އަހަރީ ފީ އުވާލައި އެކަކަށް ކުންފުނި ހެދޭ ގޮތަށް ފާސްކުރި ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުންފުނީގެ ބިލު (ނަންބަރު:7/2023) މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިއީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭނެ އެނޫންވެސް އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްޞެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖްރާޢަތުތައް ބަޔާންކުރުން ހިމެނެއެވެ. އަދި، ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިޤްތިޞާދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުޢާމަލާތްތަކަށް ހާމަކަމާއި ޔަޤީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، ޢާންމުކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

ޤާނޫނުގައި ހިމަނާފައި ވާ އަނެއް މުހިންމު ބަދަލަކީ ކުންފުނިތަކުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހެދުމެވެ. މިހާރު ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި 2،000ރ. ދައްކަން ޖެހެ އެވެ. އެ ފީ ކަނޑާލަން  ހުށަހެޅި ސަބަބަކީ އަހަރީ ފީ ނުދައްކާ ކުންފުނިތައް ގިނަވެފައިވުމެވެ. އަދި އެކަމަކީ ކުންފުނިތަކަށް ތަކުލީފެއްގެ ގޮތުގައި އޮތުމެވެ. އެހެންވެ، ކުންފުނިތައް ހިންގަން ފަސޭހަކުރުމަކީ އެގޮތަށް ބިލުގަައި ހިމެނި ސަބަބެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތަކުން ހޯދާ އެކި ވިޔަފާރީގެ ހުއްދަތަކަށް، އެ ހުއްދައެއް ހޯދާ އިރު ކުންފުނިތަކުން ފީއެއް ނެގުމެވެ.

މި ޤާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެކަމަށާއި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ޤާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު