ސަގާފީ ތަންތަން މަރާމާތު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން "މަސީ" ގެ ބޯޑާ މަޝްވަރާކޮށްފި

ސަގާފީ ތަންތަން މަރާމާތު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން "މަސީ" ގެ ބޯޑާ މަޝްވަރާކޮށްފިއެވެ.

ސަގާފަތާ ބެހޭ ވުޒާރާއިން މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢިމާރާތް ކުރުމުގެ ތެރޭގައި ފެންނަ ސަގާފީ ތަކެތި ރައްކާތެރި ކުރުމާއި، ސަގާފީ ތަންތަން މަރާމާތު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން "މަސީ" ގެ ބޯޑު މެންބަރުންނާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި މަޝްވަރާގައި އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ނަސީރެވެ.

މިގޮތަށް މަޝްވަރާކުރައްވާފައިވާއިރު، ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ފަންނުވެރިކަމުގެ ދާއިރާއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީން މުހިންމު ދައުރެއް އަދާކުރަން ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި، ސަގާފަތާއި ތާރީޚު ޙިމާޔަތް ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތަކާއި، ޒަމާންވީ އެކިކަހަލަ ބިނާތައް ރީ-ސްޓޯރ ކުރުން މުހިއްމުކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރާ ވާހަކަ ދައްކާއިރު، ފަންނުވެރިކަމުގެ ދާއިރާއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީން މުހިންމު ދައުރެއް އަދާކުރަން އަޅުގަނޑު އެދޭ ވަރަށް މުހިންމު ދާއިރާއެއް އެއީ، ސަގާފަތާއި ތާރީޚު ޙިމާޔަތް ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުން. އަޅުގަނޑުމެންގެ އެބަހުރި ވަރަށް ޒަމާންވީ އެކިކަހަލަ ބިނާތައް. އެ ތަންތަން އެބަޖެހޭ ރީ-ސްޓޯރ ކުރަން. އެ މަސައްކަތް ކުރުމުގައި ދިވެހި ފަންނުވެރިން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެކަމުގައި އިސް ދައުރެއް އަދާކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. ކުރިއަށް އޮތް، އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މި މިސްކިތްތަކާއި، މިހެންހުރި އެކިކަހަލަ ވަޅުތަކާ، މިހެންގޮސް ގެއްލިފައި ހުރި ތަންތަން ގެނެސް، ފެންނަ ހިސާބަށް ގެނެސް، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކޮށްދިނުމަކީ ހަމަ ވަރަށް މުހިންމު ކަމެއް، އިންޑަސްޓްރީއަށް އެކަމުގައި ފުރިހަމަ ދައުރެއް އަދާކުރެވިދާނެ ކަމެއް." ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ އަރުވާފައެވެ. މިއީ މި ލަޤަބު އެރުވި ފުރަތަމަ ފަހަރެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އެރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023″ ޙަފުލާގައެވެ.

މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ މި ޙަފުލާގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *