މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއެކު ނިކުންނަންވީ ދަނޑިވަޅުކަމަށް ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ 13 މެމްބަރަކު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިވަޑައިގެންފައިވާ މި ދަނޑިވަޅުގައެވެ.
ޝާހިދުކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން ކުރަންޖެހޭކަމަށެވެ.
އެމްޑީޕީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ތަޖުރިބާކޮށްފައިކަން ހަނދާންކޮށްދެމުން ޝަހިދު ވިދާޅުވީ މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތުކަމަށެވެ.
އެމް ޑީ ޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން ކުރަން.
އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި… pic.twitter.com/TMf7YZ7PRG
— Abdulla Shahid (@abdulla_shahid) December 28, 2023
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެންކަމަށެވެ. އެމްޑީޕީގެ 13 މެމްބަރުން ސަރުކާރާ ގުޅުމާއެކު މަޖިލީހުގައި އެމްޑީޕީއަށް އޮތް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. މިއާއެކު ދެން 15 މެމްބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ ތަމްސީލުކުރަނީވެސް ޕީއެންސީންނެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ސަރުކާރާ ގުޅުނުއިރު މިކަމުގައި އެމްޑީޕީއިން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.