Saturday, 22 June 2024

ނޫސްވެރިކަން! ހުދޫދެއްނެތި ދޫކޮށްލާ ވަރުގެ ކަމެއްތަ؟

މީގެ 5 އަހަރެއްހާ ދުވަސް ކުރިން ނޫހެއް ރަޖިސްޓްރީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރީމެވެ، ރަޖިސްޓްރީކުރަން ޖެހުނީ ވަރަށް ބުރަ އުފުލައިގެންނެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ އިޤްތިޞާދީ ގޮތުން ރާއްޖެއޮތް ހިސާބު، ނުވަތަ ވަކާލާތު ކުރަންވީ ކަންކަން ރައްޔިތުންނަށް ތިލަ ކޮށްދިނުމެވެ. އިޖުތިމާޢީ ހޭލުންތެރިކަމާއި ގުޅުންތައް އިޤްތިޞާދީ ފުދުންތެރިކަމާއި ކުރިއެރުމާއި ގުޅިލާމެހޭ މިންވަރު ހާމަކޮށްދިނުމެވެ. ޖުމްލަކޮށް އިންސާނީ ތަރައްޤީ ސިފަކޮށްދިނުމެވެ.

މިކަމަށްޓަކައި އަޅުގަނޑުމެންގެ ފަންނީ ލަފަޔާއި ތަޖުރިބާ ރައްޔިތުންނާއި ހަމައަށް ތިލަކުރުމަށްޓަކައި ހޯދަން ޖެހުނީ ނޫސްވެރިކަމުގެ ސަނަދެއް ނުވަތަ ތަޖުރިބާހުރި ފަރާތެކެވެ. އަޅުގަނޑުމެންގެ ފަންނީ ޓީމުގައި އިޤްތިޞާދީ މާހިރުންނާއި، ޤާނޫނީ ވަކީލުންނާއި، ތަޖުރިބާކާރު އިޖުތިމާޢީ މަސައްކަތްތެރީންވެސް ހިމެނޭ ހާލު، އަޅުގަނޑުމެން ޖެހުނީ މިދެންނެވި ނޫސްވެރިޔާއަށް ބަރޯސާވެ، މުޅި ފަންނީ "ކޮންޓެންޓް" އެފަންނު ނޭނގޭ ފަރާތަކާއި ޒިންމާ ކުރުވާށެވެ.

މިއަދު ޒިންމާ ވާނޭ ފަރާތެއް ނެތި އަނެކާގެ ޙައްޤަށް ކިތަންމެ ބޮޑު އުނިކަމެއް، ނުވަތަ މުޖުތަމަޢު ކިތަންމެ ބޮޑު ފަސާދައެއް ކޮށްފާނޭ ބަޔަކުވެސް، އަދި ދީނާއި އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް ކިތަންމެ ކޮންޓެންޓެއް ލިޔުނުކަމުގައިވިޔަސް ހެޔޮ ކަމަށް ނޫސްތައް ލިޔެ އަނެކުންގެ އަބުރު ކަތިލާނޭ ވަރަކަށް ކަތިލިޔަސް ހެޔޮކަމަށް ހަދާއިރުވެސް ޙަޤީޤީ ނޫސްވެރިންވެސް ދިފާއުގައި ތިބީތާއެވެ.

މިއަށްވުރެ ހެޔޮ ގޮތްތައް އެބަހުރި ނޫންތޯއެވެ. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި، ޒިންމާވުން ލުއިކޮށްފައި، ޒިންމާވާނޭ ފަރާތް އެނގޭގޮތަށް ޒިންމާދާރު ނޫސްވެރިކަން ފުޅާކުރަންވީ ނޫންތޯއެވެ؟ ޒިންމާދާރު ކަމެއް ނެތް ނޫސްވެރިކަން ހަނި ކުރުމަކުން މައްސަލައެއް ނެތެވެ. ނޫސް މަޖައްލާގެ ރަޖިސްޓްރީގެ ކެޓަގަރީތަކެއް ކަނޑައަޅައި، ތަރީގެ ނިޒާމްއެއް އެކުލަވާލައި، ލިޔުންތެރިންނަށް ތަރި ދިނުމުގެ ޙައްޤު ފަހިކޮށްދޭންވީ ނޫންތޯއެވެ؟ ބްލޮގްތައްވެސް ރަޖިސްޓްރީކޮށްގެން ލިޔާނޭ މަގުވެސް ތަނަވަސްކޮށްދޭންވީ ނޫންތޯއެވެ؟ އަދި ޒިންމާދާރު ކުރެވެން ކުރަން ހުރި ކަންކަން، ކަމާއި ގުޅޭ އިދާރާތަކާއި، ޖަމްޢިއްޔާތަކުން ކުރަންވީ ނޫންތޯއެވެ؟ ބްލެކްލިސްޓް ކުރުމަކީ ވެސް ކުރެވިދާނޭ ކަމެއް ނޫންތޯއެވެ؟ މީސް މީޑިއާގައި އުޅޭ ފިތުނަވެރި އައިޑީތަކާއި، ނޫސް މަޖައްލާތަކާއި އެއްހަމަކޮށް އަބައިމީހުންގެ ދިފާޢުގައި ޙައްޤު ނޫސްވެރިން ނުކުތީމައި އަޅުގަނޑަށް ހަމަ ނޫސްވެރިކަމުގެ އަގުވެއްޓިފައިވާ މިންވަރު އިޙްސާސް ކުރެވުނީއެވެ.

ރައްޔިތުން ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެކެވެ. އަސްލު ރައްޔިތުން ހޭލުންތެރި ކުރުވާނޭ ނޫސްވެރިކަމެކެވެ. ރައްޔިތުންނަށް ޙަޤީޤަތް ދައްކައި، ރައްޔިތުންނަށް މަންޒަރުތައް ޙަޤީގަތަށް ތިލަކޮށްދޭނޭ ނޫސްވެރިކަމެކެވެ. ހުދޫދެއްނެތި ދޫކޮށްލުމަށްވުރެ، އަނެކުންގެ ޙައްޤު ފަހަނައަޅާ ނުދާނޭ ނޫސްވެރިކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު