އިންޑިއާ ސިފައިން ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ އިންޑިއާއާއެކު ކުރީ ސަރުކާރުން ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި އެއެއްބަސްވުންތައް އައު ކުރައްވާފައިވާ ކަމަށާއި ހުރިހާ އެއްބަސްވުމެއް ވެސް މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.
ޝަހީބު ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އެއްބަސްވުންތައް ރިވިއު ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް ފަރާތްތައް ހިމެނިވަޑައިގަންނަވާ ހައި ލެވެލް ޓެކްނިކަލް ކޮމިޓީއަކުން ކަންވެސް ޝަހީބު ވިދާޅުވިއެވެ. އަދި އެއްބަސްވުންތައް ރިވިއު ކުރުމަށްފަހު ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ފާހަގަކުރެވޭނަމަ އެކަންކަން ބަދަލު ކުރެވޭނެ ކަމަށެވެ.
ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލެއްވުމަށް ސަރުކާރުން ނިންމެވީ ވެސް ދެ ޤައުމުގެ ދެމެދުގައި އެކުލަވާލާފައިވާ ކޮމިޓީން ރިވިއު ކުރެއްވުމަށްފަހު ކަމަށާއި، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު ތިބިކަމަށް ލަފާ ކުރެވޭނީ 89 އިންޑިއާ ސިފައިންނެވެ. އެކަމަކު، އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތެއްގެ ދަށުން، ރާއްޖެ އައިސްތިބި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލު ކުރައްވާ ސިފައިން ފޮނުވާލެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.