އެހެން މަޝްރޫއަކަށް ނަގާފައިވާ ވެލި, ރަސްމާލެ ހިއްކުމަށް ބޭނުންނުކުރާނެ: ފަޒުލް

އެހެން މަޝްރޫއުތައް ކުރިއަށް ގެންދަން ނަގާފައިވާ ވެލި, ރަސްމާލެ މަޝްރޫއުގައި ބޭނުންނުކުރާނެ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ ރަސްމާލެ ރިކްލެމޭޝަން ކުރިއަށްދަނީ ގުޅީފަޅުންނާއި ގިރާވަރުފަޅުންނާއި ތިލަފުށިންނާއި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ.

ފަޒުލް މިހެން ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިތާ ހަފުތާއެއްތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކާފައިވަނީ ގުޅީފަޅުން ވެލި ނަގައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަން ފެށުމާ ގުޅިގެންނެވެ.

"ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރަން’،" ފަޒުލް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމަށް, އެހެން މަޝްރޫއުތަކަށް ބޭނުންކުރާ ވެލި ބޭނުންކުރަމުންދާކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި ފަޒުލް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ހިންގަވާ އެންމެ ބިޔަ މަޝްރޫޢު، ރަސްމާލެ ހިއްކުމަށް ވެލިނަގާ ސަރަހައްދުގެ ޗާޓުގެ އާންމުކުރައްވައި މިނިސްޓަރު ވިދާޅުވީ ރަސްމާލެއަށް ވެލި ނަގަނީ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް މާލެ އަތޮޅު ދެކުނުބުރިން އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުން ކަމަށާއި ގުޅިފަޅަށް ވެލި ނަގާ ސަރަހައްދަކީ މާލެ އަތޮޅު އުތުރުބުރީ ގުޅީފަޅު ކައިރީގައި އޮންނަ ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވީ މި މަހުގެ 18 ގައެވެ.

ކ.ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ އެ ދުވަހު ވިދާޅުވީ، މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *