ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަނީ

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް މި ފެށޭ އަހަރުގެ ތެރޭގައި އަޅަން ފަށްޓަވާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ސިއްޙީ ކަންކަމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައި ވަނީ މި ފެށޭ އަހަރު ކަމަށާއި،  3 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް، ޗައިނާ ސަރުކާރުގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާއިރު، ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މައިގަނޑު ބޭނުމަކީ ވިލިމާލޭގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ދާން ޖެހޭ ތަކުލީފުކުޑަކޮށް، މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ބާރު ކުޑަކުރުންކަމަށާއި، ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށާއި، މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. އަދި މި ފެށޭ އަހަރު ހޮސްޕިޓަލްގެ ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ގިނަވެގެން 3 އަހަރުގެ ތެރޭގައި ހޮސްޕިޓަލްގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ހޮސްޕިޓަލްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އަވަހަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަން ފާހަގަކުރައްވަމުން، ވިލިމާލޭގައި އަޅާ އައު ހޮސްޕިޓަލަކީ ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ތަރައްޤީކުރާ ހޮސްޕިޓަލެެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތު ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅޭގޮތުން، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ޙަލީމް ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. ޙަލީމް ވިދާޅުވީ ހޮސްޕިޓަލް ޢިމާރަތް ކުރުމުގެ މަސައްކަތް ފަށްޓަވާނީ ވިލިމާލޭގެ ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހުގައިކަމަށެވެ. އަދި އިމަޖެންސީ ހާލަތައް ސީ އެންބިއުލާންސެއް ބާއްވާނެކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ. އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރެއްވެސް ނެތެވެ.
ޚާއްޞަ ބަލިތަކުގެ ޚިދުމަތް ދެނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލަށް ގޮސްގެންނެވެ. ކުއްލި ފަރުވާ ދޭންޖެހޭ ޙާލަތެއްގައި ޚިދުމަތް ދިނުމަށް ބަލިމީހާ ފޮނުވަނީ އައިޖީއެމްއެޗަށެވެ. އެހެންނަމަވެސް އައު ހޮސްޕިޓަލާއެކު މިކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެ ހޮސްޕިޓަލްއަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ޚިދުމަތްތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ