Saturday, 15 June 2024

ވުޖޫދުގައި ނެތް "ޕީއެންއެފް"އިން އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަން ފަށައިފި

ރައީސް ޔާމީން އުފެއްދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ އައު ޕާޓީ، ޕީއެންއެފް އަދި ވުޖޫދުވެފައި ނުވާއިރު، އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަން ފަށައިފިއެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިގަތްއިރު އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ، އެ ޕާޓީ އުފައްދަވަނީ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ދިފާޢުކުރުމަށް ކަމަަށެވެ. އެއީ އެޕާޓީ ވުޖޫދަށް ގެނައުމަށް ފަސޭހަކުރަން ދައްކާ ވާހަކަތަކެއް ކަމުގައި ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

ނަމަވެސް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޙަރާކާތްތައް ހިންގަވަމުންދާ ކަން ފާހަގަކުރެވެއެވެ. އަދި ބޭފުޅުންގެ ވާހަކަތައްވެސް މުޅިން ހުރީ ސަރުކާރާ އިދިކޮޅަށްކަން ވެސް ފާހަގަކުރެވެއެވެ.

އެގޮތުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކުރީގެ މިނިސްޓަރ މަލީޙް ޖަމާލް ވަނީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު އަދި ރައްޔިތުން ބޭނުންވާ އެންމެ މުހިއްމު މަޝްރޫޢު ހިންގަން ފެށުމުންވެސް އެކަމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާފައެވެ.

"ވެހި ބިމުން އަކަ އިންޗިއެއްވެސް އަދި އެންމެ ވެލިފުކެއްވެސް ބޭރު ބަޔަކަށް ދިނުން ދެކޮޅުކަމަށް ބުނެ ވެރިކަމަށް އައި މީހުން އެންމެ ފުރަތަމަ ޕްރޮޖެކްޓް އެފެށީ 70 ހެކްޓަރުގެ ޕްރައިމް ބިން ބޭރު ބީހުންނަށް މިލްކުކޮށް ދީފަ. އެއީ ދިވެހި އާންމު ސައިޒުގެ 3 ރަށުގެ ބިން. ހެޔޮ ނުވާނެ." މަލީޙް ވިދާޅުވިއެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ދެ ނޫހެއްގެ މައްސަލައިގައިވެސް މަލީހް ޖަމާލް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެހެންނަމަވެސް، މިސަރުކާރުގެ އުއްމީދީ މަޝްރޫޢު، "ރަސްމާލެ" މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑައަގެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައްވެސް ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްގެން ކޮށްފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 އިން 96 ހެކްޓަރުގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރަށް 20 ހެކްޓަރުގެ ބިން ދީފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫޢަކާއި އަޅާ ބަލާއިރު މިސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫޢަކީ ބޮޑުތަނުން ދައުލަތަށް ފައިދާވާގޮތަށް ތަރައްޤީކުރާ މަޝްރޫޢެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްބާސް އާދިލް ރިޒާވެސް ވަނީ މި މަޝްރޫޢު ހިންގުމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާފައެވެ.

"މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާކުންފުންޏެއްގެ ފޯނުނަންބަރެއްވެސް ނެތް" ޖެއްސުމުގެ ރާގެއްގައި، ޕީއެންއެފްގެ މީޑިޔާ ގްރޫޕްގައި އައްބާސް އާދިލު ވިދާޅުވެފައިވެއެވެ.

އަދި މަލީހްގެ ޖަމީލުގެ ބޭބޭފުޅު، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ ލީޑަރވެސް ގެންދަވަނީ ސަރުކާރާ ދެކޮޅަށް ލިޔެފައި ހުންނަ ޕޯސްޓްތައް ޝެއަރކުރައްވަމުންނެވެ. އަދި މީޑީޔާތަކަށް އަރުއްވާ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވައެވެ.

ސަރުކާރާ ދެކޮޅަށް ރެލީތަކާއި އެއްވުންތައް ބާއްވަމުންދާއިރު، ޕީއެންއެފް ވުޖޫދުގައި ނެތެވެ. ކުރިން ވާހަކަ ދެއްކެވި ރާގު ބަދަލުވެ، ޕީއެންއެފްއިން ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަން ފަށައިފިއެވެ.

24 ގަޑިއިރު ތެރޭގައި 3،500 ފޯމު ހަމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، 21 ދުވަސް ވެގެން ދިޔަ އިރުވެސް މިވާހަކަތައް އެންމެ ބާރަށް ދެއްކެވި، އަދި އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ، ކުރީގެ މިނިސްޓަރ މަލީޙް ޖަމާލު އެއްވެސް ހިލަމެއް ނުވެއެވެ. މިހާރު އޭނާ މުޅިންވެސް ދައްކަވަމުން ގެންދަވަނީ ސަރުކާރާ އިދިކޮޅު ވާހަކަތަކެވެ. ކުރިން ވިދާޅުވަމުން ގެންދެވީ، ޕީއެންއެފް ވާނީ ސަރުކާރަށް އެއްބާރުލުންދޭ ޕާޓީއެއް ކަމުގައެވެ. ނަމަވެސް ރާގު ބަދަލުވެއްޖެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު