"ބާއި.. ލޯބިވޭ" ރާހިލް ޝައިނާގެ ބޮލުގައި ފިރުމައިލުމަށްފަހު ދުރަށް ޖެހުނެވެ. ޝައިނާ ނިދީގެ ތެރެއިން ރާހިލްއަށް އެ ބަސްތައް ރައްދުކޮށްލި އަޑު އިވުނެވެ. ރާހިލް ހިނިތުންވެލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އެތަނުން ނުކުތީ ފުރަން ތައްޔާރު ވެވޭނެ ވަގުތު އޮއްވާ ޝައިނާ ހޭލާނެ ކަމަަށް ޔަގީންކުރަމުންނެވެ.
*************
ހަމަޖެހިފައިވާގޮތުގެ މަތިން މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ހުރިހައި އެންމެން ފާލަން ދޮށަށް ޖަމާވީ މާލެ ދިޔުމަށް ހަމަޖެހިފައިވާ މީހުން ފުރުވައިލުމަށެވެ. ޒީވާއާއި ރިއާން ފިޔަވައި އެންމެން އެދުވަހު މާލެ ފުރުމަށް ހަމަޖެހިފައިވާއިރު އެދެމީހުން ފުރަން ހަމަޖެހިފައިއޮތީ މީލާދީ އައު އަހަރާއި ދިމާކޮށް އެރޭ އެ ރިސޯޓުގައި ބޭއްވޭ އާރް.އެލްގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށްފަހުގައެވެ.
"ދެން އަޅެ ޝައި ނުޖެހޭތަ ޖަލްސާއަށް އަންނާކަށް؟ ޝައި ތިހާ މަސައްކަތް ކުރާއިރުވެސް އެވޯޑެއްވެސް ނުލިބޭނެތަ؟ ހާދަ ފޫހި ބޮސްއެކޭ" ފުރަން ތައްޔާރުވެހުރި ޝައިނާގެ އަތުގައި ހިފަހައްޓައިލަމުން ޒީވާ ބުންޏެވެ.
"ހެލޯ މެޑަމް.. އަހަރެންގެ ބޮސްއާ އިނދެގެންއުޅޭ މީހަކީ ތީއޭ! ނިކަން ބޮސް ރީސެޓްކޮށްލަބަލަ. އަހަހަހަ" ޝައިނާގެ ހުނުމުގައި ޒީވާވެސް ބައިވެރިވިއެވެ.
"ދެން އެކަމަކުވެސް.. ކީއްވެ ތި ދަނީ އަހަރެން އެކަނި ބަހައްޓާފަ؟" ޒީވާ ޝައިނާގެ ގައިގައި ބައްދައިލަމުން ޝަކުވާ ކުރިއެވެ.
"ސާބަހޭ. ޒީ އެކަންޏެއް ނުވާނެއެއްނު؟ ރިއާންވެސް އެބަހުއްޓެއްނު؟ އަހަރެން ހަމަ އަސްލުވެސް ވަރަށް މުހިއްމު މަސައްކަތެއް އޮތީމައޭ މި ދަނީ" ޝައިނާ ޒީވާގެ ގައިން ދޫކޮށްލުމަށްފަހު ފޮށި ހިފައިގެން ހިނގައިގަންނަމުން ބުންޏެވެ. އަދި ސީޕްލޭނަށް އެރުމުގެ ކުރިން ޒީވާއަށް ހަނާއަޅައިލިއެވެ. ސީޕްލޭން ނައްޓައިލަންދެން އެތަނުގައި ތިބުމަށްފަހު ރިއާން އެތަނުން ހިނގައިގަތްއިރުވެސް ޒީވާ އެ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުއްޓެވެ.
"ޒީވް.. އާދޭ" ރިއާން ގޮވައިލުމާއެކު ޒީވާ ސިހުނެވެ. އަދި ދުވެލައިފައިގޮސް ރިއާންއާ އެއްވަރުކޮށްލިއެވެ.
"އަދި މިރޭ ޖަލްސާއަށް ވަގުތު އެބަ އޮތެއްނު. މިގަޑީ ކީއްކުރާނީ؟ ހިނގާ ކޮންމެސް މޫދުކުޅިވަރެއްގެ ކަމެއްކުރަން." ރިއާން ހުށަހެޅިއެވެ. އެރަށަށް އައިއްސުރެން އޭނާ ދަނީ އެތައް ގޮތަކުން ޒީވާއާ ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޒީވާގެ ފަރާތުން އެކަމަށް މާބޮޑު އެއްބާރުލުމެއް ލިބޭތަނެއް ނުފެނެއެވެ.
"ނޫނޭ. އަހަރެން ކޮޓަރީގަ މަޑުކޮށްލާނީ.. އިރުކޮޅަކުން މިރެއަށްތައްޔާރުކޮށްދޭން ސެލޫން ކުދިންވެސް އަންނާނެ. ރިއާން ދިޔަސް އެންމެ ރަނގަޅު" ޒީވާ ރިއާންއާ ވަކިން ހިނގައިގަތެވެ. މާޔޫސްވެފައިހުރެ ރިއާން ދެޖީބަށް އަތްކޮށްޕައިލަމުން ޒީވާ ދިޔަދިމާލަށް ބަލަން ހުއްޓެވެ. ނަމަވެސް އޭނާ ޒީވާ ހުއްޓުވާކަށް ނޫޅުނެވެ. ޒީވާ ބޭނުންވަނީ އޭނާއާ ދުރުގަ އުޅެން ކަމުގައިވާނަމަ އެކަމާ ދެބަސްވުމުގެ އިހްތިޔާރެއް އޭނާއަކަށް ނެތެވެ.
***************
ޖަލްސާފެށުމުގެ ވަގުތު ކުޑަތަންވަމުންދިޔައެވެ. މާލަމުގެ ބޭރުގައި ހުރި ރިއާން ކެތްތެރިކަމާއެކު ޒީވާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންދިޔައެވެ. އެއީ ޒީވާ އެފަދަ ހަފްލާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވުމާއެކު ޒީވާ އެކަނިމާއެކަނި ދޫކޮށްލުމަށްފަހު މާލަމަށް ވަނުމުގެ ހިޔާލެއް އޭނާގެ ނެތެވެ. މާލަމުގެ ބޭރުގައި ދެފަރާތައް ހިނގައިލަ ހިނގައިލައި ހުރިއިރު އެތަނަށް ވަންނަމުންދިޔަ ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. ރިއާން އެތަނުން އެއްބަޔަކަށް ބޯ ޖަހައިލުމަށްފަހު އަނެއްކާވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
"އާނ މިތަން އޯކޭ.. ތެންކްޔޫ" ކައިރިން އިވުނު ޒީވާގެ އަޑަށް ރިއާން އިސްއުފުލައި ބަލައިލިއެވެ. އެވަގުތު ރިއާންގެ ހިތުގެ ތެޅުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން އޭނާއަށް ހީވިއެވެ. ޒީވާ ބަގީއިން ފައިބައި ޑްރައިވަރަށް ހަނާ އަޅައިލުމަށްފަހު ކުރިއަށް ހިނގައިގަތްއިރުވެސް ރިއާންއަށް ހުރިފިޔަވަޅުމަތީ އާގަމަވެފައި ހުރެވުނެވެ. ކުންފުނީގެ ކުލައާ ގުޅޭނެހެން ލައިފައިވާ މަޑު ނޫކުލައިގެ "ޕެންސިލް ޑްރެސް" ގައި ޒީވާގެ ފަރާތުން ފެންނަ ރަސްމީގޮތް އޭނާއަށް ކަމުދިޔައެވެ. އެހެދުމުގެ އަތް އާދަޔާހިލާފަށް ދޫކޮށްލެވިފައި ވިނަމަވެސް ހެދުން ހުރީ ރީތިވަރަކަށް ޒީވާގެ ގަޔަށް ހިފައިލައިފައެވެ. އެ ހެދުމުގައިވާ އަލި ކުލައިގެ ސަބަބުން ޒީވާގެ މޫނުގެ ވިދުން އިތުރަށް ގަދަވެފައިވާ ކަހަލައެވެ.
ރިއާންގެ ނަޒަރު ބޭއިހްތިޔާރުގައި ޒީވާގެ ބޮލުންފެށިގެން ފަޔާހިސާބަށް ދަތުރުކޮށްލިއެވެ. ޒީވާ ލަދުރަކިގޮތަކަށް އިސްޖަހައިލަމުން އައިސް ރިއާންގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ދޫކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑު އެއްފަރާތަކުން ގެނެސް ކުރިމައްޗަށް ވައްޓައިލިއެވެ. އަދި ކަންފަތުގައިވާ ނޫކުލައިގެ އެސްޖެހި ބޮޑު ކަންފަތުލާ އެއްޗާއި ކަރުގައިއޮތް ނޫކުލުއިގެ އެސްޖެހި ރިހި ހާރެއް ރިއާންއަށް ދައްކައިލިއެވެ.
"ރީތިދޯ؟ މިއީ ޝީރިން މަންމަ ދިން ހަދިޔާއެއް" ޒީވާ ބުންޏެވެ. ރިއާން ވަކިއެއްޗެއް ނުބުނެއެވެ. އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު ހިތާއި މީހާ ހަމައަކަށް އެޅިލުމަށްޓަކައި ފުންނޭވާއެއް ދޫކޮށްލިއެވެ.
"ވަންނަމާ ދޯ؟" ރިއާން ޒީވާއަށް އަތް ދިއްކޮށްލަމުން ބުންޏެވެ. ޒީވާ ބޯ ޖަހައިލަމުން އެ އަތުގައި ހިފިނަމަވެސް އޭނާގެ ހިތް ކަރުނައަޅާ ރޮމުންދިޔައެވެ. އޭނާ އިސްނަގައި އަހައިލުމުންވެސް އެންމެ ފަހަރަކުވިޔަސް ރިއާން އޭނާގެ ރީތިކަމަށް ތައުރީފު ކޮށްލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރިއާންގެ ފަރާތުން ލިބޭނެ ތައުރީފަކަށް އުއްމީދުކޮށް އޭނާ ތައްޔާރުވެފައިވާ މިންވަރު ރިއާންއަށް ނުފެންނަނީ ހެއްޔެވެ؟
އެރޭ ވެގެންދިޔައީ އެތަށް ބައެއްގެ ދުލުން އޭނާއަށް ތައުރީފުތައް އޮހެމުންދިޔަ ރެއަކަށެވެ. ރިއާން އަމަލުކުރި ގޮތުގެ ސަބަބުން މުޅި އެ ޖަލްސާގައިވެސް ޒީވާ އިނީ ހިތްމަރުވެފައެވެ. އެ ހިތުގައިވާ މާޔޫސްކަން ރީތި ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިލީ އެއީ އޭނާ ރިއާންގެ އަނބިމީހާގޭ ހައިސިއްޔަތުން ބައިވެރިވާ ފުރަތަމަ ހަފްލާކަމަށްވާތީއެވެ.
ޖަލްސާގެ ރަސްމީބައި ނިމުމަށްފަހު ކުރިއަށް ދިޔަ ޖާފަތުގެ ތެރެއިން ޒީވާ ރިއާންއާ ދުރަށް ޖެހިލިއެވެ. އެކަން ރިއާންއަށް ފާހަގަވެސް ނުވާ ކަހަލައެވެ. ޖަލްސާއަށް އައިސް އުޅުނު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔާފާރީގެ ޝަހްސިއްޔަތުތަކާއެކު އެކި މަޝްވަރާތަކުގައި އޭނާ މަސްއޫލުވެ އުޅުނެވެ.
ދަންވި ދަންވިހެން ޒީވާގެ ފޫހިކަން އިތުރުވެ ނިދި އަންނަން ފަށަައިފިއެވެ. އެނިދި ފިލުވައިލުމަށްޓަކައި އޭނާ ހުއްޓި ހުރި ދިމާލުން ދުރަށް ހިނގައިގަތެވެ. ތަފާތު ވައްތަރުގެ ބުއިންތައް އަތުރައިފައިވާ މޭޒާއި ހިސާބަށް އާދެވުމާއެކު އެތަނުން އޮރެންޖް ޖޫސްތައްޓެއް ހޯދުމަށްޓަކައި އޭނާގެ ލޯ ހަރަކާތްކުރަން ފެށިއެވެ.
"މިކަހަލަ ތަންތަނަށް އައިސް ޑްރިންކް ޗޫޒް ކުރާއިރު ސަމާލުވުން މުހިއްމު އިނގޭ" ކައިރިން އިވުނު ފިރިހެނެއްގެ އަޑަށް ޒީވާ ސިއްސައިގެންގޮސް ފަހަތަށް ޖެހިލިއެވެ. އެވަގުތު އޭނާ ލައިގެން ހުރި ކަށި ފައިވާނުގެ ފުންނާބު ފުރޮޅާލައިގެން ހަށިގަނޑު އަރި އަޅައިލިއެވެ. އޭނާގެ ގާތުގައިހުރި ޒުވާނާ ހުށިޔާރުކަމާއެކު ޒީވާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ޒީވާ ސީދާ ކޮށްލިއެވެ.
"މާއިޒް؟" ޒީވާ ހައިރާންވެފައި އަހައިލިއެވެ.
"މިހެން "އޭ" އަކުރެއް ޖަހާފަ މިހުންނަނީ ޒީމެން ކަހަލަ ކުދިން ބޯ ކަހަލަ ޑްރިންކްސްއެއްނޫން" މާއިޒް އެތަނުގައި ހުރި ލޭބަލްއަކަށް އިޝާރާތްކޮށް ބުންޏެވެ.
"ހަމަ މާއިޒް ދޯ. ބަލާލާފަ ވަކިކުރާކަށްވެސް ނޭނގުނު" ޒީވާގެ މޫނު ވަގުތުން އުޖާލާވިއެވެ. އެދެލޮލުގައިވާ ވިދުން ގަދަވެ ހިނިތުންވުމެއް ފާޅުވިއެވެ. މުޅިރޭ މިލާފައިވި މޫނުމައްޗަށް އުޖާލާކަމެއް ވެރިވިއެވެ.
"ތިއީ ދޮގު! ހީކުރިވަރަށްވުރެ އަވަހަށް ޒީއަށް އަހަރެން ވަކިކުރަން އެނގިއްޖެ. ކިތަށް އަހަރުތަ މިވީ ދިމާ ނުވާތާ؟ ތިނެއް؟ ހަތަރެއް؟" މާއިޒް ބުންޏެވެ.
"އަހަހަހަ ހަތަރެއް. ދެން މާއިޒް އެނގޭނެއެއްނު. އެކަމަކުވާ ހާދަ ބަދަލެކޭ ދޯ ތިހިރީ އައިސްފަ." ކަނޑުނޫކުލައިގެ ކޯޓު ފަޓުލޫނުގައިހުރި މާއިޒްއަށް އިޝާރާތްކޮށް ޒީވާ ބުންޏެވެ. ކަނދުރާއާ ހިސާބަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑާއި ހެޔޮވަރު ވަރަކަށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އޭނާއަށްވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެއީ މީގެ ހަތަރު އަހަރުކުރިން ޒީވާމެންނާއެކު އޭލެވެލް ދުވަސްވަރު އުޅުނު މާއިޒްއޭ ބުނާނެ އެކަކުވެސް ނުހުންނާނެއެވެ.
"ބަދަލުވާނެއެއްނު. އަހަރެން ގްރޭޑް އެގާރައަށް އަލަށް ވަތްއިރު ހުންނަ ފިނޑި ގޮތްގަނޑަށް މަލާމާތްނުކުރަނީ ކާކު؟ ނަސީބެއްނު ޒީއާ ޝައިއާ ދިމާވިކަން. ތީ ހަމަ އެންމެ ބެސްޓް ސީނިއަރޒް އެނގޭ. ޝައި ހުރީތީ އަހަރެން އޭރު ސަލާމަތްވީ. އެހެންވީމަ ތިދެމީހުން ގްރެޖުއޭޓްވީމަ އަހަރެންވެސް އެހެން ގޮތެއް ހޯދަން ޖެހޭނެއެއްނު" މާއިޒް ސަމާސާ ރާގެއްގައި ބުންޏެވެ.
"ހޫމް.. ދެން އެހެންވެ ނާޑަކުން ބޭޑް ބޯއީ އަކަށް ބަދަލުވީތަ؟" ޒީވާ މަޖާވެފައި އަހައިލިއެވެ.
"އަހަރެން ބަސްއަހަމޭ އެނގޭ!" މާއިޒްގެ ވާހަކައަށް ޒީވާ ބޯޖަހައިލިއެވެ.
"ހޫމް ދެން ހެވޭ.. މާއިޒް މިތާ ކީއްކުރަނީ؟" ޒީވާ ސުވާލުކުރިއެވެ.
"މިއީ އަސްލު ބައްޕަ އަންނަންއޮތް ހަފްލާއެއް. ބައްޕަމެންގެ ބޯޓުތަކުން އާރް.އެލްގެ ގިނަ ރިސޯޓުތަކަށް ސަޕްލައި ކޮށްދެނީ.. ދެން ބައްޕައަށް ނާދެވޭތީ މިފަހަރު އަހަރެން އަންނަން މި ޖެހުނީ. ޝައި ކޮބާތަ؟ އަޑު އެހިން ޝައި މަސައްކަތް ކުރަނީ މި ކުންފުނީގައޭ" މާއިޒް އަހައިލިއެވެ.
"ދޮންބެގެ ކައިވެންޏަށް މިކޮޅަށް އައިސް އުޅެފަ މިއަދު ފުރީ.. މާއިޒް މާ ލަހުންނޭ ތި އައީ. ނޫނިއްޔާ ގެޓް ޓުގެދަރ އެއް ބޭއްވުނީހެއްނު" ޒީވާ ބުންޏެވެ.
"އައްދެ. މާލެ ގޮސްފަވެސް ތި ގެޓް ޓުގެދަރ އެއް ބޭއްވިދާނެއެއްނު؟ އަން މި ފޯނުގަ ނަންބަރު ޖަހާބަަލަ. މިރޭ ތަންކޮޅެއް ކުރިންވެސް އަހަރެންނަށް ޒީ ފެނުނޭ. އެކަމަކު ޝަރަފުވެރި މެހެމާނުވެސް އިން މޭޒުގަ އިނީމަ އެދިމާލަށް ނުދިޔައީ. ކޮންމެއަކަސް އަހަރެން ވަރަށް އުފާވެފަ އެނގޭ މިހިރީ ޒީއަށްޓަކައި" މާއިޒްގެ ފޯނު ޒީވާއަށް ދެމުން ހިނިތުންވެލިއެވެ.
"ތިބުނީ ކީކޭ ކަމެއް ނޭނގުން" ޒިވާ ނަންބަރު ޖަހައިލުނަށްފަހު ފޯނު މާއިޒްއަށް ދިއްކޮށްލިއެވެ.
"މިބުނީ އެންމެ ފަހުން ޒީއަށް ޒީގެ ރިއާން ލިބުނީމަ.. އަހަރެން އަސްލު ވަރަށް ހާސްވި ރިއާން ކައިވެނިކުރި ހަބަރު ފެނުނީމަ. ޒީ ދެރަވާނެ ވަރު ހިތަށްއެރި. އެކަމަކު އެ ކުއްޖަކީ ޒީކަން އެނގުނު ހިސާބުން ވަރަށް އުފާވި" މާއިޒް ބުންޏެވެ.
"މި މާއިޒް އަދިވެސް ހާދަ ކުރީގެ ވާހަކަ ދައްކައޭ ދޯ؟" ޒީވާގެ ހިނިތުންވުން ވަގުތުން ފިލައިދިޔައެވެ.
"އަޅެ އަހަރެން މިބުނީ ދޮގެއްތަ؟ ލޯބިވާ މީހާ ހާސިލްވުމަކީ މިދުނިޔެމަތީގަ ވަރަށް މަދުބަޔަކަށް ލިބޭނެ ނަސީބެއް. އެކަމަކު ޒީގެ މޫނުމަތިން އެފަދަ ނަސީބުވެރިއެއްގެ ހިނިތުންވުމެއް ނުފެނޭ." މާއިޒްގެ ރާގު ބަދަލުވެ ސީރިއަސްވިއެވެ.
"ހްމްމް. ދުރުން ބަލާލާ މީހަކަށް އަހަރެންނަކީ މި ދުނިޔޭގަ ނެތްވަރުގެ ނަސީބުވެރިއެއްކަމަށް ހީވެދާނެ. އެކަމަކު އަނެކާގެ ދިރިއުޅުމުގެ ހަގީގަތް އެނގޭނީ ކާކަށްދޯ؟" ޒީވާ ދުރަށް ނަޒަރު ހުއްޓައިލަމުން ބުންޏެވެ.
"ޒީ؟ ތިބުނަނީ ކީކޭ؟" މާއިޒް ހައިރާންވިއެވެ.
"މިބުނީ އޭރާއި މިހާރާ ވަކި ތަފާތެއް ނެތޭ. އޭރުވެސް މިހާރުވެސް ރިއާންއާމެދު ހާއްސަ ނަޒަރަކުން ދެކެވެނީ އަހަރެންނަށް އެކަނި. ރިއާންގެ ހިތް ބަދަލުވާނެ ދުވަހަކަށް އުއްމީދު ކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތް." ޒީވާގެ އަޑުގައިވާ މާޔޫސްކަން މާއިޒަކަށް ސިއްރެއް ނުވިއެވެ. އޭނާ ހަމްދަރުދީއާއެކު ޒީވާގެ ނަމުން ގޮވައިލިއެވެ.
"ދެން ދަނީ މާއިޒް. ހަގީގަތުގައި އަހަރެންގެ ދިރިއުޅުމުގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން. އޭރުވެސް އަހަރެން ރިއާންދެކެ ލޯބިވާކަން އެނގޭ ހަމައެކަނި ބަޔަކަށް ތިބީ އިޝްކޮގެ އިތުރުން ޝައިނާއާއި މާއިޒް. އެހެންވީމަ މިހާރުވެސް އަހަރެންނަށް މާއިޒްއާ މިވާހަކަތައް ދައްކަން އެހާ އުނދަގު ނޫނީ ކަމަށްވެދާނެ. އެކަމަކު ދެން މިވަގުތައް ދަނީ" ޒީވާ ދުރަށް ހިނގައިގަތެވެ.
"ޒީ މަޑުކޮށްބަަލަ" މާއިޒް ޒީވާގެ އަތުގައި ހިފައި ހުއްޓުވިއެވެ. އޭރު ގިނަބައެއްގެ ސަމާލުކަން އެދިމާލަށް ހުއްޓިފައިވާތަން ފެނި ޒީވާ އަވަސް އަވަހަށް އަތް ދަމައިގަތެވެ.
"ޒީ ތި ދެއްކި ވާހަކަތައް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ.. ރިއާން ޒީދެކެ ލޯބި ނުވާނަމަ އަހަރެން މިތަނުގަ ހުއްޓުނީއްސުރެން އަނގުރު އަލިފާން އަރާ ދެލޮލުން އަހަރެންނާ ދިމާލަށް ލޯ އަޅައިގެނެއް ނުހުންނާނެ"
މާއިޒްގެ ވާހަކައާމެދު ސުވާލު އުފެދިފައިވާ ބެލުމަކުން ޒީވާ މާއިޒަށް ބަލައިލިއެވެ. އެވަގުތު މާއިޒް ލޮލުގެ އިޝާރާތުން އޭނާއަށް ފަހަތް ދައްކައިލިއެވެ. ނަމަވެސް އެ އިޝާރާތަށް ފަސްއެނބުރި ބަލައިލެވުމުގެ ކުރިން ބާރުގަދަ އަތެއް އޭނާގެ އުނަގަނޑުގައި ވަށައިލެވިއްޖެއެވެ. ކައިރީގައިހުރި ރިއާން ފެނުމާއެކު ޒީވާއަށް ހައިރާންކަމެއް ލިބުނެވެ.
————————
މާއިޒް ޒީވާގާތަށް ދިޔަތަން ފެނުނު ވަގުތު ރިއާންގެ ހިތަށް ވެރިވި ނުތަނަވަސްކަން އެމޫނުމަތިން އަދިވެސް ފާޅުވާން ހުއްޓެވެ. މާއިޒްގެ އަތު ތެރޭގައި ޒީވާ ހުރި މަންޒަރު ފެނުނު ވަގުތު ރިއާންއަށް އޭނާގެ އަތުގައިހުރި ބިއްލޫރި ތަށީގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެހުރިހައި ވަގުތު ޒީވާއާ ދުރުގައި ހުންނަން މަސައްކަތްކުރި ނަމަވެސް ޒީވާ ދުރަށްދާން އުޅުމުން މާއިޒް ޒީވާގެ އަތުގައި ހިފިތަންފެނި ރިއާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ނުހުރެވުނެވެ. އޭނާގެ ގާތުގައި ތިބި މީހުންގެ އިޒުނައާއެކު އަވަސް އަވަހަށް ޒީވާމެންތިބި ދިމާލަށް ހިނގައިގަނެވުނު ގޮތްވެސް އޭނާއަކަށް ނޭނގެއެވެ.
"ބޭބް. މިއީ ކާކު؟ ރައްޓެއްސެއްތަ؟" ރިއާން ގަދަކަމުން ހިނިތުންވެލިއެވެ. ޒީވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު މާއިޒްއަށް ބަލައިލަމުން އެދެމީހުން ތައާރަފުކޮށްދިނެވެ.
"މާއިޒް. މިއީ އަހަރެންގެ ފިރިމީހާ ރިއާން. ރިއާން.. މިއީ މާއި–"
"ބޭބް ޑޫ ޔޫ މައިންޑް؟ އަހަރެން އެބަޖެހޭ ނެލްސަންއަށް އަހަރެންގެ ވައިފް އިންޓްރޮޑިއުސްކޮށްދޭން" މާއިޒްގެ ތައާރަފު އަޑުއެހުމުގެ ޝައުގެއް ރިއާންގެ ނެތެވެ. މާއިޒް އެއީ އެތަނުގައި ހުރި މީހެއްކަމަށްވެސް ނުބަލައި ޒީވާ ގޮވައިގެން ބާރު ހިނގުމެެއްގައި އެ މާލަމުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ހަރުކަށިގޮތެެެއް ހުއްޓެވެ. ޒީވާ މާއިޒާއެކު ފެނުމުން ލިބުނު ހިތްހަމަނުޖެހުމުގައި އޭނާގެ ބޮލުން ދުން އަރަމުންދާކަހަލައެވެ.
ރިއާންގެ އަވަސް ފިޔަވަޅުތަކާ އެއްހަމައެއްގައި ފިޔަވަޅު ބެހެއްޓުންވީ ޒީވާއަށް އުނދަގޫ ކަމަކަށެވެ. އެހެނަސް ޒީވާގެ އަތުން ދޫކޮށްލުމުގެ ހިޔާލެއް ރިއާންގެ ނެތެވެ. ޒީވާ ދެފަހަރަކު ގޮވައިލި ނަމަވެސް ރިއާންއަށް އެ އަޑު ނީވޭ ކަހަލައެވެ. ރިއާންގެ އަތުގެ ތެރެއިން އޭނާގެ އަތް ސަލާމަތްކުރެވޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އާދައިގެމަތިން އެތަނުގައި ތިބި ގިނަބައެއްގެ ސަމާލުކަން ރިއާންއަށް ހުއްޓެމުންދާތީއާއެކު އޭނާ މާވަރަކަށް ރިއާންއާ ދެބަސްވާކަށް ނޫޅުނެވެ. އެންމެފަހުން ބަގީއަށްއަރައި ހަމަޖެހިލުމަށްފަހު ރިއާން ޒީވާގެ އަތުން ދޫކޮށްލިއެވެ.
"ރިއާން. މޮޔަވީތަ؟ ތިހެން އައިމަ މާއިޒް ހީކުރާނީ ކީކޭ؟ ކޮބާތަ ތި ބުނާ ނެލްސަންއެއް؟" ޒީވާ ރިއާން ދޫކޮށްލި ހިސާބުން އަތުގެ ކުޑަހުޅުގައި ހިފަހައްޓައިލަމުން ބުންޏެވެ. ރިއާން އެ ސުވާލަށް ރައްދު ދޭކަށް ނޫޅުނެވެ. މާއިޒް ދޫކޮށްފައި އަންނަން ޖެހުނީތީ ޒީވާ ކުރަމުންދިޔަ ޝަކުވާތަކުގެ އަޑު އިވެމުންދާވަރަކަށް އާދަޔާހިލާފު ރުޅިއެއް އޭނާގެ ނަފްސަށް ސަވާރުވަމުންދިޔަ ކަހަލައެވެ. އެރުޅީގެ ސަބަބުން އޭނާގެ ފެނުންވެސް ފުސްވަމުންދާހެން ހީވާންފެށިއެވެ. ޒީވާ ދައްކާ ވާހަކަވެސް އޭނާއަކަށް އިވެމުންދިޔައީ ފަނޑުކޮށެވެ. އަތުންފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރުގައި އޭނާ ދެއަތް މުއްކަވައިލަމުން ދެދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ.
"ރިއާން.. ރިއާންއަށް އަހަރެން މި ދައްކާ ވާހަކަ އަޑު އިވޭތަ؟ ރިއާންއަށް އެނގޭތަ ކިތައް އަހަރުކޮށްފަކަން އަހަރެންނަށް މާއިޒްއާ މި ދިމާވީ؟ ރިއާން!!" ޒީވާ ގޮވަމުންދިޔަ އަޑަށް ބީރު ކަންފަތެއް ދިނުމަށްފަހު ރިއާން ބަގީއިން ފައިބައިގެންގޮސް ކޮޓަރިއަށް ވަނެވެ. ދެންވެސް އޭނާ މަޑުކުރާކަށް ނޫޅުނެވެ. އެ ދިޔަގޮތަށްގޮސް ފާހަނައަށްވަދެ ތަޅުލިއެވެ. އަދި ކަރުގައި އޮތް ޓައި ދޫކޮށްލުމަށްފަހު ލައިގެންހުރި ސޫޓް ބާލައި އެތަނުގައިހުރި ޖަކޫޒީއާ ދިމާލަށް ހޫރައިލިއެވެ.
ރިއާންގެ އަމަލްތައް ހުރިގޮތާމެދު ހިތްހަމަނުޖެހިފައިހުރެ ޒީވާ ކޮޓަރީގެ ދެފަރާތަށް ހިނގަންފެށިއެވެ. ރިއާން އެހާ ރުޅިއައިސް ހަފްލާދޫކޮށް އަންނަންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ރިއާން ނުކުންނާނެ އިރަކަށް ޒީވާ އިންތިޒާރުކުރަމުންދިޔައެވެ. އޭނާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އެނދުމަތީގައި އޮތް ކްލަޗްގެ ތެރެއިން ފޯނު ރިންގުވާންފެށުމުންނެވެ. ޒީވާ އަވަސް އަވަހަށް ފޯނު ނެގިއެވެ.
"ހެލޯ މާއިޒް ދޯ؟" ޒީވާ އަހައިލިއެވެ. "ރިއަލީ ސޮރީ އެނގޭ ރިއާން ކަންތައްކުރިގޮތުން. އަސްލު ރިއާން ވަރަށް މެހެމާނުންނަށް ރަނގަޅުވާނެ. އަހަރެންނަކަށްވެސް ނޭނގެ އެގޮތަށް މާއިޒްއަށް ކަންތައްކުރި ސަބަބެއް" ޒީވާ މާފަށްއެދުނެވެ.
"އެއީ އެހާވަރު ކަމެއް ނޫނެއްނު. ޒީ މާދަންވެސް މިކޮޅުގަ އުޅޭނަންތަ؟" މާއިޒް އެއްސެވެ. ޒީވާ އާނއެކޭ ބުނުމުން މާއިޒް ދެންވެސް ވާހަކަދެއްކިއެވެ.
"އެހެންވިއްޔާ ވާނެ މާދަން ހެނދުނު ކޮންމެހެންވެސް އަހަރެންނާއެކު ހެނދުނު ސަޔަށް ދާން. މިފަހަރު ތި ރިއާންއެއް ކޮންމެހެންވެސް ޖޭ ކުރަން އެބަޖެހޭ.. އަހަރެންނަށް ޔަގީން އޭރަށް މާ ދުވަހެއް ނުވެ ރިއާންވެސް ޒީދެކެ ލޯބިވާކަމަށް އިޢުތިރާފުވާނެކަން" މާއިޒްގެ ވާހަކަ ހުރިގޮތުން ޒީވާގެ ގާތަށް ހިނިއައެވެ.
"މި މާއިޒް ކިޔާފާނެ ކޮންމެ އެއްޗެކޭވެސް. ދެން ފިލްމުތަކާ ވާހަކަތަކުގަ އެހެން ވިޔެކޭ ކިޔާފަ އެހެން ވެދާނެތަ؟" ޒީވާ ހެމުން ހެމުން އަހައިލިއެވެ. އެވަގުތުވީ ރިއާންއަށްވެސް ފާހަނައިން ނުކުމެވުނު ވަގުތަށެވެ. އޭނާގެ އުނުގައި އަނދެފައިވާ ތުވާއްޔާ އިސްތަށިގަނޑުގައިހުރި ފެނުގެ އަސަރުން އެ ނުކުތީ ފެންވަރައިގެންކަން ޒީވާއަށް އެނގުނެވެ. ޒީވާގެ ނަޒަރު ހިނދުކޮޅަކަށް ރިއާންގެ ފުރިހަމަ ހަށިގަނޑަށް ހުއްޓުނު ނަމަވެސް އޭނާ އަވަސް އަވަހަށް އެ ނަޒަރު ވަކިކޮށްލިއެވެ. އަދި ފޯނުގެ އަނެއްފަރާތުގައިހުރެ މާއިޒް ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދެމުން ދުރަށް ހިނގައިގަތެވެ.
ރިއާން ތެތްކޮށް އޮތް އިސްތަށިގަނޑުގައި އަތްފުނާ އަޅަމުންގޮސް އެތަނުގައިހުރި ވެނިޓީ މޭޒުގެ ކައިރިއަށް ހުއްޓިލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލޯގަނޑުން ފެންނަމުންދިޔަ ޒީވާގެ ސޫރައަށެވެ. އޭނާއަށް ފުރަގަސްދީގެން ހުރުމުން ޒީވާގެ މޫނު ނުފެނުނު ކަމުގައިވިޔަސް އެ އަޑުން އޭނާއަށް ސަމާސާގެ އަސަރު ފާހަގަކުރެވުނެވެ. ފޯނުގައިހުރެ ބޭނުން ކުރަމުންދިޔަ ނަމުގެ ސަބަބުން އެ ވާހަކަދައްކަނީ މާއިޒްއާކަން އެނގުނެވެ. އޭނާ މާ އަވަހަށް ފާހަނައިން ނުކުތީވެސް ޒީވާ މާ މަޖާވެފައި ފޯނެއްގައިހުރި އަޑު އިވޭތީއެވެ. ނަމަވެސް މިހާރު އަނެއްކާވެސް ނުކުމެވުނު މޮޔަ އެބަ ހިތައް އަރައެވެ. ޒީވާ މާއިޒްއަށް ހަދިޔާކުރާ ކޮންމެ ލަފްޒެއް އަދި ހީނލުމަކާއެކު އޭނާގެ ސިކުނޑީގައި އުފެދިފައިވާ ރުޅީގެ އަލިފާނަށް ތެޔޮއަޅައި އަންދާލެވޭ ކަހަލައެވެ. އެފަދަ ގޮތަކަށް އެހެން ފިރިހެނަކާ ޒީވާ ހީނ ސަމާސާ ކޮށްފާނެ ކަމަކަށް އޭނާގެ ހިޔާލަށްވެސް ގެނެވިފައެއް ނެތެވެ. މިހާރު އެ ފޯނެއްގައި ހުންނަތާވެސް ފަސްމިނަޓު ވަނީއެވެ. ރިއާން ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން މޭޒުގެ ދެފަރާތުގައި ބާރަށް ހިފަހައްޓައިލިއެވެ.
"ދެން މާލެ ގޮސްފަ ޝައިއާވެސް މީޓް ކޮށްލާނީ.. އަސްލު ހާދަ ހަނދާންވެޔޭ ތި ދެމީހުން މަތިން. ހަމަ އަހަރެންގެ ދައްތަމެންފަދަ. އަހަރެންނަކަށް އަސްލު ނޭނގެ އަހަރެންގާތު ހުރެގެން ރިއާން ޒީއާ ދޭތެރޭ ހިތްހަމަ ނުޖެހޭންވި ސަބަބެއްވެސް. އަހަރެންމީ ޒީއާ ބަލާފަ އުމުރުގެ ގޮތުންވެސް މާ ހަގު މީހެއްވިއްޔަ" މާއިޒްގެ ވާހަކައަށް ޒީވާ މިފަހަރު ފަސްއެނބުރި ސިއްރު ސިއްރުން ރިއާންއަށް ބަލައިލިއެވެ. ނަމަވެސް ލޯގަނޑުން ޒީވާގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަ ރިއާންގެ ލޮލުގައި އެކަން އަޅައިގަތެވެ. ރިއާންއާ ހަތަރުކަޅި ހަމަވި ވަގުތު އެ ދެލޮލުން ފެނުނު ބުނެދޭން ނޭނގޭ އަސަރުތަކާއެކު އޭނާގެ އަތްފައި ފިނިވެގެންދިޔައެވެ.
"މިގަޑީ ތިކަހަލަ ވާހަކަ ނުދައްކާ.. ރިއާން އެބަހުރި" ޒީވާގެ ޖަވާބުދިނީ މަޑުންކަމުގައި ވިޔަސް ޒީވާގެ ކޮންމެ ވާހަކައަކަށް ސަމާލުކަންދީގެންހުރި ރިއާންގެ ކަންފަތުގައި އެ ޖުމްލަ އަޅައިގަތެވެ. ފޯނުގެ އަނެއްފަރާތުން ދައްކަމުންދިޔަ ވާހަކައިގެ ހަގީގަތް ނޭނގޭ ހާލު އޭނާގެ ހިތް ގޯސް ވަހުމުތަކާއި ޝައްކުން ފޯވަމުންދިޔައެވެ.
"ދެން މާދަމާ ހެނދުނު ދިމާވެފަ ތިވާހަކަ ދައްކަމާދޯ… މާއިޒް ކިހާ އިރަކު ހޭލާނީ؟" ރިއާންގެ ބުމަ ގޮށްޖެހުނެވެ. ޒީވާ އެއުޅެނީ މާދަމާ ހެނދުނު މާއިޒްއާއެކު ކޮންތާކަށް ދާން ރާވައިގެން ހެއްޔެވެ؟ އޭނާ ހަމަ ހިލާ އެކަން އެގޮތައް ވިޔަކަ ނުދޭނެއެވެ.
ޒީވާ އިތުރަށް މާއިޒްއާ ދައްކަމުންދިޔަ ވާހަކަ އަޑުއަހާކަން ރިއާންއަކަށް ކެތެއް ނުކުރެވުނެވެ. މޭޒުމައްޗަށް ދޫކޮށްލި ގޮށްމުށުގެ އެތިފަހަރާއެކު ރިއާން ދުރު ފިޔަވަޅުތަކެއްގައި ޒީވާއާ ދިމާލަށް ހިނގައިގަތެވެ.
"މައްސަލައެއްނެތް.. އެހެންވިއްޔާ މާދަމާ އަހަރެ-" ޒީވާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް އިވުނު ބާރު އަޑުފައްގަނޑެއްގެ ސަބަބުންނެވެ. އެ އިވުނު އަޑާމެދު ރަނގަޅަށް ވިސްނައިނުލެވިގެން އުޅެނިކޮށް އައި ނައި ތަނެއް ނޭނގި ރިއާން އައިސް އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އޭނާގެ ތުންފަތް ރިއާންގެ ހޫނު ތުންފަތުގެ ތެރޭގައި ގައިދު ކޮށްލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ޒީވާގެ ބުރަކަށި ކައިރީގައި ހުރި ފާރުގައި ޖެހި އައި ލޮޅުމުގައި އޭނާގެ އަތުގައި އޮތް ފޯނުވެސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭރުވެސް ވަމުންދާ ކަމެއް ރަނގަޅަށް ނަގައިނުގަނެވޭ ހާލު ޒީވާގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެއިން އެއްވެސް ކަމަކުން ރިއާންގެ އަމަލުތަކަކަށް ހުއްޓުމެއް ނާދެއެވެ. އެހަރަކާތްތައް އާދަޔާ ހިލާފަށް އަވަސްވެފައި ހަރުކަށިގޮތެއް ހުއްޓެވެ. އެއިން ކޮންމެ ހަރަކާތަކާއެކު ޒީވާއަކީ ހަމައެކަނި އޭނާގެ މިލްކެއްކަން ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. އެއިން ކޮންމެ ބީހުމަކާއެކު ޒީވާގެ މައްޗަށް އޭނާއަށް އޮތް ހައްޤު ސާބިތުކޮށްދެމުންދާ ކަހަލައެވެ.
ޒީވާއަށްވެސް ލޯ މަރައިލަމުން އެވަގުތުކޮޅުގެ ލައްޒަތުގެ ތެރެއަށް ގެނބިގެން ދެވުނެވެ. ރިއާންގެ ކޮންމެ ހަރަކާތެއްގައިހުރި އަވަސްކަމާ އެއްހަމަކުރަން މަސައްކަތްކުރިއެވެ. އެހެނަސް ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު ޒީވާގެ ނޭވާ ހާސްވެ ލޯ މައްޗަށް އަނދިރިވަމުންދާހެން ހީވާން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. ރިއާންގެ އެއްވެސް ބީހުމަކުން އޭނާއަށް ލޯތްބާއި ކުލުނުގެ ޒައްރެއްގެ މިންވަރުވެސް އިހުސާސެއްނުކުރެވެއެވެ. އެ އަމަލްތަކުގައިވާ އަނިޔާވެރިކަމާއި ހަރުކަށިކަން އޭނާގެ ހަޔާތުގައި އައި އެންމެ އަނދިރި ރޭގެ ސަފްހާތައް ހަނދާންކޮށްދެމުންދާ ކަހަލައެވެ. ފަހަތުގައި ހުރި ކޮންކްރީޓް ފާރެކެވެ. ކުރިމަތީގައިހުރީ ބާރުގަދަ ފިރިހެނެކެވެ. އެއީ ޒީވާއަށް އެރޭގަ މަންޒަރާ ދާދި އެއްގޮތް މަންޒަރެކެވެ. ތަފާތަކީ މިރޭ އެތަނުގައި ހުރި މީހަކީ އޭނާގެ ފިރިމީހާ ކަމެވެ.
"ރިއާން..ރިއާންޕްޕް.. އައި.. ކާންޓްޕްޕް..ބްރީތް.ތްް.. ހާސް.. ހާސްވަނީ.."
ޒީވާ ދެފަހަރަކު ރިއާންގެ މޭގައި އަތް އަޅައި ކޮށްޕައިލަން އުޅުނެވެ. ނަމަވެސް އެކަމުން ރިއާންގެ ހަށިގަނޑަށް ކުޑަވެސް ގުޑުމެއް ނާދެއެވެ. ތިންވަނަ ފަހަރަށް ޒީވާ ގައިގެ ހުރިހާ ހަކަތައަކާއެކު ރިއާން ދުރަށް ކޮށްޕައިލިއެވެ. ރިއާންއަށް ދެފިޔަވަޅެއްހާތަން ފަހަތައް ޖެހިލެވުނު ނަމަވެސް ޒީވާ އެގޮތަށް ކަންތައްކުރީތީ އައި ރުޅީގައިކަމެއް ލިބުނު ސިހުމުގައި ކަމެއް ނޭނގެއެވެ. އަތް ދަމައިލުމަށްފަހު ޒީވާގެ ކަންކަށިމައްޗަށް ހޫނު ހަމަލާއެއް ފޮނުވައިލިއެވެ. އެ ވަރުގަދަ ހަމަލާގެ ސަބަބުން ޒީވާގެ މޫނުމައްޗަށް އަނދިރިވެ އަރި އަޅައިލި ނަމަވެސް ނުވެއްޓި ސަލާމަތްވީ އަނެއްކާވެސް ރިއާން އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތުމުންނެވެ. ނަމަވެސް މިފަހަރު ޒީވާގެ ހަށިގަނޑުގައި ދެކޮޅު ހަދާނެހާ ހިތްވަރެއް ނެތެވެ. އެ ހަކަތަ ހުރީ ނަމަވެސް ރިއާންގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން އޭނާހުރީ ގަބު އަރައިފައެވެ. އޭނާގެ ކޯތާފަތް މަތީގައި އަޅަމުންދިޔަ ވޭނުގެ މައްޗަށް އޭނާގެ ހިތުގައި ލެވިގެންދިޔަ ޒަހަމުގެ ވޭން ކުރިހޯދަމުން ދިޔައެވެ.
އެގޮތުގައި ވަނިކޮށް ރިއާން އޭނާ އެނދާއި ދިމާލަށް ހޫރައިލިއެވެ. ޒީވާ އެއްވެސް ދެކޮޅު ހެދުމަކާނުލައި ރީއްޗަށް އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ރިއާންއާ މާދުރަށެވެ. ރިއާން ސިންގާއެއްހެން އައިސް އޭނާގެ ގައިމައްޗަށް ޖެހުނު އިރުވެސް އެންމެ ފަހަރަކުވެސް ރިއާންއާ ދިމާލަށް މޫނުއަނބުރައި ބަލައިނުލިއެވެ. ނަމަވެސް އެގޮތުގައި މާގިނައިރު އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ރިއާން އޭނާގެ ހެދުމުގެ ކަރުވަޅު ކޮނޑުމަތިން ގެންގޮސް ފޭކޮށްލި ވަގުތު ޒީވާގެ ހިމޭން ގިސްލުމުގެ އަޑު އިވެން ފެށިއެވެ.
ރިއާންއަށް ސިހިފައި ޒީވާއާ ދުރަށްޖެހިލަމުން ދެކަކޫ މައްޗަށް އެނދުގައި އިށީނދެލެވުނެވެ. ހާސްވެފައި އިނދެ އިސްތަށިގަނޑުގެ ތެރެއަށް އެއްއަތް މަހައިލެވުނެވެ. ޒީވާއަށް ބަލައިލި ނަމަވެސް ޒީވާ އެންމެ ހިނދުކޮޅަކަށްވެސް އޭނާއަށް ބަލައިލަން ބޭނުން ނުވާކަހަލައެވެ. އަނގަމަތީގައި އަތް އަޅައިގެން އޮތީ އެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތައް ނީއްވުމަށެވެ.
ރިއާންއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް އެނބުރިގަތްހެނެވެ. މިއީ ހަމަބުއްދީގެ މައްޗަށް ގަދަވެގަންނަފަދަ ރުޅިވެރިކަމެއްގެ ސަބަބުން ހައްދުން ނެއްޓޭހާ ހިސާބަށް އޭނާގެ އަމަލުތައްދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ހަޔާތުގައި ބޮޑު ކުށެއް ކުރެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ނަމަވެސް މިހާވަރަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަގުތެއް އޭނާގެ ހަޔާތުގަވެސް ނާދެއެވެ. އިތުރަށް ކަންތައްތައް ގޯސް ނުވަންދެން ހަމަބިމަށް އާދެވުނީތީ އޭނާ ހިތާހިތުން ޝުކުރުވެރިވިއެވެ. އެހެނެއްކަމަކު އޭނާގެ ހިތަށް އެކަމުން ތަސައްލީއެއް ނުލިބުނެވެ.
އެނދުން ފޭބުމަށްފަހު ރިއާން އަދިވެސް އެއްފަހަރު ދުރަށް މޫނު އަނބުރައިލައިގެން އޮތް ޒީވާއަށް ބަލައިލިއެވެ. ދެފަހަރަކު އަނގަ ހުޅުވައިލި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޒީވާއާ މުހާތަބު ކުރާނެ ގޮތެއް ބުނާނެ އެންމެ ބަހެއްވެސް އޭނާއަކަށް ނުވިސްނުނެވެ. ޒީވާ ލައިގެން ހުރި ހެދުން ހަށިގަނޑާއި ވަކިކޮށްލެވިފައި ނުވިކަމުގައި ވިޔަސް އިތުރަށް އެ ހަށިގަނޑު ފޮރުވައިލުމަށްޓަކައި ރަޖާ އަޅައިދިނުމަށްފަހު އެންމެ އަވަހަށް އަތު ޖެހުނު ސޯޓާއި ޓީޝާޓު ގަޔަށް މަހާލައިގެން އެތަނުން ނުކުތެވެ. އޭނާ އެތަނުން ނުކުންނަންދެންވެސް ޒީވާގެ ގިސްލުމުގެ އަޑު ހުއްޓުމެއްނެތި އިވިއިވި ހުއްޓެވެ.
ރިއާން ނުކުތުމާއެކު ޒީވާގެ ގިސްލުމުގެ އަޑު ބާރުވަމުންގޮސް ބަޑި ފަޅައިގެންދިޔައެވެ. ވޭނީ ރުއިމެއްގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭ ހިއްޕައިލައިފިއެވެ. ހިތްވަރުކޮށްފައި ތެދުވެ އެނދުގައި އިށީނދެލި ނަމަވެސް އެނދުން ފައިބާނެހާ ހިތްވަރެއް ނުލިބުނެވެ. ރުޅި އައިސްފައިހުރެ ރޮމުން ރޮމުން އެނދުމަތީގައިވާ ރަޖަލާއި ބާލީސްތައް އެތަން މިތަނަށް ހޫރައިލުމަށްފަހު ހެޑް ބޯޑުގައި ލެގިލިއެވެ. ރިއާންގެ ހަމަލާއެރި ހިސާބުން މޫނުގައި ހިފަހައްޓައިލި ވަގުތު އަނެއްކާވެސް އޭނާގެ ރުއިމުގެ އަޑު ފަނޑުވަމުންގޮސް މަޑު ގިސްލުމަކަށް ބަދަލުވިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަޅެ 'ވަރަށް ދެރަވެއްޖެ. ރުޅި އައިސްގެން ވިޔަސް ތިގޮތަށް އަނބިމީހާ އާއިމެދު ރިއާން އަމަލު ކުރާނެ ކަމަކަށް އުންމީދެއް ނުކުރަން. އުންމީދު ކުރި އެއްވެސް ސިފައެއް ރިއާންގެ ކެރެކްޓާއިން ނުފެނޭ ވާހަކަ މިހާ ހިސާބަށް އައިއިރު.
އަސްލުވެސް އަހަރެންވެސް ހިއެއްނުކުރަން
ރިއާން ޒީވާޔާދޭތެރޭގަ މިހާއަނިޔާވެރިވާނެ
ކަމަކަށް އެކަމް އަހަންނައް ހީވަނީ ރިއާންގެ
ރިއާންގެ ކެރެކްޓާ ތަންކޮޅެއް ރަނގަޅު ކޮށްލީމަ
އަދިމިވާހަކަޔަށް އިތުރުފުރިހަމަކަމެއް އަންނާނެހެން