އާޒިމާ ދެކޭ ހިތްވާ މާލެ: މާމެލާމެލި ފަރިވެ ފޮޅޭ، ރައްކާތެރިކަމާއެކު އެންމެންނަށް އުޅެވޭނެ ތަނަކަށް ވުން

"ފިޔަ އޮންލައިން" އިން ބައެއް ސުވާލުތައް ކޮށްލީމެވެ. އެކަމަނާގެ ޖަވާބުތައް ސާފު ސީދާކޮށް ދެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް އަންނަ ޖެނުއަރީ މަހު ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރައްވަން ނިންމެވީ، ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި، އުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމި ހުރި މީހަކަށް ވެފައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުޤު އަދިވެސް ހުރުމުންނެވެ.

އާޒިމާގެ ތަޢާރަފެއް

ޢުމުރުން 55 އަހަރުގެ ޢާއިޝަތު އާޒިމާ ޝަކޫރަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ސަރުކާރުގެ އެކި ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރެއްވި އާޒިމާގެ ޕެޝަންއަކީ އިޖްތިމާޢީ ޚިދުމަތާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ދާއިރާ ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

މާލޭގެ ޙާލަތު އާޒިމާގެ ދުލުން

މާލޭގެ ޙާލަތު ކުރުކުރުކޮށް ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މާލެ ހުޅުމާލެ ވިލިމާލެ މިހުރިހާ ރަށަކަށް ބަލަންޏާ މިހާރު އިޖްތިމާޢީ މައްސަލަތައް އެހާ ގިނަ ކަމަށާއި، ނޭވާލާން އުނދަގޫތަކެއް ކަމަށާއި، މިނިވަންކަމާއެކީ މަގުމަތީގައި ނިކުމެ އުޅެވެން އޮތްތަނެއް ނޫކަމަށް ސިފަކުރެއްވިއެވެ. މާލެއަކީ ސާފުތާހިރުކަމެއް ނެތް ތަނެއް، ބޭރު މީހުންނާއެކުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެތައް ކަމެއް ހިނގަމުންދާ ތަނެއް ކަމަށް ފާހަގަކުރައްވަމުން މާލޭގެ ޙާލަތަކީ މިވަގުތު ޤާނޫނީ ވިސްނުމަކުންވެސް އަދި އާންމު އިޖްތިމާޢީ  މިންގަނޑަކުންވެސް އެއްވެސް ޤަބޫލުކުރެވޭ ގޮތަކަށް އޮތްތަނެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ.

މާލޭ މޭޔަރުކަމަށް ކުރިމަތިލާ ސަބަބު

މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި ސަބަބަށް އިޝާރާތްކުރައްވައި އާޒިމާ ވިދާޅުވީ އެކަމަނާއަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި އުޅުއްވި ބޭފުޅަކަށްވެފައި، މާފަންނު އަވަށު އޮފީސް ހަ އަހަރު ވަންދެން ހިންގަން މާފަންނު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި ކަމަށާއި، ރާއްޖެއަށް ސުނާމީ އެރިއިރުވެސް މާފަންނު އަވަށު އޮފީސް ހިންގަމުގެ ޒިންމާ އަދާކުރެއްވިއިރު މިދާއިރާގައި މަސައްކަތްކުރެއްވުމަކީ ޝައުޤުވެރިކަން ހުރި ކަމެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި ރާއްޖޭގެ ބޮޑެތި މައްސަލަތައް މާލެއިން ޙައްލުކޮށްގެން ނޫނީ ޙައްލު ނުކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެކަންކަން ޙައްލުކޮށްދިނުމަށް އަދި އެކަންކަން ޙައްލުކޮށްދިނުމުގައި ރައީސް މުޢިއްޒުގެ ޓީމުގެ ތެރޭގައި ހުރެގެން ރައީސް މުޢިއްޒުގެ ވިޝަން ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަމާޒެއް ކަމުގައި އާޒިމާ ފާހަގަކުރެއްވިއެވެ.

ޙާސިލު ކުރަން ބޭނުންފުޅުވާ އެންމެ ބޮޑު ލަނޑުދަނޑި

"މާލޭގަ ވަކި އެއްކަމެއް ނޫން ޓާގެޓް ކުރަންޖެހެނީ. ހުރިހާ ކަމަށް ޓާގެޓް ކުރަންޖެހޭ. އޭގެ ތެރޭގައި މާލޭގެ މަގުތައް އަމާންކަން، ސާފުތާހިރުކަން، މާލޭގެ ތޮއްޖެހުން، ގޯތިގެދޮރު، އެކަހަލަ އެތައް ކަމެއް އެބަހުރި." ޙާސިލު ކުރައްވަން ބޭނުންފުޅުވާ އެންމެ ބޮޑު ލަނޑުދަނޑިއަށް އިޝާރަތް ކުރައްވާ އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެކުލަވާލެވިފައި އޮތް ޤައުމީ ޕްލޭންއަކާ އެކުގައި މަސައްކަތްކުރިއަށް ގެންދާނެ ކަމަށާއި، އެންމެ އާޖެންޓްކޮށް ހުރި ބޮޑެތި ކަންތައްތަކަށް އެއް ފަހަރާ ތަންފީޒުކުރެވޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދައުރު ނިމޭއިރު މާލޭ ސިޓީ

"އަޅުގަނޑު ދެކޭ ހިތްވަނީ މާލެއަކީ އަމާންކަމާއެކުގަ ކޮންމެ އުމުރެއްގެ މީހަކަަށްވެސް ނިކުމެ އުޅެވޭ ހަމަ ނޭވާލައިގެން އިށީނދެލާނެ ތަންތަން ހުރި މާމެލާމެލި ފަރިވެ ފޮޅޭނެގޮތަށް، ރައްކާތެރިކަމާއެކު ކުދިންނާއި އަންހެނުންނަށް އެންމެނަށް އުޅެވޭނެގޮތަށް. އަޅުގަނޑު ޤަބޫލުކުރާ ޕްރިންސިޕަލަކީ ޑައިވާސިޓީ ނުވަތަ ހުރިހާ ކަހަލަ މީހުންނަށް އެކުގަ އުޅެވޭނެ ތަނަކަށް މާލެވާންޖެހޭ. އަޅުގަނޑުގެ ވިޝަން އަކީ، މާލޭގެ އެންމެންގެ މާލެއަކަށް މާލެ ވުން." ދައުރު ނިމޭއިރު މާލޭ ސިޓީ ސިފަކޮށްދެއްވަމުން އާޒިމާ ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު