"މާތްކަލާކޯ، ތިޔަބޭފުޅުން މާތާހިރެއް ނޫން ތިޔަވާހަކަ ދައްކާކަށް" މިހެން ވިދާޅުވެ، ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާސަން މުޙައްމަދު މިއުވާނަށް، އުނގުފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ރައްދެއް ދެއްވައިފިއެވެ.
އޭނާ އެކްސްގައި ރައްދެއް ދެއްވާފައި މިވަނީ، "ހައިރާންވާން ޖެހޭ ވަރުގެ ކަމެއް އަދި ނުހިނގާ. މިކަން މިމަގުން ހިނގާނެކަމަށް ކެމްޕޭންތެރޭގައި ތަކުރާރުކޮށް އެމްޑީޕީ އިން ދިޔައީ ބުނަމުން. އަދި މިއީ ފެށުން." ކަމަށް ބުނެ މިއުވާން ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
މިއުވާން އެކްސްގައި މިގޮތަށް ވިދާޅުވެފައިވަނީ، ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ގެ ނަމުގައި ހިންގާ ދެ ވެބްސައިޓެއް ސަރުކާރުން ބްލޮކްކުރެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސަރުކާރުން ވިދާޅުވީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ހިނގަމުންދަނީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީ ކުރުމެއް ނެތިއެވެ.
މިއުވާންގެ ޕޯސްޓަށް ރައްދުދެއްވައި މުޙައްމަދު ވަޙީދު ޙިއްސާކުރެއްވި ޕޯސްޓާއެކު އޯޝަން ވީކްލީގެ ޕޯސްޓަރެއް ޙިއްސާކުރެއްވިއެވެ. އެ ޕޯސްޓަރުގައި ވަނީ "ޕްރެސް ފްރީޑަމްގެ އިންޑެކްސްގެ އިންޒާރު: ފައިސާ ބަހައިގެން ދިވެހިރާއްޖޭގެ ނޫސްވެރިކަން އޮބި އަޅުވާފައި!"، މިހެންނެވެ. ވައްޑޭ އިޝާރާތް ކުރައްވާފައި އެވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އޮބެހެއްޓިފައިވާ ނޫސްވެރިކަމުގެ ވާހަކައެވެ. ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން ކުރީގެ ސަރުކާރުގެ އިސް ފަރާތްތަކުން ވާހަކަ ދައްކަވަމުންދާއިރު، ކުރީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަދެއްވާފައި ނުވާ ކަމުގެ ވާހަކައެވެ. ފައިސާ ބަހައިގެން ސަރުކާރުގެ ކޮންޓްރޯލުގެ ދަަށަށް ރާއްޖޭގައި ހިންގާ ނޫސްތައް ގެނައުމަށް ކުރީ ސަރުކާރުން ކުރެއްވި މަސައްކަތުގެ ވާހަކައެވެ.
މާތްކަލާކޯ، ތިޔަބޭފުޅުން މާތާހިރެއް ނޫން ތިޔަވާހަކަ ދައްކާކަށް. https://t.co/xSe6r8w4ub pic.twitter.com/kFwl7JHoiJ
— Waddey (@waddey_) December 22, 2023