ވަޒީރުންނަށް ރުހުން ނުދީ، މިއަހަރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައި އެޖެންޑާ ޢާންމުކޮށްފިއެވެ.
މާދަމާ ބާއްވަން އެޖެންޑާކޮށްފައިވާ ޖަލްސާއަކީ މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. އެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ދެ ކަމެއް ހުށަހަޅުއްވާފައިވާއިރު ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތައާވަލުކޮށްފައެވެ.
މާދަމާއަށް ތާވަލުކޮށްފައިވާ ފަހު ޖަލްސާގައި ތައާރަފު ކުރެއްވުމަށް ހަމަޖެހިފައިވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ވެލިދޫ ދާއިރާގެ މެންބަރު ޝަފީގު ހުށަހަޅުއްވާފައިވާ ބިލާއި، އެޤާނޫނު އުވާލުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި އެމަނިކުފާނު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުއްވުމަށެވެ. ހަމައެހެންމެ، "މިނަމަޓާ ކޮންވެންޝަން އޮން މަރކިއުރީ" ގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރިޔާސަތުން ވަނީ މި މަހުގެ 18 ވަނަ ދުވަހު އޮތް ޖަލްސާގައި އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމުގެ ކަންކަން ފުރިހަމަނުވާތީކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ. މީގެ ކުރިން މަޖިލީހުން މި ގޮތަށް އަމަލުކޮށްފައި ނުވާކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަކީ 1 އޯގަސްޓުން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. ނަމަވެސް ނޮވެމްބަރު މަހަށް ދައުރު ނުނިންމާ ދެފަހަރެއްގެ މަތިން މަޖިލީހުގެ މި ދައުރުވަނީ ދަންމާލާފައެވެ. އެންމެ ފަހުން ދައުރު ދަންމާލީ ޑިސެމްބަރު 28 ވަނަ ދުވަހާއި ހަމައަށެވެ.
އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ދައުރު ނިންމާތީ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ބޭފުޅުން ގެއަށް ވަޑައިގަންނަވަންވާނީ ރައްޔިތުންގެ ކަންކަމަށް އެކަށީގެންވާ ނަތީޖާއެއް ނެރެދެއްވާފައި. އެމިންވަރަށް ނުކުރެއްވެންޏާ އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަންވާނީ.