ބަނގުރޫޓްވެފައިވާ "ފެނަކަ" އިން، އެމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި ބިލިއަނުން ބިލިއަނުން ޚަރަދު

ކުންފުނިތައް ހިނގާންޖެހޭ ވަކި ހަމަތަކެއް އުސޫލުތަކެއް ހުރެއެވެ. ސަރުކާރު ޙިއްސާވާ ކުންފުނިތަކަކީ އާންމު ގޮތެއްގައި ސަރުކާރުން ސަބްސިޑީޒް ދީގެން ހިންގާ ކުންފުނިތަކެއް ކަމުގައި ވިޔަސް، އެކުންފުނިތަކަކީ ދަރަނި ދަންތުރައެއްގައި ޖެހޭ ތަންތަނަށް ވެގެން ނުވާނެއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކެއް ދިނުމަށް ނުވަތަ ފަސޭހަތަކެއް ގެނައުމަށް ހިންގާ އެފަދަ ކުންފުނިތަކުން މުޅި ދައުލަތް އިނދަޖެހޭނެ ފަދަ ހަމައަކުން ކަން ކުރުމަކީ ޤައުމަށް ދެވޭނެ ވަރަށް ބޮޑު ދެރައެކެވެ.

ފެނަކައަށް ބަލާއިރު، އެ ކުންފުނިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުންފުންޏަށް ބޮޑުތަނުން ގެއްލުންވާނޭހެން މުދަލާއި ޚިދުމަތް ހޯދުމަށް ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައެވެ. މިގޮތުން އެންމެ ޚަރަދު ބޮޑުކޮށް ކުރެވޭ މުޢާމަލާތުގެ ގޮތުގައި ހިމެނޭ އެމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން ގިނަ ޢަދަދެއްގެ މުދާ ގަނެފައިވާކަމަށް އެކުންފުނިން ވިދާޅުވެއެެވެ.

ފެނަކައިގައި ހިންގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އަދި ކުންފުންޏަށް ގެއްލުންވާނެހެން ހިންގާފައިވާ ކަންކަމުގެ އެތައް މަޢުލޫމާތެއް ވަނީ ތިލަވެފައެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ކުންފުންޏަށް ގެއްލުންވާނެހެން ގިނަ ކަންތައްތަކެއް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ހިންގާފައިވާކަމަށެވެ. އަދި އިންތިޤާލީ މަރުޙަލާގައި އިންތިޚާބީ ރައީސްގެ އޮފީހުންވެސް މިކަން ތަކުރާރުކޮށް ހާމަކުރައްވަމުން ގެންދަވާފައިވެއެވެ.

މިގޮތުން ޕްރޮކިއުމަންޓް އުޞޫލެއް ކުންފުނީގައި އޮތްއިރު، އެ އުޞޫލާއި ޚިލާފަށް ނުއަގުގައި ކުންފުންޏަށް މުދަލާއި ޚިދުމަތް ހޯދާފައިވެއެވެ.

"އެމަރޖެންސީކޮށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަންދޭ. އެހެންނަމަވެސް ސަލާމަތްކުރެވޭނެ ޚަރަދުތައްނަމަވެސް އެމަރޖެންސީކޮށް ޕްރޮކިޔޯކޮށްފައިވަނީ. އެއީ ވަރަށް ޚަރަދު ބޮޑު ގޮތެއް." މުޢާޒް ވިދާޅުވިއެވެ.

އެމަންޖެންސީ ޙާލަތެއްގައި ކުއްލިއަކަށް ކުރަންޖެހޭ ހޭދަކުރުމަށް އެ ކުންފުނީގެ ޕްރޮކިއުމަންޓް އުޞޫލު ތަން ދިންނަމަވެސް، އެއީ އަގުބޮޑުކޮށް ކުރަންޖެހޭ ކަމެއް ނޫނެވެ. މުޢާޒް ވިދާޅުވީ، ނިމިދިޔަ 2022 ގައި އެކަނިވެސް އެމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މިއީ ދުރަލާ ރާވާލެވިގެން ކުރިއަށްގެންދިޔަނަމަ ސަލާމަތްކުރެވޭނެ ޚަރަދުތަކެއްކަން މުޢާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުުރުން، އިމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި ގިނަ ޢަދަދެއްގެ މުދާ ގަނެފައިވާއިރު މީގެތެރޭގައި އެންމެ ގިނައިން ގަނެފައިވަނީ ޖެނެރޭޓަރު ސެޓުތަކާއި ކޭބަލްތައްކަން ފެނަކައިން ފާހަގަކުރެއެވެ. އަދި މިގޮތަށް ގަނެފައިވާ މުދަލަކީވެސް އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައިވާ ހޭދައެއް ނޫންކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން 37.6 ކިލޯމީޓަރުގެ ކޭބަލް ގަތުމަށް 815 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ. ހަމައެހެންމެ، ޖެނެރޭޓަރު ސެޓުތަކެއް ގަނެ 55 ރަށެއްގައި އެމަރޖެންސީކޮށް މަސައްކަތްކުރިކަން ފެނަކައިން ފާހަގަކުރެއެވެ. އަދި މިއީ ކުންފުންޏަށް ގެއްލުން ބޮޑުކޮށް، ކޮށްފައިވާކަމަކަށްވާއިރު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އުޞޫލުތަކުގެ ތެރެއިން ކުރެވޭނެކަމެއްކަން ފެނަކައިން ފާހަގަކުރެއެވެ.

ފެނަކައިން ގެއްލުމުގައި މުދާ ގަތުމުގެ އިތުރުން ކުންފުންޏަށް ގެއްލުންވާނެހެން ކުންފުނީގެ މުވައްޒަފުންގެ ކަންކަން ބައްޓަންކޮށްފައިވާއިރު. ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުޑަކުރުމަށް އެއްވެސް މަސައްކަތްކޮށްފައި ނުވަކަން ފެނަކައިގެ އައު މެނޭޖްމަންޓުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު