18 ޖަނަވަރީ 2025

ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށް ފުލުހުން އިލްތިމާސްކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު ފޯނުތަކަށް ފޮނުވާ ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ނަމުގައި އިއްޔެއިން ފެށިގެންދަނީ ސައްހަ ނޫން މެސެޖުތަކެއް އާއްމުންނަށް ފޮނުވަމުންނެވެ.

ފުލުހުން ވިދާޅުވީ، މިފަދަ ލިންކްތައް ފޮނުވަމުންދަނީ އާއްމުންގެ އޮންލައިން ބޭންކިންގެ މައުލޫމަތުތައް ވަގަށް ނަގަންކަމަށެވެ.

މިކަމާ ގުޅިގެން އެފްޑީސީއިން އިއްޔެވަނީ އާއްމުންނަށް ލިބެމުންދަނީ ސައްހަ ނޫން މެސެޖުތަކެއްކަމަށް އަންގައި އެ ކޯޕަރޭޝަންގެ ފަރާތުން މިފަދަ އެއްވެސް މެސެޖެއް ނުފޮނުވާކަމުގެ ޔަގީންކަންދީ އެކްސް ޕޯސްޓެއް އާއްމުކޮށްފައެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިއުލާނު ކުރި ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ފްލެޓުތައް ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނޭކަމަށްބުނެ އެފްޑީސީގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް އާއްމުންނަށް ދަނީ ލިބެމުންނެވެ.

ކުރީ ސަރުކާރުން ފްލެޓު ލިބޭ 4،000 މީހުންގެ ލިސްޓު އާންމު ކުރީ، އެ ލިސްޓު އެކުލަވާލާފައިވަނީ އުސޫލުން ބޭރުން ކޮރަޕްޝަން އެކުލެވޭހެން ކަމަށް ބުނެ އެ ފްލެޓު ލިސްޓާ މެދު މި ސަރުކާރުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. ކުރީ ސަރުކާރުން ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ތުހުމަތު ކުރެވި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު