Wednesday, 19 June 2024

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އިފްތިތާޙްކުރައްވައިފި

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ.

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ހަފްލާގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

މި ޖަލްސާގެ ޝަރަފްވެރި މެހެމާން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ދިވެހިން ބިނާކޮށްފައިވާ މިސްކިތްތަކުން، މިސްކިތްތަކުގެ ފުރިހަމަކަމާއި ރީތިކަމާއި އަދި ދިވެހިން މިސްކިތްތައް އަގުކުރާ މިންވަރު ފާހަގަވެގެންދާކަމަށެވެ. ވަޒީރު ވިދާޅުވީ މުޖުތަމައެއްގެ އަގުކުރުން ފެށިގެންދަނީ އެބައެއްގެ ދީނުންކަމަށާއި، ރާއްޖެ ފަދަ ގައުމެއްގައި އިސްލާމްދީނުގެ ހިޔާވެއްސަކީވެސް މިސްކިތްތައް ކަމަށެވެ.

"ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ތިން ފެންވަޅު ހުންނަކަން ފާހަގަކުރެވޭ. އަޅުކަމަށް ވަކި ފެންވަޅަކާއި، ގޭގެއަށް ފެންލުމަށް ވަކި ފެންވަޅެއްގެ އިތުރުން ހާޖަތަށް ދިއުމަށް ވަކި ފެންވަޅެއް. އޭގެ އިތުރުން ގެދޮރު ބިނާކޮށްފައި ހުންނަ ގޮތާއި ޚިލާފަށް މިސްކިތްތައް އުސްކޮށް ބިނާކޮށްފައި ހުންނަ ހުރުމުންވެސް އެނގިގެންދަނީ ދިވެހިން މިސްކިތްތަކަށްދޭ ޤަދަރުގެ ބޮޑުކަން." ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިސްކިތްތަކާ ބެހޭ މަޖިލީހަކީ ރާއްޖޭގައި މިސްކިތްތަކަށް އިސްކަންދޭ ސަޤާފަތެއް ޤާއިމްކުރުމަށް އުފެއްދެވި މަޖިލީހެއް ކަމަށެވެ.

Image

ވަޒީރު ވަނީ މިސްކިތްތަކާ ގުޅޭ ކަންކަމުގައި މި މަޖިލީހުންދޭ ލަފާތައް ވުޒާރާއިން ބަލައިގަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މަހަކު އެއް ފަހަރު މަޖިލިސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މަޖިލީހުގެ މެންބަރުންނަށް ޢިލްމީ މުވައްސަސާތަކުގެ އިސްވެރިން ނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މިސްކިތްތަކަށް 15 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވޭ. މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހާއެކު މިސްކިތްތަކާ ގުޅޭ ކަންކަން އިތުރަށް ފުޅާ ކުރެވިގެންދާނެ. އެގޮތުން މިސްކިތްތަކަކީ ނަމާދު ޤާއިމްކުރުމުގެ އިތުރުން ތަޢުލީމް އުނގެނުމަށާއި އިސްލާމީ ޢިލްމު ލިބިގަންނަ ތަނަކަށް ހަދަން މަސައްކަތްކުރަން ޖެހޭ. އަދި މިސްކިތްތަކަކީ މުންކަރާތްތައް ހިނގާ ތަނަކަށް ވެގެންނުވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިސްކިތްތަކާބެހޭ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އުފެއްދެވި މަޖިލީހެކެވެ.

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހަކީ ދީނީ ގޮތުން ފޯރުކޮށްދޭންޖެހޭ ހިދާޔަތާއި ޢިލްމު ފޯރުކޮށްދިނުމުގެ ގޮތުން މިސްކިތްތަކާއި ގުޅުންހުރި ނިންމުންތަކާ ގުޅޭގޮތުން ލަފާދޭ މަޖިލީހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު