ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށް، ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށާއި، ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. އަދި އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން." ޝަހީބު ވިދާޅުވިއެވެ.
ޗީފް ސްޕޯކްސްޕާސަން މިހެން ވިދާޅުވެފައިވާއިރު، ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކޮށްފައިވާއިރު، އެ ދެ ހޭންޑަލުން ހިންގާ ޚަބަރު ވެބްސައިޓުތަކަށް އިއްޔެއިން ފެށިގެން ނުވަދެވެއެވެ. ސަރުކާރުން ވިދާޅުވީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ހިނގަމުންދަނީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީ ކުރުމެއް ނެތިއެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުން އެ ފިޔަވަޅު އަޅާފައި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށާއި އަދި ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
މިއަދު ހެނދުނު ޝަހީބު ކުރެއްވި ޕޯސްޓެއްގައި ވަނީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބްލޮކް ކުރުމުން ކަންބޮޑުވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.