބަނުން އައްސައިފައިވާ ކަޅު ޕާރުސަލް ފެނުމާއެކު ޝައިނާގެ މޫނުމަތިން ހާސްކަން ފިލައިގޮސް ހިނިތުންވުމެއް ފެނިލިއެވެ. އޭނާއަށް އެކަމުން ހައިރާންކަމެއް ނުލިބުނީތީ ދުރުގައިހުރި ނީމްގެ ހިތުގައި ސުވާލު އުފެދުނެވެ.

"އައްދޭ.. ޝައިނާ މާ ސަރޕްރައިޒްވި ތަނެއް ނުފެނޭ.. ހިނިތުންވެލިގޮތުން ހީވަނީ ކޮންމެ ދުވަހަކު ރަތްފިނިފެންމަލުގެ މަރުހަބާއެއް ލިބޭހެން" ނީމް ބުންޏެވެ.

"އަހަހަ ނޫނޭ.. ކޮންމެހެން ރަތް ފިނިފެންމަލެއް ނޫން.. އެކަމަކު އަހަރެންގެ ގޭދޮށަށް މާ ފޮނުވުމަކީ ރާހިލް މާ ހިތްހަމަ ޖެހޭކަމަކޯ" ޝައިނާ އެތަކެތި ނަގަމުން ބުންޏެވެ.

"އައްދޭ.. ރާހިލް ހާދަ ޗީޒީއޭދޯ.." ނީމް ބުންޏެވެ.

"ހޫމް.. ބައެއްފަހަރު ޗީޒީ ކަމުން އަހަރެންވެސް ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ.. އެކަމަކު ކީއްކުރާނީ.. އަހަރެންނަށްވެސް އަހަރެންގެ ޓައިޕަކީ ޑްރެމެޓިކް ޗީޒީ މީހުންކަން އެނގުނީ ރާހިލްއާ ދިމާވިފަހުން ވިއްޔަ" ޝައިނާ ގޭގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ.

"އޯހް ޕްލީޒް. އޮފީހުގެ އެންމެނަށް އެނގޭނެ ޝައިނާ ކިހާ ވަރަކަށް ޑްރާމާޒްދެކެ ފޫހިވާކަން.. ތިއީ ހަމަ ރާހިލްވީމަ ވާ ލައިކެއް. ހަހަހަހަ" ނީމް ހިނިގަނޑެއް ޖަހައިލަމުން ޝައިނާއާއެކު އެގެއަށްވަނެވެ.

"ފެނިއްޖެދޯ.. ޕާރުސަލް ކަނޑާލާހިތުން އުޅެފަވެސް ހަޒްބެންޑް ދިން ގިފްޓެއްވީމަ ނުކެނޑީ އިނގޭ" ގޭތެރޭގައި ލެޕްޓޮޕެއް ރޫޅާލައިގެން އުޅުނު ޝިމާންއަށް އެތެރެއަށް ވަތް ޝައިނާ ފެނުމާއެކު ގޮވައިލިއެވެ.

"ޕިސްޕިސް.. ދެން ފެނުނު ގަޑީގަ މި ގޭތެރެއަށް ވައްދާލިނަމަ." ޝައިނާ ބުންޏެވެ.

"އަހަރެން ކީއްކުރަން؟ އަހަރެންނަށް މީިހަކު ފޮނުވި އެއްޗެއް ނޫންވިއްޔާ" ޝިމާން ކޮނޑުއަރުވައިލަމުން ބުންޏެވެ.

"އެއީ ތެދެއް.. ތިޔާ ހަވާލުވާން ވާނީ ހަމަ ޝައި" ޝިމާންއަށް ޝައިނާއާ ވާހަކަދެއްކި ކުއްޖާއަށް ބަލައިލެވުނެވެ. އެވަގުތުވީ ނީމްއަށްވެސް ޝިމާންއާ ދިމާލަށް ކަޅިއެއްލުނު ވަގުތަށްކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޝިމާން އަވަސް އަވަހާ އެ ނަޒަރު ވަކިކޮށްލަމުން އޭނާ ކުރިން ކުރަންހުރި މަސައްކަތަށް ސަމާލުކަންދިން ނަމަވެސް ނީމްގެ ނަޒަރު އަދިވެސް ވަނީ އޭނާއާ ސީދާވެފައެވެ.

ޝައިނާ ކައިރީގައި ހުރި ނީމްގާތު އެ އެއްޗެހި ކޮޓަރިއަށް ވެއްދުމަށްފަހު އަންނަނީ ކަމުގައިބުނެ އެތަނުން ދިޔައެވެ. ހަމައެއާއެކު ޝިމާންއާއި ނީމްގެ ދެމެދަށް ނުތަނަވަސްކަމުން ފުރިފައިވާ ހަމަހިމޭންކަމެއް ވެރިވިއެވެ. ނީމްއަށް ކަޅި ޖަހައިނުލައި ޝިމާންގެ ހަރަކާތްތަކަށް ބަލަން ހުރިއިރު އޭނާގެ ހިޔާލުގައި ލުއި މިއުޒިކެއް ކުޅެވެމުންދާ ކަހަލައެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ޝިމާންހުރި ހިސާބާ ކައިރިވެލިއެވެ. މެހެމާންދާރީ އަދާކުރުމުގެ ގޮތުން ޝިމާންވެސް އިސްއުފުލައިލައި ނީމްއަށް ހިނިތުންވެލިއެވެ. މިފަހަރު ޝިމާންއަށްވެސް އެ ނަޒަރު ވަކިކޮށްލުން ފަސޭހަ ކަމަކަށް ނުވިއެވެ. ކުޑަ ހިނދުކޮޅަކަށްވިޔަސް ނީމްގެ ކަޅުކަންގަދަ ދެލޮލުގެ ތޫނުކަމަށް ގެއްލެވުނެވެ. އެތުންފަތުގެ މަތިން ކަނާތްފަރާތުގައި އިން ކަޅުތިލައަށް އޭނާގެ ސަމާލުކަން ލިބުނެވެ. އެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރެވުނެވެ. ނަމަވެސް އެވަގުތު ސިކުނޑިއަށް ވެރިވި އިޝްވާގެ ތަސްވީރާއެކު ހިތަށް ވެރިވި ކުށްވެރިކަމުގެ އިހުސާސުން ނަފްސު ފޯވިއެވެ.

"ސިސް އަންނާނެ އިރުކޮޅަކުން.. އިށީނދެލާ.." ޝިމާންގެ ވާހަކައަށް ބޯ ޖަހައިލަމުން ނީމް އިށީނީ ކާމޭޒުދޮށުގައި ޝިމާންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ. އެކަމުންވެސް ޝިމާންއަށްވީ އުނދަގުލެކެވެ. އޭނާ ކުރަމުން އައި މަސައްކަތުގެ ސަބަބުން ނީމްގެ ސަމާލުކަން އޭނާގެ ދެއަތަށް ހުއްޓިފައިވާކަން އެނގުމާއެކު އޭނާގެ ދެއަތް ތުރުތުރުލާންފެށިއެވެ. އެންމެފަހުން މަސައްކަތް ހުއްޓައިލިއެވެ. އަދި ރޫޅައިލެވިފައިވާ ލެޕްޓޮޕްގެ ހުރިހާ ބައެއް އެތަނުގައިހުރި ފޮށްޓަކަށް އަޅައިގެން ކޮޓަރިއާ ދިމާލަށްް ހިނގައިގަތީ އެތަނުގައި އިން ނީމްއާ އެންމެ ނަޒަރެއްވެސް ބަދަލުކޮށްލުމެއް ނެތިއެވެ.

**************

ސިޓިންގްރޫމްގެ ސޯފާއަށް ދެފައި އަރުވައިލައި ކަކުލުގައި ބައްދައިލައިގެން އިން ޒީވާވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުރިމަތީގައިވާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އޭގެން ފެންނަމުންދާ މަންޒަރަކަށް ނުވަތަ އިވެމުންދާ އަޑަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ހިޔާލީ ދުނިޔެއަށްގޮސް ހުސްވެފައި އިނދެވުނު ވަރުން އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި ރިއާންގެ އަޑެއްވެސް އޭނާއަކަށް ނީވުނެވެ.

އާދައިގެ މަތިން ފޯނަށް ގެއްލިފައިހުރެ ގޭތެރެއަށް ވަދެގެން އައި ރިއާންއަށް ހަވީރުގެ ވަގުތު ޒީވާ ފެނުމާއެކު ކުއްލި ސިހުމެއް ލިބުނެވެ. ވާނީވެސް އެހެންތާއެވެ. ޒީވާގެ ޑިއުޓީ ނިމެން އަދި ބާކީ ހަގަޑިއިރު އެބައޮތެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ރިއާން ހައިރާންވީ ޒީވާ އިން ހާލަތު ފެނުމުންނެވެ. ތަރުތީބެއްނެތި ހާވައިލެވިފައިވާ އިސްތަށިގަނޑާއި ފޮއްސިވެފައިވާ މޫނުގެ ސަބަބުން އޭނާ ފެންނަނީ އާދަޔާ ހިލާފު ހިތާމައެއް ތަހައްމަލުކުރަމުންދާ މީހެއްގެ ގޮތުގައެވެ. އޭނާއަށް ވަގުތުން ޒީވާ ބަލިވީ ކަމުގައި ނިންމުނެވެ.

"ޒީވް.. ޒީވް.. ޒީވް އޯކޭތަ؟ ބޭސް ކައިފިންތަ؟" ރިއާން އަތުގައިހުރި ކޮތަޅާއި މާބޮނޑި މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ޒީވާގާތު އިށީނެވެ.

"ރިއާން އައީތަ؟ ހާދަ އަވަހަށް ތި އައީ؟ ކަމެއް ގޯސްވީތަ؟" ރިއާން ގޮވައިލުމުން ޒީވާ ކުޑަކޮށް ސިހުނު ނަމަވެސް ހަމަޖެހެން މަސައްކަތް ކުރިއެވެ.

"ޒީވް. އަރ ޔޫ އޯކޭ؟" ރިއާން އަނެއްކާވެސް ކަންބޮޑުވެފައި އަހައިލިއެވެ.

"ޔެސް ރިއާން. އައިމް ފައިން.. އައި—"

"ދޮގު ނުހަދާ.. އެއްވެސް ކަމެއް ނުވަންޏާ ތިހެނެއް ނީންނާނެ. ޑިއުޓީއަކަށްވެސް ނުދަމެއްނު.."

"ދިޔައީމޭ..ގޮސްފަ ތަންކޮޅެއް އަވަހަށް މި އައީ" ޒީވާ ވާހަކަދެއްކިއިރު ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ.

"ޒީވް.. ޓެލް މީ" ރިއާން ކުރުނުކުރާނެކަން އެނގުމުން ޒީވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ.

"މިއަދު ބޭބީއެއް ނިޔާވީ.. އައި މީން.. ވިހެއި އިރުވެސް އެކުއްޖާ އޮތީ ނިޔާވެފަ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅު ރިއާން.. އެމީހުން ކައިވެނި ކޮށްގެން އުޅޭތާ މިހާރު އަށް އަހަރުވީ.. އެއީ އެމީހުންގެ ހުރިހާ އުއްމީދެއް ގުޅިފައިވި ކުއްޖާ. އެމީހުން ހާދަ ދެރަވާނޭ.. އަދިވެސް އެދެމަފިރިން ރޯންތިބި މަންޒަރު އަހަރެންނަށް ފެންނަ ކަހަލަ" ޒީވާގެ ލޮލުން ނީރައިލި ކަރުނަތިކި ފެނުމާއެކު ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒީވާފަދަ ހިތްބަލި ކުއްޖަކު އެފަދަ ދާއިރާއަކުން ކުރިއަށްދާން ނިންމި ސަބަބެއް އޭނާއަށް ވިސްނައި ވިސްނައިވެސް ނޭނގުނެވެ. ރިއާން ކުރިއަށް ޖެހިލައި ޒީވާގެ އަތުގައި ހިފައިލިއެވެ. ނަމަވެސް އެކަމުން ޒީވާއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ކުއްލި ހަރަކާތާއެކު ރިއާންގެ އަތުތެރެއިން އަތް ދަމައިގަންނަމުން ކޯތާފަތް ފޮހެލިއެވެ. ހަމައެހާމެ އަވަހަށް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ސޯފާއިން ތެދުވިއެވެ.

"މާބޮނޑި ގެނެސްދިނީތަ؟" ޒީވާ ރިއާން ގެނައި ލެވެންޑާމަލުގެ ގުލްދަސްތާ މޮހައިލަމުން ބުންޏެވެ.

"ޔެސް.. މާތަށް މިލާފަ ހުރީމަ.." ރިއާންގެ ވާހަކަ ނުނިމެންދެން ޒީވާ ކޮފީމޭޒާއި ޓީވީ ރެކުގައި ބަހައްޓައިފައިހުރި ޓުކުރިތަކުން ކުރީގެ މާތަށް ނެގުމަށްފަހު އައު މާތަކަށް ބަދަލުކުރުމުގެ މަސައްކަތްފެށިއެވެ. އެމޫނުމައްޗަށް ވެރިކުރުވައިފައިވާ މަސްނޫއީ ހިނިތުންވުމުގެ އެެއްވެސް އަސަރެއް ޒީވާގެ ހަރަކާތް ތަކަކުން ނުފެނެއެވެ. އެހަރަކާތްތަކުގައި ވަނީ މަޑުމޮޅިކަމެވެ. އެބުނާ ތުއްތު ކުއްޖާގެ މަރުގެ ސަބަބުން ޒީވާއަށް ކޮށްފައިވާ އަސަރު އެ ދެލޮލުން ފެންނަމުންދިޔައެވެ.

"ރިއާންވެސް އިރުހުއްޓާ އޮފީހުން ނުކުމެގެން އުޅޭ ދުވަހެއްތަ؟" މާހައުލުގައި ހިފައިފައިވާ ހިމޭންކަން ކަނޑުވައިލަމުން ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ.

"ހޫމް.. ވަރަށް ބަނޑުހައި" ރިއާން ލަސް ފިޔަވަޅުތަކެއްގައި އައިސް ކިޗަން އައިލެންޑްގެ ކައިރީގައިހުރި ޒީވާގާތު މަޑުކުރިއެވެ.

"ހިނގާ ކޮންމެވެސް އެއްޗެއް ކައްކާލަން.. އަހަރެންނަކަށްވެސް މާ ގިނަ އެއްޗެހިތަކެއް ހަދާކަށް ނޭނގޭނެ އެކަމަކު ރިއާންވެސް އެހީ ވާނަމެއްނު" ޒީވާ ކިޗަން އައިލެންޑްގެ މަތީގައިވާ ޓުކުރީގައިހުރި މާތަށްވެސް ބަދަލުކޮށްލިއެވެ.

"ހިނގާ މިރޭ ބޭރަށް ކާން" ރިއާންގެ ހިޔާލު ހުށަހެޅިއެވެ.

"ނޯ..ވޭ!!! ޔޫ އަރ ޓޭކިންގް މީ އައުޓް؟؟ ޑިނަރ ޑޭޓްއެއްތަ؟" ޒީވާ ގަބޫލުނުކުރެވިފައިހުރެ އަނެއްކާވެސް ސަމާސާ ރާގެއްގައި އަހައިލިއެވެ.

"އަހަރެންނަށް ޒީގެ ބަރތްޑޭވެސް މިސްވީއެއްނު.. އެހެންވީމަ ބްރތްޑޭ ޓްރީޓެކޭ ކިޔަމާ ދޯ" ރިއާންގެ ޖަވާބު އިވުމާއެކު ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ.

"ދެން އަހަރެން ހިތްހަމަޖައްސާލަން ޑޭޓެކޭ ބުނިއްޔާ ވާނީ ކީއްތަ؟ އެހެންނޫނަސް ރިއާން އަހަރެންގެ އުފަންދުވަހަށް ކަމެއް ކޮށްދޭކަން ނުޖެހޭނެ.. ރިއަލީ.. އިޓްސް ފައިން" ޒީވާ ހިނިތުންވެލިއެވެ.

"އޯކޭ ދެން… ޒީ ބޭނުން ގޮތެެއް… ވީ އަރ ލީވިންގް އިން ތަރޓީ މިނަޓްސް" ރިއާން އަތުކުރީގައި އޮތް ގަޑިއަށް ބަަލައިލަމުން ބުންޏެވެ.

ޒީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިއީ އޭނާ ރިއާންއާއެކު އެކަހަަލަ ގޮތަކަށް އެކަހެރިކޮށް ބޭރަށް ނުކުމެ އުޅޭނެ ފުރަތަމަ ފަހަރެވެ. ރިއާންއަކީ ގިނަ ބަޔަކު ދަންނަ މޫނެއްކަން ހުދު އޭނާއަށްވެސް އެނގެއެވެ. ބައިގަޑިއެއްހާއިރު ތެރޭ އޭނާ ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އަދި ލާނެ ހެދުމެއްވެސް އެނގެނީކީ ނޫނެވެ.

"ޒީވް.. ޒީވް.. ދާނަންތަ؟" ދެލޯ ބޮޑުކޮށްލައިގެންހުރި ޒީވާއަށް ދެފަހަރަކު ގޮވައިލަމުން ރިއާން އެއްސެެވެ.

"ޔެސް.. ޔެސް. ޑެފިނިޓްލީ ޔެސް!! އެބަ އަންނަން ރެޑީ ވެލައިގެން އެނގޭ"

ޒީވާ ދުވެފައިގޮސް ކޮޓަރިއަށް ވަތް މަންޒަރު ބަލަން ރިއާން ހެވިފައިހުއްޓެވެ. އަދި ޒީވާ ނުކުތުމުގެ ކުރިން އޭނާވެސް އެއްޗެހި ބަދަލުކޮށްލަން ކޮޓަރިއަށް ވަނެވެ. މުށިކުލައިގެ ކެޝުއަލް ގަމީހާއި ގުޅޭހެން ބެއިޖްކުލައިގެ ސޯޓެއްގައިހުރެ ކޮޓަރިން ނުކުތްއިރު އަދިވެސް ޒީވާ ފެންނާކަށް ނެތެވެ. ރިއާން އަނެއްކާވެސް ގޮސް ކޮޓަރީގައިހުރި ބޮޑު ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލިއެވެ. ފަރާތް ފަރާތަށް ބޮލުގައި އަތްފުނާ އަޅައިލުމަށްފަހު އޭނާ ހިތްހަމަޖެހޭވަރު ވުމުން ހިނިތުންވެލިއެވެ. އަދި ގަމީހުގެ އަތުކުރި އޮޅައިލުމަށްފަހު ފަރާތްފަރާތަށް އެނބުރިލިއެވެ. އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ.

ހިތްހަމަ ޖެހިފައިހުރެ އަތުކުރިޔަށް ގަޑި ހެޔޮވަރު ކޮށްލަމުން ރިއާން ކޮޓަރިން ނުކުތްއިރު ޒީވާ ސޯފާގައި އިށީނދެލައިގެން އިނެވެ. ރިއާން ފެނުމާއެކު ޒީވާ ހިނިތުންވެލަމުން ތެދުވިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާގެ ހިތުގެ ތެޅުންވެސް މަޑުޖެހިލިހެނެވެ. ހިނދުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައިހުރެ ބޭ އިޙްތިޔާރުގައި ޒީވާގެ ބޮލުން ފެށިގެން ތިރިއަށް ލަސްލަހުން ބަލައިލެވުނެވެ. އާދައިގެމަތިން ޒީވާ ލައިއުޅޭ ކަށިމައްޗާއި ހިސާބަށްހުންނަ ވަށްތިރި ހެދުންތަކާއި ހިލާފަށް މިއަދު ލައިފައިވަނީ ކަކުލާއި ހިސާބަށްހުރި ރަތްކުލައިގެ ހެދުމެކެވެ. ހެދުމުގެ މޭމަތިން ރޫޖައްސައި ބަންދުހުރި ހިސާބުން ބާރުކޮށްލެވިފައިވެއެވެ. އަތުކުރިއަށް ރަބަރު ލައްވައިފައިވާ ދެ އަތާއި ކަކުލާއި ހިސާބަށްހުރި ފަސްބައިވަނީ ދޫކޮށްލައިފައެވެ. އާންމުކޮށް ބޮލުގައި އަޅައިއުޅޭ ބޭންޑާއި ހިލާފަށް ކަންފަތް ކައިރިން އިސްތަށިގަނޑު ހައްޔަރު ކޮށްލުމަށްޓަކައި ރަތްކުލައިގެ މަސްނޫއީ ފިނިފެންމަލެއް ހަރުކުރެވިފައިވިއެވެ. ޒީވާގެ ފުރިހަމަ ކަމާމެދު އާގަމަވެވިފައިހުރެ ރިއާން ޒީވާއަށް ބަލަމުން ދިޔައެވެ.

"ރީތިތަ؟ މިއީ ޝައި އަހަރެންގެ އުފަންދުވަހަށް ފަހާދިން ހެދުން. އަދި ކިރިޔާ މި ހެދުން މި ލީ" ޒީވާ ނިކަން އުފަލުންހުރެ ފަރާތް ފަރާތަށް އެނބުރިލައި ރިއާންއަށް އެ ހެދުން ދައްކައިލިއެވެ.

"ޔެސް.. ޔޫ ލުކް…" ރިއާންއަށް ހިންދިރުވައިލެވުނެވެ. ޒީވާގެ ފުރިހަމަކަމަށް ކުރާނެ ތައުރީފެއް އޭނާއަކަށް ނޭނގުނެވެ.

"ޕްރިޓީ؟" ޒީވާ އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރައިލިއެވެ.

"ބްރެތްޓޭކިންގް" ރިއާންގެ ޖަވާބާއެކު ޒީވާގެ ދެކޮލަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެއީ އެ ހެދުމާއި ތުންފަތުގައިވާ ރަަތްކުލައާއި ނުހަނު ގުޅޭ ޖަންބުލައެކެވެ. ރިއާންއަށް އާޝޯހުވެފައި އެ މަންޒަރު ބަލަން ހުރެވުނެވެ.

"ތިހެން ނުބަލާ.. ރިއާން އަނެއްކާ އަހަރެންނަށް ހިތްކީއޭ އަހަރެންނަށް ހީވެދާނެ. ލެޓްސް ގޯ ހެންޑްސަމް" ޒީވާ އައިސް ރިއާންގެ ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. ރިއާންއަށް ހިނިތުންވެލެވުނެވެ. އަދި ޒީވާ ގޮވައިގެން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތް ކުށްވެރިކަމުގެ އިހުސާސަކަށް ބަދަލެއް ނާދެއެވެ. ޝައިނާއަށް އަމިއްލަ ކައިވެނީގެ ކަންތައްތަކާ އުޅެމުންވެސް ޒީވާގެ އުފަންދުވަހަށް ހެދުން ފަހައިދީ ފާހަގަކޮށްދޭން ވަގުތުވީއިރު އޭނާއަށް ޒީވާއަށްޓަކައި ކޮށްދެވުނީ ކީއްހެއްޔެވެ.

ލިފްޓުން ފޭބުމަށްފަހު ރިއާންގެ ފިޔަވަޅުތަށް ކާރާއި ދިމާލަށް ހުރުމުން ޒީވާ އައިސް ރިއާންގެ އަތުގައި ހިފެހެއްޓިއެވެ.

"ހިނގާލާފަ ދާންވީނު.. މާދުރަކަށް ނޫން ދާނީ.. ބީޗްއަށް.. ޕްލީޒް" ޒީވާ އެދުނެވެ.

"އެކަމަކު.."

"އެކަމަކު ކިހިނެއްވީ؟؟ ރިއާންއަށް ނުހިނގޭނީތަ؟" ޒީވާ އަހައިލިއެވެ.

"އަހަރެންނަށް ހިނގިދާނެ.. އެކަމަކު ޒީގެ ފައިވާން" ރިއާން ޒީވާ ލައިގެންހުރި ދެތިން އިންޗި އުސް ފައިވާނަށް ބަލައިލިއެވެ.

"އޯހް.. ރިއާން ހީކުރީ އަހަރެންނަށް އެހެން އަންހެންކުދިންހެން މިކަހަލަ ފައިވާނުގަ ނުހިނގޭނެ ކަމަށްތަ؟ އެހާވެސް އަހަރެން ދެރައީތަ؟ ބަލަންހުރޭ" ރިއާންގެ އަތުން ދޫކޮށްލުމަށްފަހު ޒީވާ ކުރިއަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. ރިއާން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ މީގެ އަށް އަހަރުކުރިން ރިއާން އޭނާގެ ހުށަހެޅުމަށް އިންކާރު ކުރީ އެހެން ކުދިންހާ އަންހެންވަންތަކަމެއް އޭނާގެ ގައިގައި ނެތީތީއެވެ. އެއީ ރިއާން ބޭނުންވާ ގޮތް ކަމުގައި ވާނަމަ އެކަމަކާ އޭނާއަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. އެހެނެއްކަމަކު އޭނާއަށް މިދިޔަ އަށް އަހަރުތެރޭ އައިސްފައިވާ ބަދަލު ރިއާންއަށް ނުފެންނަންވީ ކީއްވެހެއްޔެވެ؟ އަދިވެސް އޭނާއާ ދޭތެރޭ އެހެން ކުދިންނަށްވުރެ ދަށްކޮށް ދެކެންވީ ކީއްވެހެއްޔެވެ؟ އެމީހުނަށް ވާ ކަންކަން އޭނާއަށް ނުވާނެ ކަމުގައި ގަބޫލުކުރަނީ ކީއްވެހެއްޔެވެ؟

ޒީވާގެ އަމަލުތަށް ހުރިގޮތް ފެނުމާއެކު ރިއާން ދެފަރާތަށް ބޯ ހޫރައިލިއެވެ. ޒީވާ އެ ދެއްކި ވާހަކަތަކުގެ މިސްރާބަށް އޭނާ ވިސްނައިލައިފައެއްވެސް ނުވެއެވެ. ވަކި މީހަކަށްވުރެ ޒީވާ ދަށްކޮށްލުމުގެ ހިޔާލެއްވެސް އޭނާގެ ނެތެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާގެ ފަހަތުން ހިނގައިގަތެވެ. އޭނާ ދެފަހަރަކު ޒީވާގެ ނަމުން ގޮވައިލުމުންވެސް ޒީވާއަށް ކެހެރުވަކެކޭވެސް ހީނުވާ ކަހަލައެވެ. އެފިޔަވަޅުތަކަށް ކުޑަވެސް ލަސްކަމެއް ނާދެއެވެ. އެހާ ބާރަށް ހިނގަމުންދާނަމަ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޒީވާ ވަރުބަލިވެދާނެ ކަމުގައި އޭނާއަށް ވިސްނުނެވެ. ނަމަވެސް އެހެން ބުނެފިނަމަ ދެންވެސް އޭނާ ޒީވާ ދަށްކޮށްލަނީ ކަމުގައި ޒީވާއަަށް ހީވެދާނެއެވެ. ސަލާމަތް އޮތް އެއް ގޮތެއްވެސް ނެތެވެ. އެންމެ ފަހުން ރިއާން ދުވެލައިފައިގޮސް ޒީވާގެ އަތުގައި ހިފެހެއްޓިއެވެ.

"ތަންކޮޅެއް މަޑުން ހިނގާބަލަ.. އަހަރެންމީ ޒީވްހެން އަބަދު ހިނގާ މީހެއްވެސް ނޫނެއްނު. އަހަރެން ވަރުބަލިވެގެން ހަލާކުވެދާނެ." ރިއާން މާނޭވާލަމުންދާކަމުގެ މޮޅު އެކްޓެއް ޖައްސަމުން ބުންޏެވެ.

އޭނާ އުއްމީދުކުރި ފަދައިން ޒީވާ ހިނގުން މަޑުކޮށްލިއެވެ. އޭރު އެމީހުނަށް ތިބެވުނީ ބީޗާއި ފުދޭ ވަރަކަށް ކައިރީގައެވެ. ހަވީރުގެ ވަގުތުކަމަށްވުމާއެކު އެކިފުރައިގެ މީހުން މޫދަށް އެރުމާއި ހަވީރުގެ ސައި ބުއިމާއި އެނޫންވެސް ކަންކަމުގައި ބީޗުގައި ހަރަކާތްތެރިވަމުންދިޔައެވެ. މީހުންގެ ގިނަކަމާއިހުރެ އާދެވުނު މޮޔަ ހިތަށް އެރި ނަމަވެސް ބީޗަށް ފޭބުމާއެކު ޒީވާގެ މޫނުމަތިން ފެނުނު އުފާވެެރި ހިނިތުންވުން ރިއާންގެ ދުލުގައި ތަޅެއް އެޅުވި ކަހަލައެވެ. ޝަކުވާއަކާއިނުލައި ޒީވާގެ ކޮންމެ ހަރަކާތެއް ބެލުމުގައި އޭނާގެ ވަގުތުތައް ހުސްކޮށްލިއެވެ. ޒީވާގެ އެދުމުގެ މަތިން ބައެއްފަހަރު ފޮޓޯ ނަގައިދެމުންދިޔައެވެ. ނަމަވެސް ޒީވާގެ ގިނަ މަންޒަރުތައް ރިއާން ފޯނުގައި ރައްކާކުރަމުންދިޔައީ ޒީވާއަށް އެކަމުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.

ޒީވާ ލައިގެން ހުރި ފައިވާން ބައިލައި ރިއާން އަތަށް ދިނުމަށްފަހު ތަނބިކަށި ތެމޭވަރަށް މޫދަށް ފޭބިއެވެ. ރިއާން ޒީވާގެ ފައިވާން އަނެއް އަތަށް ބަދަލުކޮށްލުމަށްފަހު ފޯނުގެ ކެމެރާ ސީދާކޮށްލިވަގުތު ކުއްލިއަކަށް ޒީވާ ގެއްލިއްޖެއެވެ. ކަންބޮޑުވެފައިހުރެ ފަރާތްފަރާތަށް ބަލަމުން ދަނިކޮށް އޭނާއަށް ޒީވާ ފެނުނީ ތަންކޮޅެއް ދުރުން މޫދަށް ފޭބި ދެތިން އަހަރުގެ ކުއްޖަކާ ހިސާބަށް ދުވެފައިދަނިކޮށެވެ. މޫދާއި ދެ ފިޔަވަޅެއްހާ ގާތަށް ފޭބިފައިވަނިކޮށް ޒީވާގޮސް ހުށިޔާރުކަމާއެކު އެކުއްޖާ އުރައިލަމުން ދުރަށް ހިނގައިގަތެވެ. އަދި އެކުއްޖާއާ އެކި ސަކަރާތް ޖަހަމުން އެއްގަމަށް އެރިއެވެ. ރިއާންއަށް ހުއްޓުންއަރައިފައި އެ މަންޒަރު ބަލަން ހުރެވުނު އިރު އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ.

"ބަލާ.. ބަލާ އެހެރީ މޫން ބަލަ" އޮއްސެމުންދިޔަ އިރުގެ ހުރަސްފަރާތުން އަރަމުން އައި ހަނދަށް އިޝާރާތްކޮށް ޒީވާ އެކުއްޖާއަށް އެ ހަނދު ދައްކައިލިއެވެ. ރިއާން އައިސް ޒީވާއާ އަރައި ހަމަކޮށްލުމަށްފަހު އެކުއްޖާގެ ފުށްކޮޅެއްފަދަ ލޯބި ކޮލުގައި ކޮށްޓައިލިއެވެ.

"ދަރިފުޅޫ. ދަރިފުޅޫ ޔަލްވީ" އެކުއްޖާއަށް ގޮވަމުން ދުވަމުން އައި އަންހެނެއްގެ އަޑަށް ރިއާންއާއި ޒީވާ ފަހަތައް އެނބުރުނެވެ. އޭރު ރިއާންމެންނާއި ދާދި އެއް އުމުރެއްގެ އަންހެނަކު ދުވެފައި އާދެއެވެ.

"ތެންކްޔޫ އެނގޭ.. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގޭ" އޭނާ އެއްފަހަރު ޒީވާއަށް އަނެއްފަހަރު ރިއާންއަަށް ބަލައިލަމުން ބުންޏެވެ. ނަމަވެސް އޭނާ ރިއާންއާ ބަދަލުކޮށްލި ނަޒަރުގައިހުރި ތަފާތުކަން ޒީވާއަށް ފާހަގަކުރެވުނެވެ.

"މިއީ އެހާވަރު ކަމެއްނޫން…އެކަމަކު ތިގޮތަށް މިކަހަލަ ތަނަކަށް އައިސް ބޭބީ ދޫކޮށްލާފަ ބެހެއްޓުން ރަނގަޅެއްނުވާނެ. އެކުދިންނަކަށް އަލިފާނެއް ފެނެއް ވަކިކުރާކަށް ނޭނގޭނެ.. މޫދަކީ ކޮބާކަމެއް ނޭނގޭނެ.." ޒީވާ އޯގާތެރިކަމާއެކު ބުންޏެވެ. އެމީހާ ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.

"ޔެސް ޔެސް. އެނގޭ ތިކަން.. އަހަރެން އެއްވެސް ވަރަކަށް ޔަލްވީއާމެދު ފަރުވާކުޑަ ކޮށެއް ނޫޅެން.. އެކަމަކު ބައެއް ފަހަރު އެކަނިމާއެކަނި ކުއްޖެއް ގެންގުޅުމަކީ ފަސޭހަކަމެއް ނޫން. އެނގެއެއްނު އޭޒް އަ ސިންގަލް މަދަރ" އެމީހާ ދެންވެސް ބަލައިލީ ރިއާންއަށެވެ. ހިސާބަކަށް ހާމަވެފައިވާ ރިއާންގެ މެޔަށް އޭނާގެ ނަޒަރު ދަތުރުކުރިކަން ހުދު ރިއާންވެސް ދެނެހުއްޓެވެ.

ޒީވާ އެ އަންހެންކުއްޖާއަށް ލޯ އަޅައިލުމުން އެކުއްޖާ މާގިނައިރު އެތަނުގައި މަޑުކުރުމެއްނެތި ދުރަށް ހިނގައިގަތެވެ. އޭނާ ދިޔުމާއެކުހެން ޒީވާ ރިއާންގެ ކުރިމައްޗަށް ހުއްޓިލަމުން ރިއާންގެ ގަމީހުގެ މޭމަތިން ނައްޓައިލެވިފައިވާ ދެތިން ގޮށް އަޅުވައިލިއެވެ. ރިއާންއަށް އެކަންވީ މަޖާކަމަކަށެވެ. އޭނާގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ.

"ޕްރޮޓެކްޓިވް މަޗް؟" ރިއާން ލާނެތް ޒާތަކަށް އަހައިލިއެވެ.

"ރިއާންއަކާ ނުގުޅޭ ކުރިން ހުރި ގޮތެއް. ދޮންބެ އުޅޭހާ ގޮތަކަށް އުޅެންޖެހޭތަ؟ އެކި މީހުނާ ގުޅޭނީ އެކި ގޮތޭ" ޒީވާ ރިއާންގެ ގަމީހުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.

"އަދިވެސް ބޮޑާހާކާފަތަ؟" ރިއާން އަހައިލިއެވެ.

"އަހަރެން ބޮޑާހޭކީ ކޮން އިރަކުތަ؟" ޒީވާ ބުންޏެވެ. ރިއާން ވަކި ރައްދެއްނުދީ ހިނިތުންވުމަކުން ފުއްދައިލިއެވެ.

"އޯކޭ އޯކޭ.. ބޮޑަލެއް ނުހާކާ.. ދެން ކޮންމެވެސް އެއްޗެއް ކާން އުޅެމާ ދޯ" ރިއާން ބުންޏެވެ. ޒީވާ ހީވީ އުފަލުން އުދުއްސައިގެންފާނެހެނެވެ. ރިއާންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ކައިރީގައިހުރި ކާއެއްޗެހި ވިއްކާ ކުޑަ ހަޓަކާ ދިމާލަށް ދިޔައެވެ.

"ރެސްޓޯރަންޓްއަކަށް ނުދާނަންތަ؟" ރިއާން ސުވާލުކުރިއެވެ.

"ދެން މިކަހަލަ ތަނަކަށް މި އާދެވެނީ މަދު ފަހަރެއްގައެއްނު. އެހެންނޫނަސް މިތަނުގަ ބޯވަ ފިހެފަ ހުންނާނެ ވަރަށް މީރުކޮށް" ޒީވާ ބުންޏެވެ. ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާއާއެކު ދިޔައެވެ. އެބުނާ ފިހުނުބޯވައެއް ކައި ނިމުނު އިރު ޒީވާގެ މޫނު ހުރިގޮތްފެނި ރިއާންއަށް ހިނިގަނޑު ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ. ކުޅިވެފައިހުރުމުގެ ސަބަބުން ޒީވާގެ ދެލޮލާއި ނޭފަތުން ފެން ފައިބަމުންދިޔައިރު އަނގައިންވެސް އިރުއިރުކޮޅާ ޗޫސް ދަމައިލައެވެ.

"ތި ކުޅި ފިލާކަހަލަ ގޮތެއް ހޯދަމާ…" ރިއާން ބުންޏެވެ. ޒީވާ އަވަސް އަވަހަށް ބޯ ޖަހައިލަމުން ނިކަން އަވަހަށް ދެމީހުނަށް ދެ ވައްތަރެއްގެ އައިސްކޯނު ގަތެވެ. އަދި އެ ހިފައިގެން އެކި ވާހަކަ ތަކުގައިހުރެ ގެއާ ދިމާލަށް ހިނގައިގަތެވެ.

"ހްމްމް ވަރަށް މީރު. ބޭނުންތަ؟" ޒީވާ ގެންގުޅުނު ޗޮކްލެޓް އައިސްކޯނު ރިއާންއަށް ދިއްކޮށްލިއެވެ. ރިއާންގެ އަތުގައި އޮތީ ވެނީލާ އައިސްކޯނެކެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އައިސްކްރީމަކީ އޭނާ އެއްވެސް އިރަކު މާ ގަޔާވާ އެއްޗަކަށް ނުވެއެވެ.

"ކޭން އައި ޓޭސްޓް؟" ޒީވާ ރިއާންގެ ގާތު އަހައިލިއެވެ. ރިއާންއަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ.

"ކޮންމެހެން ޒީގެ އައިސްކޯންއިން އަހަރެންނަށް ނުދިނަސް އަހަރެންގެ އައިސްކޯން ދީފާނަމޭ" ރިއާން ދިމާކުރީ އެ އައިސްކޯން އެއްކޮށް ޒީވާއަށް ދިނުމަށެވެ. ނަމަވެސް ޒީވާ އޭގައި ހިފުމުގެ ބަދަލުގައި ރިއާން ގާތަށް ޖެހިލައި އެއަތުގައި ހިފަހައްޓައިލަމުން އައިސްކޯންގެ ރަހަބަލައިލިއެވެ.

ޒީވާގެ އަތް ރިއާންގެ އަތުގައި ބީހިލި ވަގުތު ރިއާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ވައިނޮޅީގައި ތާށިވިހެނެވެ. ހިނދުކޮޅަކަށް ވަށައިގެންވާ މާހައުލުގެ ހިނގުންވެސް މަޑުޖެހިލިހެން ހީވިއެވެ. އައިސްކޯންގެ ރަހަ ބަލައިލަމުން ޒީވާ އޭނާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު މުޅި މީހާ ގަނޑުވި ނަމަވެސް އުދާސްކަމާއި ހޫނުގެ އަސަރެއް ހަށީގައި ހިއްޕައިލިއެވެ. ހިކެމުންދިޔަ އަރުތެރެ ތެންމާލުމަށްޓަކައި ހިންދިރުވައިލަން އުޅުނު ވަގުތު ކުށި އެރުމުގެ ސަބަބުން ކެއްސައިލެވުނެވެ. ލިބުނު ސިހުމުގައި ޒީވާ ރިއާންގެ އަތުން ދޫކޮށްލުމާއެކު އޭނާގެ އަތުގައި އޮތް އައިސްކޯނުވެސް ދޫވެގެން ވެއްޓުނެވެ.

"ރިއާން… އޯކޭތަ؟" ޒީވާ ކަންބޮޑުވެފައިހުރެ އަހައިލިއެވެ. އެ ގާތްކަމުން ރިއާންއަށް އިތުރު އުނދަގުލެއްވި ކަހަލައެވެ. ހާސްވެފައިހުރެ ބޯޖަހައިލަމުން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

"ކޯން ވެއްޓުނީއެއްނު. އާ ކޯނެއް ގަންނަން ހިނގާ" ޒީވާ ބުންޏެވެ. ރިއާން ބޯ ހޫރައިލީ އެއީ މައްސަލައެއް ނޫންކަމުގައި ބުނަމުންނެވެ.

"ގެއަށް ދަމާ… އިރު އޮއްސި އަނދިރިވީނު" ރިއާން ބޭނުންވީ އެ އުދާސް މާހައުލުން ދުރަށްދާށެވެ.

ޒީވާއާ އެއްހަމައެއްގައިހުރެ ގެއާ ހިސާބަށް ހިނގަމުން ދަނިކޮށް އެތަނުން ފެނުނު ފިހާރައަކަށް ވަންނަން ޒީވާ ބޭނުންވިއެވެ. އެތަނުގައި ޑިސްޕްލޭ ކޮށްފައިހުރި ހުދުކުލައިގެ ބޫޓެއް މާ ރީތީޔޯލައެވެ. އަވަހަށް ގެއަށްދާން ބޭނުންވެފައިހުރެ ހިތާހިތުން ކުދިކިޔަމުން ރިއާން އެ ފިހާރައަށް ވަނެވެ. ޔުނީފޯމާއެކު އަރާ ބޫޓު ހަލާކުވެފަ ހުރުމުންނާއެކު ޒީވާ އެ ބޫޓު ނެގުމަށް އަވަސްވެގަތެވެ. އެހެނަސް އެތަނުން އަވަހަށް ނުކުތުމުގެ ހިޔާލެއް އޭނާ ނުގެންގުޅޭ ކަހަލައެވެ. އެތަނުގައިހުރި ހެދުންތަކުން ފަހަރަކު ހެދުމެއްގައި އަތް އުނގުޅަމުންދިޔައިރު އޭނާ މާ ގަޔާވި ދެ ހެދުމެއް ގައިގައި ޖައްސައިލައި ހެޔޮވަރުތޯ ބަލައިލިއެވެ. ނަމަވެސް އެ ހެދުން ތަކުގައި ޖަހައިފައިވާ އަގު ފެނުމާއެކު ދެލޯ ބޮޑުކޮށްލުމަށްފަހު ހެދުންތައް ބެހެއްޓިއެވެ. އެއީ ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ފިހާރައަކަށްވާތީ ދޫ އަގެއްގައި އެއްޗެއް ނުހުންނާނެކަން އޭރުވެސް ރިއާންއަށް އެނގުނެވެ. އެހެނެއްކަމަކު ރިއާން ޒީވާއަށް ނޭނގޭނެފަދައިން އެތަނުގައިހުރި ބިދޭސީ މީހާއަށް އެދެހެދުން ނަގައިދިނުމަށް އިޝާރާތްކުރިއެވެ.

ފައިސާދައްކާ ކައުންޓަރާ ހިސާބަށް ދެވުމާއެކު ރިއާން ވޮލެޓުން ނެގި ކާޑު އެތަނުގައި އިން ކޭޝިއަރަށް ދިއްކޮށްލިއެވެ.

"ރިއާން ޕްލީޒް.. މިއަދު ކާއެއްޗެހިވެސް ގަތީ ރިއާންއެއްނު.. އަހަރެން ޕޭ ކޮށްލާނަން" ޒީވާ ރިއާންގެ ފައިސާގައި ހިފުމަށް އުޒުރުވެރިވިއެވެ.

"ޒީވްއަށް މިތަނުންވެސް ޑިސްކައުންޓް ލިބޭތަ؟" ކެންޓީނަށް ފައިސާ ދެއްކި ދުވަހަށް އިޝާރާތްކޮށް ރިއާން ދިމާކުރުމުގެ ރާގެއްގައި ބުނެލިއެވެ.

"ދެން ރިއާން!!" ޒީވާ ސީރިއަސްވެފައި ގޮވައިލިއެވެ.

"އޯކޭ އޯކޭ.. މީގެ ފަހުން ކަންކުރާނެ ގޮތުގެ ޤަވައިދެއް ހަދަމާ.. ޑިސްކައުންޓެއް ލިބޭ ކޮންމެތާކުން ޒީވް ފައިސާ ދައްކާގޮތަށް.. ޑިސްކައުންޓް ނުލިބޭހާ ހިނދަކު އަހަރެން ފައިސާ ދައްކާގޮތަށް.. އެންމެ ރަނގަޅެއްނު" ރިއާން ފަހުގެ ނިންމުން އިއްވައިލިއެވެ. ކައުންޓަރުގައި އިން ކުއްޖާ އެދެމީހުނަށް ބަލައިލުމަށްފަހު ދެފަރާތަށް ބޯހޫރައިލިއެވެ.

"ޒީވް ބޭރުގަ މަޑުކޮށްލާ.. އަހަރެން މި ހިފައިގެން މި ނުކުންނަނީ" ރިއާންގެ ބަހަށް ބޯ ޖަހައިލުމަށްފަހު ޒީވާ އެތަނުން ނުކުތީ އޭނާއަކީ މިޒާޖުގައިވެސް ބަސްގަބޫލުކުރާ މީހަކަށްވާތީއެވެ. މާ ގިނައިރެއްނުވެ ރިއާން ދެ ކޮތަޅު ހިފައިގެން ފިހާރައިން ނުކުތެވެ.

"ކޮން ދެ ކޮތަޅެއް؟" ޒީވާ އަހައިލިއެވެ.

"މިއީ.. މިއީ އަނެއް.. ޒީވް ނުކުތްތަނުން އަހަރެންނަށްވެސް ރީތި ފައިވާނެއް ފެނިގެން ގަނެލީ" ރިއާން ފާޑަކަށް ހާސްވެފައިހުރެ ބުންޏެވެ. ޒީވާ އިތުރު ސުވާލެއް ނުކުރީތީ ހިތްހަމަޖެހިފައިހުރެ އަނެއްކާވެސް ހިނގަން ފެށިއެވެ. ބީޗުގައި ހިނގިއިރު ފުދޭވަރަކަށް ދުރަށް ހިނގުމުގެ ސަބަބުން ގެއަށް އައުމަށްޓަކައި އޮތް ރާސްތާވެސް އެހާމެ ދިގެވެ. ނަމަވެސް ފިހާރަހުރި ހިސާބުން ހިނގައިގަތް ތަނާހެން ޒީވާގެ ފައި އިރުއިރުކޮޅާ ފުރޮޅައިލަން ފަށައިފިއެވެ. ޒީވާގެ ހިނގުން މަޑުވާން ފަށައިފިއެވެ.

"އަހަރެން އެވަރަށް ބުނީމަވެސް ފައިވާން ބަދަލުނުކޮށް އައީއެއްނު" ރިއާންއަށް އެންމެފަހުން ނުހުރެވިގެން ބުންޏެވެ.

"އަޅެ. ގެ ވަރަށް ދުރުތަ އަދިވެސް؟" ޒީވާ މިފަހަރު ޖަދަލު ކުރުމުގެ ހިޔާލެއް ނުގެންގުޅުނެވެ.

"އަދި އެހާ ކައިރިއެއްނުވޭ" ރިއާން ތެދުތެދަށް ޖަވާބުދިނެވެ.

"އަޅެ ދެން އަހަރެންނަކަށް ނުހިނގޭނެ. އިރުކޮޅަކު މިތާ މަޑުކޮށްލަންވީނު. ބަހުގަވެސް ދެވިދާނެ" ޒީވާ ކައިރީގައިހުރި ބަސްހުއްޓިއަކާ ދިމާލަށް ދަމުން ބުންޏެވެ.

"ކާރުގަ އައި ނަމަ މިހެން ނުވީހެއްނު" ރިއާންގެ އަޑުގައި ރުންކުރުކަމެއް ހުއްޓެވެ. އޭނާ ހަގީގަތުގައިވެސް ހުރީ މީހުން އެއްވެ ތޮއްޖެހިފައިވާ ބަސްހުއްޓީގައި މަޑުކުރަން ޖެހުނީތީ ހިތްހަމަ ނުޖެހިފައެވެ. އެކަން ސިއްރުކުރަން އުޅުނު ނަމަވެސް އަޑުގައިހުރި ރުންކުރުކަމުން ޒީވާއަށް އެކަން ރޭކައިލިއެވެ.

"އޯކޭ. މަޑު ކުރާނެ ކަމެއް ނެތް.. ދާން ހިނގާ.. ހަމަ ގައިމުވެސް ދެން މި ހިނގިވަރަށް ހިނގާކަށް ނުޖެހޭނެއްނު" ޒީވާ ފައިވާން ބައިލައި އަތަށްލުމަށްފަހު ރިއާންގެ ކުރިއަށްހުރެ ހިނގައިގަތެވެ. ރިއާންގެ އަޑުގައިހުރި ރުންކުރުކަމުން އޭނާ ހިތުގައި ޖެހުނީއެވެ. ނަމަވެސް ދިހަ ވަރަކަށް ފިޔަވަޅުވެސް ދުރަށް ނުދެވެންދެން ރިއާން އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒީވާއާ އެއްހަމަކުރިއެވެ. އަދި ކޮތަޅުތަށް ހިފަލައްޓައިގެންހުރި އަތްނޫން އަނެއްއަތުން ޒީވާގެ އަތުގައި އޮތް ފައިވާން އަތުލިއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި ފައިވާން ބައިލައި ޒީވާގެ ކުރިމަތީގައި ބަހައްޓައިލިއެވެ. ޒީވާ ސުވާލު އުފެދިފައިހުރެ ރިއާންގެ މޫނަށް ބަލައިލިއެވެ.

"ހުސްފަޔާ ދަނިކޮށް ފަޔަށް އެއްޗެއް ހެރިދާނެ" ރިއާން ބުންޏެވެ.

"ދެން ރިއާންއޯ؟" ޒީވާ ކަންބޮޑުވިއެވެ.

"އަހަރެންގެ ފައިތިލައަށްވުރެ ޒީވްގެ ފައިތިލަ މާ ހަންތުނިވާނެ.. ޒީވް ހުސްފަޔާ ހިނގާފަ ދާ މަންޒަރު ބެލުމަށްވުރެ އަހަރެން ހުސްފަޔާ ހިނގާފަ ދާން އަހަރެންނަށް މާ ފަސޭހަ.. އެހެންނޫނަސް އަހަރެން ދާނީ ބަލައިގެން.." ރިއާން ބުންޏެވެ. ޒީވާ ދެކޮލުގެ އަޑިކޮޅި ފެންނަވަރަށް ހިނިތުންވެލުމަށްފަހު ރިއާންގެ ފައިވާން ފަޔަށް ހެޔޮވަރުކޮށްލިއެވެ.

ދެމަފިރިން އެކުގައި އުފާވެރި ހަވީރެެއް ވޭތުކުރި ނަމަވެސް ގެއަށް އާދެވުމާއެކު އެދެމެދަށް ބީރައްޓެހިކަން ވެރިވިއެވެ. އުފާވެރި ހުވަފެނަކުން ހޭލެވުނު ކަހަލަ އިހުސާސެއް ޒީވާއަށް ކުރެވުނެވެ.

"ޒީވް.. މިއޮތީ ކޮތަޅު.." ކޮޓަރިއަށް ވަންނަންދިޔަ ޒީވާއަށް ގޮވައިލަމުން ރިއާން ބުންޏެވެ.

"ރިއާން ދަނީތަ؟" ޒީވާ މާޔޫސްވިއެވެ.

"މިއަދު ރާހިލްއާއެކު ކޮފީއަކަށް ދާން އެއްބަސް ވެވިފަ އޮތީ.. ދެންއޮތް ކޮތަޅުވެސް ބަލާލައްޗޭ" ޒީވާ ބޯޖަހައިލަމުން އެދެކޮތަޅުގައި ހިފިއެވެ.

ރިއާން ލަސް ފިޔަވަޅުތަކެއްގައިގޮސް ގޭގެދޮރުން ނުކުތުމުގެ ކުރިން ޒީވާއަށް ހަނާ އަޅައިލިއެވެ. އެވަގުތު ޒީވާ ދުވެފައިގޮސް ރިއާންގެ ގައިގައި ބައްދައިލިއެވެ.

"ތެންކްޔޫ.. ފޯ ޓުޑޭ" ޒީވާ ރިއާންއާ ދުރުވެލަމުން ބުންޏެވެ. ރިއާންއަށް ރައްދުގައި ދޭނެ ޖަވާބެއް ނޭނގުނެވެ. ޒީވާއަށް އެކަން ވާނީ އެހެންކަން މާ ކުރިންވެސް އެނގޭ ކަހަލައެވެ. ރިއާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ދުވެލައިފައިގޮސް ކޮޓަރިއަށް ވަނެވެ.

*************

"ނޫނޭވާ ސާބަސް.. އަހަރެންމީ އަދި ކައިވެންޏަށް ހަފްތާއެއްނުވާ މީހާ.. ރިއާން މިހާރު ކައިވެނި ކުރިތާ ދެތިން މަސް ވީ. އަދިވެސް ދައްކަންހުރި ވާހަކަ ހުސްނުވަނީތަ؟ މިހާރުވެސް އަހަރެން މިތާ އިންކަންވެސް ހަދާނުލާ ހެވިދިލިފަ ތިއިންނަނީ ފޯނަށް ގެއްލިފަވިއްޔަ" ކުރިމަތީގައި އިން ރިއާންްއާ ދިމާކޮށްލުމުގެ ގޮތުން ރާހިލް ބުންޏެވެ. އެދެމީހުންތިބީ އާދައިގެ މަތިން ކޮފީބޯން އަންނަ ރެސްޓޯރަންޓްގައެވެ.

ރިއާންގެ ނަޒަރު އަތުގައި އޮތް ފޯނުން ފެންނަމުންދިޔަ ޒީވާގެ ފޮޓޮއަށް ހުއްޓިފައިވާއިރު އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އެއީ އޭނާ ކުރީދުވަހު ހަދިޔާކުރި ދެ ހެދުމުގައި ޒީވާ ނަގައިފައިވާ ދެފޮޓޮއެވެ. އޭގެ ތިރީގައި ޒީވާ ބޭރަށް ދިޔުމަށްޓަކައި ރީތީ ކޮން ހެދުމެއްތޯ އަހައި ރިއާންގެ ހިޔާލު ހޯދައިފައިވެއެވެ. ނަމަވެސް އެއީ އޭގެ ދެތިން ގަޑިއިރު ކުރީގެ މެސެޖެއްކަމުން މިހާރު އެ މެސެޖަށް ރައްދު ދިނުމުގެ ބޭނުމެއް ނެތްކަން ރިއާންއަށް އެނގުނެވެ.

"ބަލަ އަހަރެން ކިޔާ އެއްޗެއް އަޑުވެސް ނީވެނީތަ؟" ރާހިލް ބުންޏެވެ.

"ހޫން ކިޔާބަލަ. ކޮންހާ ޝަކުވާއެއްތަ؟ އަހަރެންނެއް ނޫނޭ ރާހިލްއަށް ގުޅައިގެން މިތަނަށް ގެނައީކީ" ރިއާން މޭޒުމަތީގައި ފޯނު ބޭއްވިއެވެ.

"ތި ދެން ވަރަށް ހެއްވާގޮތެއް.. އަހަރެން ރިއާން ގެނައީ ގަދަކަމުންތަ؟" ރާހިލް ބުންޏެވެ.

"ބޭކާރު ވާހަކަތައް ހުއްޓާލާފަ ދެން ކިޔާބަލަ. އަދިވެސް ޒީވާއަށް އަންގާކަށް ނުވޭތަ؟" ރިއާން ހުރީ ޒީވާއަށް އެހާބޮޑުކަމެއް ސިއްރުކުރަން ޖެހޭތީ ކަންބޮޑުވެފައެވެ.

"އަހަރެން ބުނިން ޝައިނާގާތު އަހަރެންނަށްވުރެން ޝައިނާ މިވާހަކަ ދެއްކިއްޔާއޭ ރަނގަޅުވާނީ.. އެކަމް އެލީޝާގެ ކަންތައްވެސް ކުރިއަށް އޮތީމަ ޒީ ހިތްހަމަ ނުޖެހިދާނެތީ ކަންނޭނގެ މިކަން ކިޔާދޭން ބޭނުން ނުވަނީ.." ރާހިލް ބުންޏެވެ.

"އަބަދަކު ސިއްރެއް ނުކުރެވޭނެ އެނގޭ.. ކޮންމެވެސް ދުވަހަކުން ޒީވާއަ—"

"އަވަހަކާ މަރެއް ނުވާނެ. ތިހިރަ އަންނަނީ ފަހަތުން" ރާހިލް ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ބުންޏެވެ. ރިއާން ފަހަތް ބަލައިލި ވަގުތު ޝައިނާއާއެކު އެތަނަށް ވަދެގެން އައި ޒީވާ ފެނުނެވެ. ޒީވާ ލައިފައިވަނީ އޭނާ އެދުވަހު ގަނެދިން ކަނޑުނޫކުލައިގެ ހެދުމެވެ.

"ކޮބާ؟ އަހަރުމެންވެސް ކޮފީއަށް މިއައީ. އެކަމަކު ދައުލަތާ އެއްވަރަށް ލާރި ލިބޭ މީހުން ތިއްބާ އަހަރުމެން ބިލް ކަނޑަނީ ކީއްކުރަން؟ ތިކޮޅަށް ފޮނުވާލާނަން އެނގޭ ބިލް" ރިއާންމެން ތިބި މޭޒާއި ގާތްވެލަމުން ޝައިނާ ސަމާސާ ރާގެއްގައި ބުންޏެވެ.

"މާ ދުރަކަށް ދާނެ ކަމެއް ނެތެއްނު؟ މި މޭޒަށް ޖޮއިން ކޮށްލާ" ރާހިލް ބުންޏެވެ.

"ޒީއަށް އޯކޭ އިއްޔާ އަހަރެންނަށް އޯކޭ" ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ޒީވާ ރިއާންއާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. އެ މޭޒުގައި ގޮނޑި ޖަހައިފައިވަނީ ދެފަރާތުގައި ކަމުން ޝައިނާއަށް ޖެހުނީ ރާހިލްއާ ޖެހިގެންހުރި ގޮނޑީގައި އިށީންނާށެވެ.

"އަސްލުވެސް ތި ހެދުން ވަރަށް ގުޅޭ.. އަހަރެން ހީކުރި ވަރަށްވުރެވެސް ބޮޑަށް" ރިއާން ޒީވާގެ ކަންފަތްދޮށުގައި ކޮށްލި ތައުރީފާއެކު ޒީވާގެ މޫނު ލަދުން ރަތްވިއެވެ. އެ މަންޒަރު ބަލަން ތިބި ރާހިލްއާއި ޝައިނާ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ.

"އޯހް ޕްލީޒް ގެޓް އަ ރޫމް.. ލަދުން ބޯ ހަލާކުވޭ ޕަބްލިކްގަވެސް އުޅޭ ވައްތަރުން" ރާހިލް ދިމާކޮށްލިއެވެ.

"ތިއުޅެނީ އަހަރެންގެ އަނގައިން އެއްޗެކޭ ބުނުއްވަން އެނގޭ" ރިއާންވެސް ވަކި ރާހިލްއަކަށް ދުލެއް ނުދިނެވެ.

ރާހިލްއަށް ރިއާން އެބުނި އެއްޗެއްގެ މާނަ އެނގުމާއެކު ހިމޭންވިއެވެ. އެވަގުތު އެ މޭޒު ކައިރިން އަޅާފައިދިޔަ ޒުވާން ފިރިހެނެއް ޝައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިތަންފެނި ޒީވާ ކަރުކެހިލުމަށްފަހު ލޮލުގެ އިޝާރާތުން ޝައިނާއަށް އެ ޒުވާނާ ދައްކައިލިއެވެ.

"ފެނުނޭ" ޝައިނާ ފާޑަކަށް އިނދެ ބުންޏެވެ.

"ދޭބަލަ ވާހަކަދައްކާލަން.. އެއްފަހަރުވެސް ވާހަކަ ދައްކާލީމައެއްނު އެނގޭނީ" ޒީވާ ބުންޏެވެ.

"ކާކު؟" ރާހިލްގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

"އެއިނީނު ޖެހިގެން އިން މޭޒުގަ މީހެއް.. ޝައި އާ އެއްކޮށް ބްރޭކް ގަޑީގަ މިތަނަށް އައިސް އައިސް އޭނާއަށް ޝައި ފެނިގެން ވާހަކަ ދައްކަން އުޅޭތާ ކިތަންމެ ދުވަހެއް.. އަޅެ ދޮންބެ ބަލާބަލަ. އޭނާ ޖަހާތަ ގޯސް މީހެއް ވައްތަރު؟" ޒީވާގެ ސުވާލާއެކު ރިއާންގާތަށް ހިނި އައި ނަމަވެސް އެކަން ފޮރުވައިލުމަށްޓަކައި ގަދަކަމުން ކެއްސައިލިއެވެ.

"ދެން ތާކުން ފެންނަހާ އެންމެނާ ވާހަކަދެއްކޭތަ؟" ޝައިނާ ކަންބޮޑުވެފައި އެއްފަހަރު ރިއާންއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލަމުން ބުންޏެވެ.

"އެކަމަކު އަހަރެންނަކަށްވެސް ހިއެއްނުވޭ ބަލާލާފަ ގޯސް މީހެއް ހެނެއް.. ދޯ ރާހިލް؟" ރިއާން ހީވަނީ ރާހިލް ރުޅިނައިސްގެން އުޅޭ މީހެއްހެނެވެ. އޭނާއަކީ އާންމުކޮށް އެކަހަލަ ކަންކަމުގައި ބަސްކިޔާ އުޅޭ މީހެއްވެސް ނޫނެވެ. ޝައިނާ ރިއާންއާ ދިމާލަށް ލޯ އަޅައިލިއެވެ. އެންމެފަހުން ރާހިލްވެސް ނުރުހުންވެފައި ފަހަތުގައި އިން ޒުވާނާއަށް ބަލައިލިއެވެ. އެއަށްފަހު ގާތް ގޮތަކަށް ޝައިނާ އިން ގޮނޑީގެ ފަހަތުގައި އަތް އަޅުވައިލިއެވެ. ޝައިނާއަށް އެކަން ފާހަގަވެ ހިނިތުންވެލިއެވެ.

"އަޅޭ މި އެލީ ކޮބާތަ؟ އަދިވެސް ފޯނެއްނުނަގާ! ޝައި ޔަގީންދޯ އޭނައަށް ގުޅިންކަން" ޒީވާ ފޯނުން އެލީޝާއަށް ގުޅަން މަސައްކަތްކުރިއެވެ.

"މިހާރު އެލީޝާވެސް ތިމީހުންގެ ގުރޫޕަށް ވެއްދީތަ؟" ރާހިލް ހައިރާންވެފައި އަހައިލިއެވެ.

"ހްމްމް. ވައްދަން ޖެހޭނެއްނު. ޒީގެ ވާން އުޅޭ ފަހަރިވިއްޔަ. އެލީ ގޮވައިގެން ވެޑިންގް ކޭކްގެ ޑިޒައިން ފައިނަލްކުރަން މި ދަނީ" ޝައިނާ ރުންކުރު ރާގެއްގައި ބުނެލިއެވެ.

"ހޫމް ސާބަސް. އަޅެ ޝައިވެސް ތީ އަހަރުމެންގޭ ކުއްޖެކޭ. ދޮންބެގެ ވައިފް އަހަރެންގެ ފަހަރިއަށް ވާގޮތަކަށް ހަމަ ޝައިގެ ފަހަރިއަށްވެސް ވާނޭ. ރިއާންއަށް އެނގޭތަ މި ޝައި އުޅެނީ ވަރަށް ފާޑަކަށް. ހީވާ ކަހަލަ އެލީ އަހަރުމެންގޭ ކުއްޖަކަށް ވީމަ އަހަރެން އެލީއާ މާ ގާތް ވާނޭ. އެކަމަކު އެންމެ ފުރަތަމަ އަހަރުމެންގޭ ކުއަޖަކަށްވީ ޝައިއެއްނޫންތަ؟" ޒީވާގެ ވާހަކައާއެކު މިފަހަރުވެސް ރިއާން ހިނިގަނޑު ހިފަހައްޓައިލަން މަސައްކަތް ކުރަމުން ދެފަހަރަކު ކެއްސައިލިއެވެ. ޒީވާއަށް އެބުނެވުނީ ކިހާ ވަރެއްގެ ހަގީގަތެއްކަން ޚުދު ޒީވާއަށްވެސް ނޭނގޭނޭ އޭނާގެ ހިތަށްއެރިއެވެ.

"ރިއާން ބަލީތަ؟ ހާދަ ވަރަކަށް ތި ކެއްސަނީ" ޒީވާ ކަންބޮޑުވެފައިހުރެ އަހައިލިއެވެ. ރިއާން ކަމެއް ނުވެޔޭ ބުނުމުގެގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ހަތަރު މީހުން އެކި ވާހަކައިގައިތިބެ ކޮފީ ނިންމައިލުމަށްފަހު ޝައިނާއާ ޒީވާ އެތަނުން ދާން ނުކުތީ އެލީޝާ ގުޅުމުންނެވެ.

"ދަނީ އިނގޭ.. މިއޮއް ގުޅަނީ ފަހަރި" ޝައިނާ ފޯނަށް އަރައިފައިވާ އެލީޝާގެ ނަންބަރު ރިއާންއާއި ރާހިލްއަށް ދައްކައިލިއެެވެ. އެމީހުން ނުކުތުމާއެކު ރިއާން އެ ހުރިހާއިރު ހިފަހައްޓައިގެންހުރި ހިނިގަނޑު ދޫކޮށްލަމުން ރާހިލްއަށް ބަލައިލިއެވެ. ރާހިލް ފާޑަކަށް ނުރުހިފައި އިނދެ ރިއާންއަށް ލޯ އަޅައިލުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރާހިލް އާއި ޝައިނާ ޒީއަށް ހަގީގަތް ކިޔާދެން ވެއްޖެ މިހާރު. ތިހެން އުޅެނިކޮށް އެހެން މީހެއްގެ ފަރާތުން އެނގުނީމަ ކަމަކުނުދާނެ. ޝިމާންއަށް ކިހިނެތްތަ މިވަނީ މިހާރު. ވަރަށް ރީތި މިބައިވެސް…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު