Thursday, 20 June 2024

އަބުރާއި ޢިއްޒަތެއްވެއެވެ. ގަލަމުގެ ހުދޫދު ފަހަނައަޅައި ދެވިދާނެތަ؟

ނިދިން ހޭލެވުނީ ހުކުރުވިލޭރެއިން ފެށިގެން "ދިޔަވަރު" އަދި "ކުރުސީ" ގެ ނަމުގައި ހިންގި ދެ ވެބްދައިޓް އަކަށް ނުވަދެވިގެން އުޅޭ ޚަބަރާ އެކުގައެވެ. "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ނޫސްތަކެއް ނޫނެވެ. މަސްޢޫލުވެރި ފަރާތެއް ނޭނގެއެވެ. މި ދެ ވެބްސައިޓަކީވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވީންސުރެ، އެއްވެސް އަސާސެއް ނެތި ގިނަ ލިޔުންތަކެއް ލިޔަމުންދާ ދެ ވެބްސައިޓެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ހިންގާ ކަންކަން ޒިންމާދާރުކުރުމުގެ ނަމުގައި، ކަންކަމާ ބެހި ފާޑުކިޔުންތައް އަމާޒުކޮށް ލިޔުންތައް ލިޔަމުންދަނީ މާ ބޮޑު އަސާސްތަކެއްގެ މައްޗަށް ބުރަވެގެން ނޫންކަން ފާހަގަކުރެވެއެވެ.

މިއީ ކޮން ބައެއް ހިންގާ ވެބްސައިޓުތަކެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ޝަހީބު ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

"ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ނޫސްތަކެއް ނޫނެވެ. މީގެ ކުރިންވެސް ރަޖިސްޓަރ ނުކޮށް ރާއްޖޭގައި ނޫސްތައް ހިންގިއެވެ. މީގެ ކުރިންވެސް އެކަމަށް ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.

ހުދޫދެއް ނެތި ދުލާއި ގަލަމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް އަޑު އުފުލަމުންދަނީ ޑިމޮކްރެސީއަށް މާ ލޯބިކުރާ ފަރާތްތަކެއް ކަމަށްވެއެވެ. ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބްލޮކް ކުރުމުން ކަންބޮޑުވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ މިއަދު ވިދާޅުވެފައެވެ. އޭނާ ވަނީ މިއީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއްގެ ގޮތުގައި ސިފަކުރައްވައި ސަރުކާރުގެ އަނިޔާވެރިކަން ފުޅާދާއިރާއެއްގައި ހިންގުމަށް އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީނެތުންކަމަށް ވިދާޅުވެފައެވެ. އޮންލައިން ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، ނުވަދެވޭގޮތް ހަދާފައިވާތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ފަރާތުން މަޖިލިސް ތަމްސީލްކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބަޔަކު ލިޔާހާ އެއްޗަކަށް ސަރުކާރަކުން ގުޑުގުޑުލާން ފަށައިފިނަމަ ރައްޔިތުން ސަރުކާރާމެދު މާބޮޑަށް ޝައްކުކުރާނެކަމަށެވެ.

މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދަމަހައްޓަން ޖެހެއެވެ. އެހެންނަމަވެސް، ޤާނޫނާއި ހުދޫދާއި އިންތަކެއް ވާނެއެވެ، ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަކީ ދިވެހި މީޑިޔަތަކަށް ލާޒިމުކަމެކެވެ. ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް އޮންނައިރު މީޑިޔާގެ މަސްޢޫލުވެރި ފަރާތްތަކުންވެސް ކަންކުރަންޖެހޭ ގޮތްތަކެއް ހުންނާނެއެވެ. ނަފުރަތާއި ބިރުވެރިކަމަށް ފުރުޞަތު ހުޅުވާލައިގެން ނުވާނެއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނެއް އޮވެއެވެ. އެ ޤާނޫނަށް ނަޒަރު ހިންގާލާއިރު، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، އެފަދަ ކޮންމެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ހައްގެއްކަމުގައި ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ވަނީ ބުނާ ނުވަތަ ޝާއިއަުކުރާ ދޮގު މައަުލޫމާތެއްގެ ސަބަބުން ނުވަތަ ތެދުނޫން ވާހަކައެއްގެ ސަބަބުން ނުވަތަ ދޭ ޒާތީ ބަހުގެ ހަމަލާއެއްގެ ސަބަބުން ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެކަމަކުން އަސަރުފޯރި ފަރާތަށް ނުވަތަ އެކަމެއް މުހާތީަބުކުރެވޭ ފަރާތަށް، އެކަމެއްގެ ހަޤީގަތް ހާމަކޮށްދިނުމުގެ ނުވަތަ އެކަމަކަށް ރައްދުދިނުމުގެ ނުވަތަ އެކަމެއް އިގްްލާހުކޮށްދިނުމުގެ ފުރިހަމަ ހައްޤު ލިބިގެންވާ ކަމުގައެވެ.

އެ ޤާނޫނުގައިވާ ގޮތުން، 6 ވަނަ މާއްދާގައި ވަނީ އަންނަނިވި ހާލަތްތަކުގައި މެނުވީ، މިނިވަންކަމާއެކު ފިކުރުކުރުމާއި، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ހ) ފާޅުކުރާ ހިޔާލަކީ އިސްލާމްދީނުގެ އަގްްލަކާ ހިލާފު ހިޔާލަކަށްވުން؛

(ށ) ފާޅުކުރާ ހިޔާލަކީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ހިޔާލަކަށްވުން؛

(ނ) ފާޅުކުރާ ހިޔާލަކީ، އެހެން މީހެއްގެ ހައްގަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ހިޔާލަކަށްވުން؛

(ރ) ފާޅުކުރާ ހިޔާލަކީ، އާންމު ނިޒާމާ ހިލާފު ހިޔާލަކަށްވުން.

ކަން މިހެން އޮތްއިރު، ޒިންމާވާނެ ފަރާތެއް ނުވަތަ މަސްޢޫލިއްޔަތު އުފުލާނެ ފަރާތެއް ނޭނގޭގޮތަށް މީހުންގެ ކަރާމާތާއި އަބުރަށް އަރައިގަތުމުގެ ފުރުޞަތު އޮންނާންވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ބޭނުންހާ އެއްޗެއް ބޭނުންވާހާ ގޮތަކަށް ކޮށައި މަށައިގެން ލިޔެ، މުޅި މުޖްތަމަޢު ބައިބައިކޮށް ޤައުމުގެ ވެރިން ބަދުނާމުކޮށް ހެދޭނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ރައްޔިތުން ވެރިންނަށް ކުރާ އިޙްތިރާމާއި ޤަދަރު ފުހެލުމަށް ޖާގަ ދެވިގެން ނުވާނެއެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެސް ހުދޫދެއްގެ ތެރޭގައި އޮންނަންޖެހޭނެ ކަމެކެވެ. އަދި ޒިންމާތަކެއްވެސް އޮންނާންވާނެ ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު