މަސީން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސަށް އަރުވައިފި

އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު"  ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު"، މިރޭ އޮތް "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023″ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާ މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު އަލީ ޖަނާޙެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި މިދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމުގައެވެ. މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާޞިލުވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް އެ އިންޑަސްޓްރީން ލިބިދެވެންޖެހޭކަމަށާއި އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އޮންނަ އިންކްލޫސިވް އިންޑަސްޓްރީއަކަށްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ބައެއް ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމުގައި ވެސް ބުރަމަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޤަވާޢިދުތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި، ޕޮއިންޓްދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ޤައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދިއުން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ