ނޫސް މަޖައްލާތައް ދަފްތަރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދޮގުކޮށްފިއެވެ.
އެކަން ދޮގުކުރައްވައި، މިނިސްޓަރ ވިދާޅުވީ ހިނގަމުން މިދާ ޑިސެމްބަރު މަހު އެކަނިވެސް ހަ ނޫޙަކަށް ރެޖިސްޓްރީ ދީ ހުއްދަ ދޫކުރި ކަމަށެވެ. އަދި ދެ ނޫހަކަށް ހުއްދަ ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ މަރުހަލާ ކުރިޔަށް ދާކަން ފާހަގަކޮށް ވިދާޅުވީ އާދީއްތަ ދުވަހު "މާދަމާ" ގެ ނަމުގައި ހިންގުމަށް ހުށަހެޅި ނޫހަކަށް ހުއްދަ ދިން ކަމަށެވެ.
މައުލޫމާތުގެ ކުށެއް ރަނގަޅުކޮށްލާނަން. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ކުރިއަށް އެބަދޭ. މިމަހު ހަ ނޫސް ރަޖިސްޓްރީކޮށްދީފިން. ޕެންޑިންގގަ އިނީ 2 ނޫސް.
މިއަދުވެސް އަޅުގަނޑުމެން 'މާދަމާ' ނަމަކަށް ކިޔާ ނޫހެއް ރަޖިސްޓްރީކޮށްދިނިން. pic.twitter.com/d862MV9njR— Asward I. Waheed (@AswardWaheed) December 24, 2023
ވެބްސައިޓުތަކުގެ މައްސަލައިގައި ސަރުކާރުން ވިދާޅު ވަނީ، ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކަށް ހުރަސްއަޅައި ބްލޮކް ނުކުރާނެ ކަމަށެވެ. އަދި ބްލޮކް ކުރި މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ސަރުކާރުގެ ޗީފް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ހަބަރު ލިޔާ ކޮންމެ ނޫހަކީ ނޫސް މަޖައްލާއެއް ނޫން ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ޖާގަ، ސަރުކާރުން ކޮންމެ މީޑިއާއަކަށް ވެސް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.