16 ފެބުރުވަރީ 2025

މާރޗުމަހު ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފަށަނީ

މާރޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން ކަމަށެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.

ޞިއްހަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މީގެކުރިން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައި، ރައްޔިތުންނަށް ލުއިފަސޭހަ ޞިއްހީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. ވަޒީރު ވިދާޅުވީ އެއަރ އެންބިއުލަސްގެ ޚިދުމަތާއެކު ބަލިމީހުން އުފުލުމަށް ކުރަމުން ދިޔަ ބޮޑެތި ޚަރަދުތައް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.

އަންނަ އަހަރު ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާއިރު، އެއަރ އެމްބިއުލަންސްގެ ޚިދުމަތުގެ އިތުރުން، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތަކީ އަންނަ އަހަރު އެންމެ އިސްކަންދެއްވާނެ ޚިދުމަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު