Wednesday, 19 June 2024

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭ: ރައީސް

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންނާއި ޢިއްޒަތްތެރި ބައިވެރިވެވަޑައިގެންނެވިއެވެ.

އެތައްޒަމާނެއްގެ ކުރިން ފެށިގެން ދިވެހިން ތެރޭގައި އޮތް އެއްބައެއްވަންތަ ސިފަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިއަދުގެ މުޖުތަމަޢުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫޢަވާން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުމާއި ރަޙުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުން ފަދަ ކަންކަމާއެކު ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެއީ. އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫޙުގައި ހަރަކާތްތެރިވެގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކިރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިން އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިންކަމުގައި ވިދާޅުވިއެވެ. "މި ހުރިހައި ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް އަދި ދިވެހިންނަށް ލިބިފައިވާ މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ޤައުމީ ދިދައަށް އިޙްތިރާމު އަދާކުރުމުގެ ގޮތުން ޤައުމީ ދިދައަށް ޢިއްޒަތް އެރުވުންވެސް އޮތެވެ. މިޖަލްސާގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ބޭރުގެ ބައެއް ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު