ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން 24/12/2023

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ނިންމަވައިފި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޙާއްޞަކޮށް 'އެންޑެމިކް' ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ޤަވާއިދުން، އޮންނަ އުޞޫލެއްގެ މަތިން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކަނަޑއަޅުއްވާފައިވެއެވެ. އަދި ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު 'އޮން އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭނެކަމަށް ނިންމަވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މީގެ އިތުރުންވެސް، ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ . މީގެ އިތުރުންވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ. އަދި ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން ކަނޑައެޅުއްވުމަށް މަޝްވަރާކުރެއްވި އުސޫލުތަކުގެ ސަބަބުން ރާއްޖޭގައި ނައްތާލެވިފައިވާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އަލުން ރާއްޖޭގައި އިއާދަވުމުން ދުރުކޮށްދޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު