މިސަރުކާރުގެ އުއްމީދީ މަޝްރޫޢު، "ރަސްމާލެ" މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑައަގެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. ފަޒުލް މިހެން ވިދާޅުވެފައިވަނީ، "ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ފަޒުލް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް އެންމެ އަގުހެޔޮކޮށް އަދި ދައުލަތަށް އެންމެ ފައިދާ ބޮޑުކޮށް ހިންގާ މަޝްރޫޢުކަމަށާއި، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައްވެސް ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްގެން ކޮށްފައިވާކަމަށެވެ.
އެގޮތުން ހުޅުމާލޭ ފޭސް 3 އިން 96 ހެކްޓަރުގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރަށް 20 ހެކްޓަރުގެ ބިން ދީފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރުކަމަށް ފަޒުލް ވިދާޅުވިއެވެ. މިފަދަ މަޝްރޫޢަކާއި އަޅާ ބަލާއިރު މިސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫޢަކީ ބޮޑުތަނުން ދައުލަތަށް ފައިދާވާގޮތަށް ތަރައްޤީކުރާ މަޝްރޫޢެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.
ސަރުކާރުންވެސްވަނީ މިމަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް އަދި މާލީ ބުރައެއް ދައުލަތަށް އުފުލަންޖެހޭފަދަ ލޯނެއް ނުނަގާ، ހިންގާ މަޝްރޫޢެއް ކަމަށާޢި، މިއީ މާލީގޮތުން ދައުލަތަށް ފައިދާ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. އެ މަޝްރޫއު ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތަށް 8 މަސްތެރޭ ރަސްމާލޭ ބިންހިއްކާ ނިމޭނެ" އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒުލް ރަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި މަޝްރޫޢުއާއި ގުޅިގެން ކުރިމަތިކުރެވުނު ސުވާުލުތަކަށް ޖަވާބު އަރުވާފައެވެ.