ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީން އިތުރު ތިން މެމްބަރުން އިސްތިއުފާ ދެއްވައި، ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ގެއްލުވާލައްވައިފިއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކޯރަމް ގެއްލުނީ، އެ ކޮމިޓީން ތިން މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ. ކުރިން، ދެ މެންބަރަކުވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު އެފްއޭއެމްގެ އެކްސްކޯގައި ތިބީ ހަތަރު މެންބަރުންނެވެ. އެއީ، އަސާސީ ގަވައިދުގައި ބުނާ އަދަދަށްވުރެ މަދު އަދަދެކެވެ.
މީގެ ކުރިން އެފްއޭއެމްގެ ހިންގާ ކޮމެޓީން އިސްތިޢުފާ ދިން ދެ މެންބަރުންނަކީ މުއާވިޔަތު ހަލީލް (މުއާބެ) އަދި ހުސައިން ޝާފިއު (ކޮއްކީ)އެވެ. އޭގެ ފަހުން މި މަހުގެ 15 ވަނަ ދުވަހު އިތުރު ތިން މެމްބަރުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެއީ މުހައްމަދު ޝިފާއު، އާމިނަތު ޝަނީޒް އަދި އަހުމަދު ނަޝީދު (ޑޭވް) އެވެ.
އެފްއޭއެމްގެ ހިންގާ ކޮމެޓީން މިހާތަނަށް ފަސް މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، ބާކީ ތިއްބެވީ ފަސް މެމްބަރުންނެެވެ. އެއީ ބައްސާމްގެ އިތުރުން ނައިބު ރައީސް އަލީ އުމަރު، މުފާވިޒް ހާޝިމް (މުފާ) އަދި އަހްމަދު ޝަކީބެވެ. ދެން އިންނަވާނީ ދާދި ފަހުން ހިންގާ ކޮމެޓީ އަށް ޢައްޔަން ކުރެއްވި އަބްދުﷲ ޝިބާއު (ޝިބާ) އެވެ.
ނަމަވެސް މީގެ ތެރެއިން ޝިބާ އަށް ވޯޓު ދިނުމުގެ ޙައްޤެއް، ނުވަތަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ އެވެ. އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ހިންގާ ކޮމެޓީން މެމްބަރަކު އިސްތިއުފާ ދީފި ނަމަ، އެ މަގާމަށް މީހަކު އިންތިޚާބު ކުރަން ޖެހެނީ އޯޑިނަރީ ކޮންގްރެސް އަކުންނެވެ. އެހެންކަމުން އެފަދަ ކޮންގްރެސަކުން މެނުވީ، ޝިބާ އަށް އެއްވެސް ޙައިސިއްޔަތެއް ނުލިބޭނެއެވެ.
އެފްއޭއެމްގެ ހިންގާ ކޮމެޓީން މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވާއިރު، އަންނަ މަހު އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން ވެސް އޮތީ އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް، އެ އިންތިޚާބުގެ ކަންކަން ސާފު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން މިހާރު ވަނީ އެފްއޭއެމްގައި އެދިފައެވެ.