ކޮންގްރެސް ޕާޓީގައި މިހާރު 40،000 މެމްބަރުން އެބަ ތިބި: ޢަބްދުއްރަޙީމް

ކޮންގްރެސް ޕާޓީގައި މެމްބަރުންގެ އަދަދު 40،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ސޮއިކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ ވެރިކަމަށް އައިއިރު އެ ޕާޓީގައި ތިބީ 3،000 މެމްބަރުން ކަމަށް ވިޔަސް، މިހާރު އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށެވެ.

"ޕީއެންސީގެ ދަފްތަރުގައި 40،000 އެތައް ހާސް މެމްބަރުންނެއް ވަނީ ރަޖިސްޓްރީ ކުރެވިފައި." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކަމުން ވެސް އެނގިގެން ދަނީ ރައްޔިތުން މި ސަރުކާރު ބަލައިގަންނަ ކަން ކަމަށެވެ. އަދި ރައްޔިތުން ތިބީ މި ސަރުކާރާ އެކު ކުރިއަށް ދާނެ ކަން އެނގިގެން ގޮސްފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީން ދާދިފަހުން ވަނީ 10،000 މެމްބަރުން ހަމަކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއަކަށް ބަދަލުވެފައެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް މިރޭ ޕީއެންސީއަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން މިހާރު ނޫޅޭ ކަމަށާއި އަދި ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދީފިނަމަ އިތުބާރު ނެތްކަމަށް ފާސްކޮށްގެން ވަޒީރުން ވަކި ކުރުމުގެ ފުރުސަތު މަޖިލީހަށް ނޯންނާނެ ކަމަށާއި އެހެންވެ، ރުހުން ނުދީފާނެތީ ސަރުކާރުން ކަންބޮޑުނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު