މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު، އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ 18 އަހަރުގެ މުހަންމަދު ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމާއި ނަމަވެސް، އޭނާގެ ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.
ނާއިޝްގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށާއި، އޭނާ ހޯދުމުގެ ސާޗް އޮޕަރޭޝަން އެމްއެންޑީއެފް އިން ހުއްޓާނުލާ މިއަދު ވެސް ކުރިއަށް ގެންދާކަމަށް ވަނީ ހާމަކުރައްވާފައެވެ. މި އޮޕަރޭޝަންގައި ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ.
ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް ތިން ރައްޓެހިންނާ އެކު ގޮސްގެން އުޅެނިކޮށެވެ. އެ ސަރަހައްދަކީ ކަކޫތާ ފެނުގައި އޮންނަ އެކަމަކު، ވަޅުގަނޑުގަނޑު ގިނަ ސަރަހައްދެއް ކަމާއި އެހެންވެ، އެއިން ވަޅުގަނޑަކަށް ގެނބުނަސް، ސަލާމަތްވާން ދެން ވަރަށް އުނދަގޫވާނެ ކަމަށް އެ ރަށު މީހުން ބުނެއެވެ.