ޤައުމަށް ކުރިމަތިވާ އުނދަގޫ ކޮންމެ ވަގުތަކުވެސް ދިވެހިން އިސްކުރީ އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ޤައުމަށް ކުރިމަތިވާ އުނދަގޫ ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެން ދިވެހިން އިސްކުރީ އެއްބައިވަންތަކަން." ރައީސް ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) December 26, 2023
މި ދުވަހުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްވެސްވަނީ މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
🇲🇻
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! pic.twitter.com/KmotjEgsRc— Hussain Mohamed Latheef (@HucenSembe) December 25, 2023
ސުނާމީ ކާރިސާ ރާއްޖެއަށް ކުރިމަތިވި ދުވަސް، ޤައުމީ އެއްބައިވަންތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އޭރުގެ ސަރުކާރުން ނިންމެވިއެވެ. ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް 26 ޑިސެމްބަރު ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
މިއަދަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާ ކަމަށްވާ ސުނާމީ ކާރިސާއަށް 19 އަހަރު ފުރޭ ދުވަހެއެވެ. މިކާރިސާގައި 82 މީހުން މަރުވެ، 26 މީހަކުވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. ބިރުވެރިކަން ގެނުވި ސުނާމީ ކާރިސާ ވެގެންދިޔައީ ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ތަރައްޤީ އެތައް އަހަރެއް ފަހަތަށް ދިވެހިން ގެންދިޔަ ކާރިސާއަކަށެވެ.
ބިރުވެރިކަމާއި ހިތާމަވެރި ކާރިސާގެ އެވަގުތުވެސް ދިވެހިންވަނީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައެވެ. އަދި މިނޫން މިފަދަ ޤައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ދިވެހިން ދައްކައިދެނީ އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މި ދުވަސް، ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް މިކާރިސާގައި ވަކިވެގެންދިޔަ ފަރާތްތަކުގެ ހަނދާން އައު ކުރުމުގެ އިތުރުން، ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމެވެ.