Saturday, 15 June 2024

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދަޢުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުޙަބާއަށް މިސްޓަރ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވެސް، ކުދި ޤައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ލިބުނު އިންތިޚާބީ ކާމިޔާބީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފަށް މޮންޓަނޭގްރޯގެ ފަރސްޓް ޕްރައިމް މިނިސްޓަރ މަރުޙަބާ ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސްޓަރ ބެޗިޗްއާ ހިއްސާކުރެއްވި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯ ގެ މަޖިލިސްކުރާގެއަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އަދި، އެ ޤައުމުގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލަކުރެެއްވުމުގައި މަޖިލިސް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ދަހަރު ވަންދެން ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި މޮންޓަނޭގްރޯ އާ ދެމެދު ގުޅުން ބަދަހިކުރެެއްވުމަށް ބޭނުންފުޅުވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެޤައުމުން ޝައުޤުވެރިކަން ހުރި ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަމަނާއާ ޚިޔާލު ބަދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯގެ ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު