ރިވެތި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމް ކޮންގްރެސް ކޯލިޝަންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިއީ ރިޔާސީ އިންތިހާބު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ކާމިޔާބުކުރި ފަހުން ޕީއެންސީން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަން ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ މަޖިލިހުގެ 13 މެމްބަރަކު މިރޭ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ރައީސް ޑރ. މުއިއްޒު މިރޭ ވެސް ވިދާޅުވީ، ދިވެހިންގެ ނިންމުމަކީ އިންޑިއާ ނުވަތަ އެހެން ޤައުމެއްގެ ވެސް ސިފައިން ރާއްޖޭގައި ނުބޭތިއްބުން ކަމަށާއި އެ މަނިކުފާނު މަގާމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބަށް ވެސް ރަސްމީކޮށް އެ ވާހަކަ ދެންނެވި ކަމަށެވެ.
"އަދި ޓްރާންސިޝަން ޕީރިއަޑުގައި ދެ ބައްދަލުވުން [ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު] ސަފީރާ އެކު ބޭއްވިން. ވަރަށް ތަފުސީލުކޮށް ދެންނެވިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ މި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބުމޭ. އެހެންވީމާ ތިބޭފުޅުންގެ ސިފައިން މި ތަނުން ގެންދަވާށޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހިންގެ ނިންމުމުގެ ވާހަކަ އެއަށްވުރެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވެސް އިންޑިއާ ސަރުކާރަށް ވަރަށް ސާފުކޮށް ދެންނެވި ކަމަށެވެ.
"އެ ނިންމުން އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައި އިރާދަކުރެއްވިއްޔާ ރިވެތި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ރީތި ގޮތުގައި އަޅުގަނޑުމެން ވާހަކަ ދައްކައިގެން ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމާ އެކީގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، ފުރިހަމަ ޔަގީންކަން އެބައޮތް ރައްޔިތުން އެދިލެއްވި ގޮތަށް އަދި އަޅުގަނޑު ވެސް ބޭނުންވާ ގޮތަށް މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ނިންމަވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިން އިންޑިއާގެ ސިފައިން ގެންގޮސް ނިންމަންދެން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.