އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހްނިޔާ ފޮނުއްވައިފިއެވެ.
ދުވަހުގެ ތަހްނިޔާގެ މެސެޖު ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ، ސުނާމީ ކާރިސާއަށް 19 އަހަރުފުރި، އަޅުގަނޑުގަނޑުމެން ދިވެހީން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން ދާހިނދު މިކާރިސާގައި ދުނިޔެ ދޫކޮށް ދިޔަ އެންމެހާ އަހުންނާއި އުހުތުންގެ ޒިކުރާ އާކުރާ ކަމަށެވެ.
"އަޅުގަނޑުގެ ދުޢާއަކީ މިފަދަ ދުވަހެއް ނުދެއްކެވުން. ހަމައެއާއެކު އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތުތައް އެކަހެރިކޮށްް އެއްބައިވަންތަކަމުގެ ރޫހު ގަބޫލުކުރާ މުޖުތަމައެއް ބިނާކޮށްދެއްވުން އެދި ދުޢާ ދަންނަވަން. މިދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން." ނާޒިމް ވިދާޅުވިއެވެ.
ސުނާމީ ކާރިސާއަށް 19 އަހަރުފުރި، އަޅުގަނޑުގަނޑުމެން ދިވެހީން ގައުމީ އެއްބައިވަންތަކަމުގު ދުވަސް ފާހަގަކުރަމުން ދާހިނދު މިކާރިސާގައި ދުނިޔެ ދޫކޮށް ދިޔަ އެންމެހާ އަހުންނާއި އުހުތުންގެ ޒިކުރާ އާކުރަން. އަޅުގަނޑުގެ ދުޢާއަކީ މިފަދަ ދުވަހެއް ނުދެއްކެވުން. ހަމައެއާއެކު އަޅުގަނޑުމެންގެ…
— Mohamed Nazim (@nazim7878) December 26, 2023
ސުނާމީ ކާރިސާ ރާއްޖެއަށް ކުރިމަތިވި ދުވަސް، ޤައުމީ އެއްބައިވަންތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އޭރުގެ ސަރުކާރުން ނިންމެވިއެވެ. ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް 26 ޑިސެމްބަރު ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
މިއަދަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާ ކަމަށްވާ ސުނާމީ ކާރިސާއަށް 19 އަހަރު ފުރޭ ދުވަހެއެވެ. މިކާރިސާގައި 82 މީހުން މަރުވެ، 26 މީހަކުވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. ބިރުވެރިކަން ގެނުވި ސުނާމީ ކާރިސާ ވެގެންދިޔައީ ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ތަރައްޤީ އެތައް އަހަރެއް ފަހަތަށް ދިވެހިން ގެންދިޔަ ކާރިސާއަކަށެވެ.
ބިރުވެރިކަމާއި ހިތާމަވެރި ކާރިސާގެ އެވަގުތުވެސް ދިވެހިންވަނީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައެވެ. އަދި މިނޫން މިފަދަ ޤައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ދިވެހިން ދައްކައިދެނީ އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މި ދުވަސް، ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް މިކާރިސާގައި ވަކިވެގެންދިޔަ ފަރާތްތަކުގެ ހަނދާން އައު ކުރުމުގެ އިތުރުން، ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމެވެ.