އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ މިވޭތުވެ ދިޔަ 61 އަހަރުގެ ތެރޭގައި ޤައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތަނެއްކަމަށާއި އަދި ދިވެހިރާއްޖޭގެ އަޑު މިހާރަށްވުރެ ބޮޑަށް ތަރައްޤީކޮށް ޒަމާނީކުރުމަށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވާނެކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ހިންގަމުންދާ ބައެއް ކަންކަމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޕްރޮގްރާމުގައި އެހުންތެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މާލެއާ ވިލިނގިލި އަދި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ހަދަމުންދާ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅައި ކުރެވެމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މާލެއާ މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ދަޢުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށާ އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ ވަޢުދުވެވަޑައިގެންފައިވާގޮތަށް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ތ. އަތޮޅު ގުރައިދޫއަށް ކަމަށާއި އެ ރަށަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އުންމީދުކުރައްވަނީ އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުމަށް ކަމަށާއި އަދި ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮންމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.