މީޑިއާ ވިލެޖެއް އެކުލަވާލުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ޒީރުންގެ މަޖިލީހުން ނިންމެވި ކަންތައްތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ މީޑިއާ ވިލެޖެއް ހެއްދެވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ވެސް އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވައި ބަޖެޓްގެ އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އެކަމާބެހޭ ވުޒާރާ އާ ހަވާލު ކުރައްވާފައިވާ ކަން ފާހަގަކުރައްވަމުން، ނާޒިމް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ވެސް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.
މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙައްދުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.