ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ސަރުކާރުގެ ތަރުޖަމާނު ޝަހީބު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ޗީފް ސްޕޯކްސްޕާސަން މިހެން ވިދާޅުވެފައިވާއިރު، ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކޮށްފައިވާއިރު، އެ ދެ ހޭންޑަލުން ހިންގާ ޚަބަރު ވެބްސައިޓުތަކަށް އިއްޔެއިން ފެށިގެން ނުވަދެވެއެވެ. ސަރުކާރުން ވިދާޅުވީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ހިނގަމުންދަނީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީ ކުރުމެއް ނެތިއެވެ.
ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބްލޮކް ކުރުމުން ކަންބޮޑުވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.