Thursday, 25 July 2024

ތުޅާދޫ ދާއިރާއަށް ޒުވާން ޤާބިލު ކަނބަލެއް!

ތުޅާދޫ ދާއިރާގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މި ފަހަރު ފެންނަ އެންމެ ތަފާތު އެއް ނަމަކީ އަލްއުސްތާޛާ އައިމިނަތު ރިފްޤާ ނުވަތަ އާންމު ނަމުން ނަމަ ރިފޫގެ ނަމެވެ. ދާއިރާގެ 2 ރަށަށް ނިސްބަތްވާ ރިފޫއަކީ ޤާނޫނީ ދާއިރާގައި ހަރަކާތްތެރި ޒުވާން ކަނބަލެކެވެ. ރިފޫގެ މަންމައަކީ ތުޅާދޫގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ ޝަހީމާ މުޙައްމަދު (ބޮޑުމުހުނދު ސިއްތި) އެވެ. އަދި ބައްޕަ އަކީ ފެހެންދޫ ޢަބްދުލްކަރީމް (ކަރީމްބެ) އެވެ.

ރިފޫގެ ތަޢުލީމީ ޙަޔާތް ފެށުނީ އިންޑިއާގެ ޕްރީސްކޫލަކުން ނަމަވެސް، އަޙްމަދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާފަދަ ރާއްޖޭގެ އެންމެ ކާމިޔާބު މަދަރުސާތަކުން ތަޢުލީމު ހާސިލްކުރި ރިފޫއަކީ މަދަރަސީ ދައުރުގައިވެސް ކަންކަމުގައި އިސް ނަގާ ގަރލްގައިޑް އަދި ބަހުސް މުބާރާތް ފަދަ ކަންކަމުގައި ނަގާކިޔާ ދަރިވަރެކެވެ.

އެހެންކަމުން، މިއަދު ރިފޫ އެ ވަނީ ތަޢުލީމާއި ތަޖުރިބާގައި ފުންނާބު އުސް ހިސާބަކަށް ވާސިލްވެފައެވެ. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ޙާސިލްކޮށްފައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރަމުން އަންނަ ތަޖުރިބާކާރު ވަކީލެކެވެ. ލެޖިޓް ލޯ ފަރމް ގެ ޕާރޓްނަރެއްގެ އިތުރުން ވައިސް ލީގަލްގެ އިސް ލޯޔަރަކީ ރިފޫއެވެ. މީގެ އިތުރުން ރިފޫގެ މަސައްކަތުގެ ތަޖުރިބާތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ވިލަރެސް ކުރުމުގެ 6 އަހަރު ދުވަހުގެ ތަޖުރިބާ އެބަ ހުއްޓެވެ. މި ތަޖުރިބާ އާއިއެކު މިދާއިރާ ހަރުދަނާ ކުރަންވީ ކަންކަމަށް ރިފޫގެ ތަޖުރިބާއިން ކުރެއްވި ދިރާސީ ލިޔުއްވުމެއްވެސް ލިޔުއްވިއެވެ.

މީގެ އިތުރުން އުމުރުން އެންމެ 17 އަހަރުން ފެށިގެންވެސް ޤަޢުމީ ލޯބީގައި ސިޔާސީ މަސައްކަތް ކުރުމަކީވެސް ޝަޢުގާއިއެކު ކަމާއިވެގެން ރިފޫ ކުރަމުންއަންނަ ބުރަ މަސައްކަތެކެވެ. 2013 ގައި ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމުގައި ފެއްޓެވި މަސައްކަތުން ފެށިގެން 2023 ގެ ރިޔާސީ އިންތިޚާބާއި ހަމައަށްވެސް ހައްޤުބަސް ބުނުމުގައި ދެމިހުންނެވިއެވެ. މިގޮތުން 2018 ގެ ރިޔާސީ ކެމްޕޭންގައި ރައީސް ޔާމީންއަށް މަސައްކަތް ކޮށްދެއްވުމުގެ އިތުރުން، ތުޅާދޫ ފުރަތަމަ ޕީޕީއެމް ގޮފި އުފެއްދުމުގައި އެއިރު އެންމެ 18 އަހަރުގެ ރިފޫގެ ރޯލް ކުޑައެއް ނޫނެވެ. މީގެ އިތުރުން ނިމިދިޔަ 2023 ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތުޅާދޫގައި މުޒާހަރާ ތަކުގައި ބައިވެރިވި މީހުންގެ ޚިޔާލު ފައުޅު ކުރުމުގެ ޙައްޤު އުނިވާ ގޮތަށް ފުލުހުން ހިންގި އޮޕަރޭޝަންގައި، ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންގެ ދިފާޢުގައި ފުލުހުންނާއި ވަކާލާތު ކުރެއްވުމާއި، ޤާނޫނީ ވަކީލެއެގެ ޒިންމާ އަދާކޮށް ދެއްވިއެވެ. ހިލޭ ސާބަހަށް ދާއިރާގެ ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމުގައި ރިފޫ މިސާލުދެއްކީ މިއަދު އެކަންޏެއް ނޫނެވެ.

މިއަދު ރިފޫ މަޖިލިހަށް ކުރިމަތި އެލަނީ ރިފޫގެ އެކުވެރި އެތަށް ޒުވާނުންގެ އެދުމުގެ މަތިން، ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް އަޑު އުފުލާދޭނޭ ޚާދިމަކަށް ވުމަށެވެ. މީގެ ކުރިންވެސް އަދާ ކުރަމުންދިޔަ ބޮޑު ޒިންމާ، ރަސްމީ ސިފައެއްގައި ފުޅާދާއިރާއެއްގައި ޚިދުމަތް ކުރުމަށެވެ.

ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނޭކަމުގެ އިތުބާރާއިއެކުއެވެ. ރައްޔިތުންގެ އަޑުއަހާ، އެއަޑު އުފުލާދޭނެ ކަމުގެ އުންމީދު އައުކޮށްދެމުންނެވެ. ވަކި ފިކުރަކަށްދީގެން ތުޅާދޫގައި ފެއިލްވެފައިވާ މަޖިލިސް ގޮނޑި އަށް އިޚްލާސްތެރި ކަމުގެ ނޫރު އައު ކޮށްލަ ދިނުމުގެ އުންމީދުގައެވެ. ސަރުކާރުގެ މެނިފެސްޓޯގައި ތުޅާދޫ ދާއިރާއަށް ހުރި ކަންކަން ކުރުމުގައި ސަރުކާރަށް ވާގިވެރިވެ، މުހިއްމު އެހެނިހެން ކަންކަމުގައި ސަރުކާރާއި ރައްޔިތުންނާއި ދެމެދު އެޅޭ ފާލަމެއްގެ ގޮތުގައެވެ.

ރިފޫގެ މަސައްކަތުގެ މަންޒިލަކީ ސަރުކާރާއި ގުޅިގެން ލާމަރުކަޒީ އުސޫލުން ރަށް ރަށް ހިންގުމަށް ޤާނޫނާއި ޤަވާއިދު ތަކުގައި ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައި ދިނުމަށާއި، ރާއްޖޭގެ އެންމެހާ ސަރަޙަދުތަކުގައި ގޯތި، ފެލްޓް، އަދި ރޯ ހައުސް ދޫކުރާއިރު އެ ރަށުގެ ރައްޔިތުންނާއި ބީރައްޓެހި އުސޫލުތަކަށް ޤާނޫނީ ޙައްލެއް ހޯދައި ދިނުމެވެ.

ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނާއި އަދި ތެލަސީމިއާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ޤާނޫނު ތަކުގައި ހުރި ފޫ ނުބެދޭ ކަންކަން އިސްލާޙު ކުރުމަށް ވަކާލާތު ކުރުމަކީ ވެސް ރިފޫ އެފަރާތްތަކަށް ވަޢުދުވާ ކަމެކެވެ.

"އަޅުގަނޑުގެ އުންމީދަކީ ރައްޔިތުން އެދޭ ފަދަ ފުދުންތެރި، ހޭލުންތެރި، ތަރައްޤީ އާއި ތަހުޒީބުގެ މަންޒިލަށް ދީނީ އިޖުތިމާޢީ ހެޔޮ މަގުން ހިނގާ ބަޔަކަށް ހަދައި ދިނުމުގައި، ގެދޮރުވެރިކަމުގެ ޤާނޫނު ތަކާއި، ތަޢުލީމީ ނިޒާމާއި، ވަށާޖެހޭ ދެމެހެއްޓެނިވި އުސޫލަކުން ކަންކަން ހިންގާނޭ، ފަދަ ޤާނޫނީ ޙައްލު ތަކެއް ހޯދައިދީ، ތަންފީޛު ކުރެވޭ ކަން ކަށަވަރު ކުރުމުގައި ސަރުކާރު ޒިންމާ ކުރުވުމަކީ އަޅުގަނޑުގެ އަމާޒު، ދާއިރާއަށް ޙައްލު ލިބޭނީ މުޅި ޤަޢުމުގެ މިޙާލަތު ބަދަލުކޮށްގެން، ދާއިރާގެ ހުރިހާ ރައްޔިތުންގެ އަޑު އިއްވައިދީގެން، ފަސާދަ ނައްތާލައިގެން" މިއީ ރިފޫ އެއް ޖުމްލައިން ދާން އުޅޭ މަންޒިލް ސިފަކޮށްދެއްވި ގޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު