ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާ ނުލެވޭނެ ކަމަށާއިދައުރު ނިމޭއިރު ވަޒީރުންނަށް ރުހުން ނުދިނުމަކީ އެމްޑީޕީގެ ޚުދުމުހުތާރު ޢަމަލެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރު ހުރަސް އަޅާ ކަމަށް ބުނެ މިއަދު އެމްޑީޕީން ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާއިރު ވަޒީރުންނަށް ރުހުން ނުދީ އޮތް މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެމްޑީޕީން ކެބިނެޓަށް ރުހުން ނުދީ އޮތީ އަސްލަމް ވެސް ފަހަތުގައި ހުންނަވައިގެން ރާވާއިގެން ގަސްތުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ދައުރު ނިމޭއިރު ވަޒީރުންނަށް ރުހުން ނުދިނުމަކީ އެމްޑީޕީގެ ހުދުމުހުތާރު އަމަލެއް ކަމަށާއި އެއީ ސަރުކާރު ވައްޓާލުމަށް އެ ޕާޓީން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ސަލީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ވެސް ހޯދާނެ ކަމަށާއި، ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ ކަމަށެވެ. އަދި އެކަމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.
"ސަލާމަތުން ތިއްބާ ކުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރަށް ދެމި އޮންނާނެ،" ސަލީމް ވިދާޅުވިއެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މަސައްކަތް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން ރިޔާސަތުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށާއި، އަސްލަމް ވެސް ރިޔާސަތުން ފައިބަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ކުރިޔަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު މަޖިލީހުގެ ކޮންޓްރޯލް ނަގާނެ ކަމަށެވެ.