25 ޖަނަވަރީ 2025

އަންނަ ޙައްޖުގައި އިސް ޝައިޚަކަށް ޑރ އާދަމް ޝަމީމް

އަންނަ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒިރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލި ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް ކަމަށެވެ.

ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމްއަކީ އިސްލާމްދީން އުނގަންނަވައި ދިނުމުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯއްދަވާފައިވާ ދީނީ ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ޑރ. އާދަމް ޝަމީމް ވަނީ "އަންދަލުސް ދަރުސް" އިން އިތުރު މަޤްބޫލުކަމެއް ހޯއްދަވައި އާންމުންގެ ލޯތްބައި އިޙްތިރާމް ހޯއްދަވާފައެވެ.

 

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން، ޙައްޖުގެ އިންތިޒާމުތައް ފުރިހަމަ ގޮތެއްގައި ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދެއްވާ ރަސްމީ ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރައްވާފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައްވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަން ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމި މަޤްސަދަކީ، އެއްވެސް ވަރަކަށް ހައްޖަށް މީހުން ގެންދާ ގުރޫޕްތަކަށް އުނދަގޫ ކުރަން ނޫން ކަމަށާއި، ހައްޖު ކޯޓާ ނުއަގުގައި ވިއްކާ އޭގެ ސަބަބުން ދަތިތައް ރައްޔިތުންނަށް ކުރިމަތިވާތީ، އެކަން ހައްލުކުރުމަށް ކަމަށެެވެ،

ހައްޖު ފަންޑު ތަރައްގީކޮށް، މި ވުޒާރާއިން ހައްޖު ކޯޕަރޭޝަންއާއި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް ވާއިރު، ޑރ. ޝަހީމް ވިދާޅުވީ، އެކަން ހާސިލް ކުރުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް ވިދާޅުވީ، އެއްބަސްވުމުގައި މިއަދު ސޮއި ކުރެވުނު ނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މަޤާމަށް އައްޔަނު ކުރެވުނު ދުވަހުން ފެށިގެން މަސައްކަތް ކުރަން ފަށައިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު