އިނގިލި ބުރިކޮށްލިޔަސް، ރައީސް އެމަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނުދެއްވާނެ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް އަދިވެސް އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމް ކޮންގްރެސް ކޯލިޝަންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ކާމިޔާބުކުރި ފަހުން ޕީއެންސީން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަން ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ މަޖިލިހުގެ 13 މެމްބަރަކު މިރޭ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އަދި އެމްޑީޕީން މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެފައިވާ، މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމް ވެސް މިރޭ ޕީއެންސީއާ ގުޅިވަޑައިގަތެވެ. އެހެންވެ، އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި 13 މެމްބަރުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ ވާނެއެވެ.
ކެބިނެޓްގެ 22 ބޭފުޅުންނަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދީ ލަސްކުރި ނަމަވެސް ރުހުން ލިބޭނެ ކަމަށް ފާހަގަކުރައްވަމުން، ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތްކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. އެކަން އަޅުގަނޑަށް އެނގޭ" ރައީސް ވިދާޅުވިއެވެ
ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާާޅުވީ، ބައެއް ބޭފުޅުން ޖަލްސާތަކުގެ ސަފުން ނުފެނުނަސް ގައުމީ ވިސްނުމުގެ ބައެއް ބޭފުޅުން އެބަތިއްބެވި ކަން ފާހަގަކުރައްވައި، ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ބޭފުޅުން ހިޔާރު ކުރެއްވީ ޤައުމު ކަމަށެވެ. ވިދާޅުވީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަމިއްލަ މަސްލަހަތަށް ވުރެ ޤައުމީ މަސްލަހަތު ބޮޑު ކަމަށެވެ.
"އެކިއެކި ސަބަބުތަކަށްޓަކައި މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައިނުގަތަސް އަޅުގަނޑަށް ޕާސަނަލީ އަމިއްލަ ހައިސިއްޔަތުން އެނގޭ ހަމަ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި، އެމްޑީޕީގެ ޕީޖީ ގުރޫޕުގައި މަޑުކުރައްވައި ތިއްބެވި ބޭފުޅުން. މަޖިލިސް ރުހުމުގެ ވޯޓުގައި ވިޔަސް އަދި ގައިމު ވެސް އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތްކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ 13 މެމްބަރުންގެ ނިންމެވުމުން ހިތްވަރު ހޯއްދަވައިގެން ރައްޔިތުންގެ މަޖިލިހުގެ އިތުރު މެމްބަރުން ޕީއެންސީ ނުވަތަ "ގައުމީ ސަފަށް" އަރުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ޑިމޮކްރެސީ ދަސްކޮށްދެނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުން ކަންކަން ނިންމުމުން އެ ނިންމުމާ އެއްގޮތަށް ރިވެތި ގޮތުގައި ގައުމުގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދިނުން ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރައީސަށްނުރުހޭއޮތީއެއްމެކަމެއްއެއީދެވަނަދައުރަކަށްމުލުގަގާއިދުރައްދިއުމެވެއަދުރޭއަކީމުލުވަގެކެވެމިކަމަސްރައީސްމިހާރުންފެށިގެންވިސްނާވަޑައިގަންނަވާށޭޥޭމިކަމަކީރައްޔިތުންވަރައްނުރުހޭކަމެކެވެ