މިހާތަނަށް ބެލި ބެލުމުން ސިނަމަލޭ ބުރިޖުގެ މެއިންޓަނަންސްގައި ނިމިދިޔަ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި ޢުމްރަނީގޮތުން ހިންގުނު އެންމެ ބިޔަ އެއް މަޝްރޫޢެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ކާމިޔާބު މަޝްރޫޢެވެ. ބޮޑު ޚަރަދެއްކޮށްގެން އެފަދަ އެސެޓެއް ޤާއިމުކޮށްފައިވީނަމަވެސް، ބުރިޖުގެ ލައިޓުތަކާއި ގުޅިގެންނާއި ބްރިޖަށް އަރާއިރު ހުންނަ މޮނިއުމަންޓްގައި ދަބަރު ޖެހުމާއި އޭގެ ލައިޓުތައް ނުދިއްލާ ހުންނަ ކަން ފާހަގަކުރެވެއެވެ. ކުރީ ސަރުކާރުން މިކަމަށް ވަނީ ވަރަށް ބޮޑު އިހްމާލެއް ވެފައެވެ. ލައިޓްތައް ނުދިއްލުން ފަދަ ކަންތައްތައް ފާހަގަކުރެވިގެން ނޫސްތަކުގެ ފަލަ ސުރުޚީއަށްވެސް އަރާފައި އެބަހުއްޓެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު އައުމަށްފަހު، ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެންދަނީ ބްރިޖްގެ މޮނިއުމަންޓް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މި މަސައްކަތްތަކާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، ފުރަތަމަ ބެލިބެލުމުންވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން، ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތައްކަން ފާހަގަވެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާތީ، ބަދަލުކުރަންޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
We have inspected the LEDs lights used in the characters on the Bridge Monument Arch.
Our preliminary findings
– 7 out of 10 DC supply units are faulty.
– LEDs in most characters on the arch are burnt / short-circuited.
– the screws and mounting brackets used to fix characters… pic.twitter.com/utYxDxER4c— Hussain Fahmy (@u09HussainFahmy) December 27, 2023
އޭނާ ވިދާޅުވީ، ބުރިޖުގެ މޮނިއުމަންޓް ބެލެހެއްޓުމުގައި އިހުމާލުވެފައިވުމުގެ ސަބަބުން ބުރިޖުގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާކަމަށާއި، އަދި ޤައުމީ މިފަދަ ބޮޑެތި އެސެޓުތަކަކީ އަބަދުވެސް ރަނގަޅަށް ބަލަހައްޓަންޖެހޭ ތަންތަން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ޢުމްރާނީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިންޖިނިއަރަކު ހުންނެވުމުން ރައީސް ޑރ .މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ޤައުމީ ބޮޑެތި އެސެޓުތައް ރަނގަޅަށް ބަލަހައްޓާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނެކަމަށެވެ.
ސިނަމާލޭ ބުރިޖުގެ މަޝްރޫޢު ނިމިގެން ވަކި މުއްދަތެއްގެ ތެރޭގައި ބުރިޖުގެ މެއިންޓަނަންސް މަސައްކަތްކޮށްފައިވަނީ ބުރިޖުގެ މަސައްކަތްކުރި ޗައިނާގެ ކުންފުނިންނެވެ.