Saturday, 22 June 2024

ތުރުކީވިލާތުން ސޫރިޔާއާއި ޢިރާޤަށް ވަރުގަދަ ޙަމަލަތަކެއް ދީފި

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާއާއި ޢިރާޤުގައި ކުރުދީ ހަނގުރާމަވެރިން ޙަރަކާތްތެރިވާ އަމާޒުތަކަށް ވަރުގަދަ ވައިގެ ޙަމަލަތަކެއް ދީ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލައިފިއެވެ. މިހަމަލާ ދީފައިވަނީ، ޢިރާޤުގެ އުތުރުގައި ތުރުކީވިލާތުގެ އަސްކަރިއްޔާއާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ތުރުކީވިލާތުގެ ސިފައިންގެ 12 މީހުން މަރުވުމުން ދީފައިވާ ޙަމަލަތަކެކެވެ.

އެކަމާ ގުޅިގެން ތުރުކީވިލާތުގެ ދިފާޢީ ވަޒީރު ޔަޝާރް ގުލާރް ވިދާޅުވީ، އެ ޙާދިޘާއަށް ރައްދު ދިނުމުގެ ގޮތުން ތުރުކީވިލާތުގެ އަސްކަރިއްޔާއިން ހިންގި ޙަރަކާތުގައި ކުރުދިސްތާން ވަރކަސް ޕާޓީ (ޕީކޭކޭ)އަށް ނިސްބަތްވާ 56 މީހުން މަރައިލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން 26 މީހުން މަރައިލާފައި ވަނީ ތުރުކީވިލާތުގެ އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލަތަކެއްގައެވެ.

ގުލާރް ވިދާޅުވީ ޢިރާޤުގެ އުތުރުގެ ސަރަޙައްދުގައި ތުރުކީވިލާތުގެ ސިފައިން ހިންގި ޙަރަކާތެއްގައި ކުރުދީ ހަނގުރާމަވެރިންގެ އިތުރު 30 މީހުން މަރުވި ކަމުގައެވެ.

ހަމައެހެެންމެ، ތުރުކީވިލާތުގެ އިރުދެކުނުގައި  ބޭއްވި އެއްވުމެއްގައި ބައިވެރިވި މީހުންގެ ތެރެއިން 52 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ އެއްވުން އިންތިޒާމު ކޮށްފައި ވަނީ ކުރުދީންނަށް ތާޢީދުކުރާ ޕީޕަލްސް އެކުއަލިޓީ އެންޑް ޑިމޮކްރެސީ ޕާޓީ (ޑީއީއެމު)ންނެވެ. އެއްވުމުގެ ބައިވެރިން ހައްޔަރު ކޮށްފައި ވަނީ ޓެރެރިސްޓުންނަށް ތާޢީދުކޮށް އަޑުއުފުލުމުގެ ކުށުގައި ކަމަށް ތުރުކީވިލާތުގެ ޝަރުޢީ ދާއިރާގެ ވަޒީރު ޔިލްމާޒް ތުންޗް ވިދާޅުވެފައިވެއެވެ.

ޑީއީއެމަކީ ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ޑީއީއެމްގެ ގިނަ ޢަދަދެއްގެ މެންބަރުންތަކެއް ހައްޔަރު ކުރުމުން އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، އެއީ ސިޔާސީ ބޭނުމެއްގައި ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެ މީހުން މިނިވަން ކުރުމަށް ގޮވައިލައިފައެވެ.

ރައީސް ޠައްޔިބް ރަޖަބް އުރުޣާންގެ ސަރުކާރުން ދަނީ ތުޙުމަތު ކުރާ ގޮތުގައި، ޑީއީއެމަކީ ޕީކޭކޭ ހަނގުރާމަވެރިންނާ ގުޅިފައިވާ، އަދި ހަނގުރާމަވެރިންނަށް ވާގިވެރިވާ ޕާޓީއެކެވެ. އެ ތުޙުމަތުތަކާ ގުޅުވައި އެ ޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުން މީގެ ކުރިން ހައްޔަރު ކޮށްފައިވީނަމަވެސް، ސަރުކާރުގެ ތުޙުމަތުތައް އެ ޕާޓީން ދޮގު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު