Thursday, 20 June 2024

"ޤައުމުގެ ވެރިއަކަށް ހުންނަވާނެ ބޭފުޅަކު ރައްޔިތުން ނިންމާފައިވާއިރު، އެ ނިންމުމަށް އިޙްތިރާމްކޮށް ތަބާވާން ޖެހޭ"

ޤައުމުގެ ވެރިއަކަށް ހުންނަވާނެ ބޭފުޅަކު ރައްޔިތުން ނިންމާފައިވާ އިރު، އެ ނިންމުމަށް އިޙްތިރާމްކޮށް ތަބާވާން ޖެހޭ ކަމަށް އެ ޕާޓީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިރޭ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ އެމްޑީޕީގައި މީގެކުރިން ހުންނެވީ އެ ޕާޓީ އިދިކޮޅު ޕާޓީއަކަށްވުމާ ގުޅިގެން ޕާޓީގައި ހުންނަވައި ގައުމީ މަސައްކަތެއް ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ކަމަށެވެ.

ޤައުމުގެ ވެރިއަކަށް ހުންނަވާނެ ބޭފުޅަކު ރައްޔިތުން ނިންމާފައިވާ އިރު، އެ ނިންމުމަށް އިހްތިރާމްކޮށް ތަބާވާން ޖެހޭ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގައި އޮތް އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ގާބިލް ނޫން ބޭފުޅަކު ހުންނެވި ނަމަ، ސަބަބު ބަޔާންކޮށް ރުހުން ނުދިނުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަޒީރުންނަށް ގާބިލް ބޭފުޅުން ތިއްބެވި ނަމަ، ރުހުން ދިނުން ލަސް ނުކޮށް ނިންމަވަން ޖެހޭ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ މިއީ ގައުމެއްގެ ހަޔާތުގަވެސް ކޮށްގެންވާނެ ކަމެއް ނޫން. މިއީ ގައުމަށް ޣައްދާރުވުން. ރައްޔިތުންގެ މަޖިލީހުގައި ވަރަށް މުހިންމު ސަބަބުތަކާ ހުރެ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރުވެސް އެބައޮވޭ. އެއީ އިއްޔެ ނޫން އިހައްދުވަހު ރައްޔިތުން ހޮވި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކައެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ސަރުކާރު މަގުން ކައްސާލައިގެންދާ ނަމަ، ހަމަ މަގަށް އަޅުުވާނެ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް އެ ޕާޓީއަކީ ގައުމުގެ މަސްލަހަތު ކުރިއަރުވާ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާނެ ޕާޓީއަކަށް ނުވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީގެ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރިން ގައުމުގެ އިސްލާހުގެ މަގުގައި މަސައްކަތް ކުރުމަށް ގައުމަށް ހެޔޮ ބަދަލު ގެންނެވުމަށް އިސްވެ ނުކުތް މީހުންގެ ތެރެއިން މީހެއް. އެތައް ފަހަރަކު ޖަލުގެ ގޮޅިތައް ދެކި އޭގެ ހިތި ރަހަ ތަހަމައްމަލުކޮށްފައިވާ މީހެއް. އަޅުގަނޑު ގައުމަށްޓަކާ ކުރާ މަސައްކަތެއްގަ ފަހަތަކަށް ނުޖެހޭނަން. ޖަލަށްލިޔަސް މަރާލިޔަސް ކުދިކުދިކޮށްލިޔަސް." ޝަރީފް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޝަރީފުމެންމިހާރުފޮނިއަގަނުތަޅައިއިސްތިއުފާދީފައިގެއަށްދާންޖެހިއްޖެއެވެބުނަނވާބަހއްސީދާކޮށްނުބުނެއެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު