މާލެ ސިޓީ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އިންތިޚާބުވެއްޖެނަމަ އެމްޑީޕީގައި ނުހުންނާނެ ކަމަށް، ޑިމޮކްރެޓްސްގެ ރައީސް ވިދާޅުވުމުން، ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ރައްދެއް ދެއްވައިފިއެވެ.
މި ފެންނަ މަންޒަރުތަކުން އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް ހޮވުނަސް އެމްޑީޕީގައި އޭނަވެސް ހުންނާނެކަމަށް ބެލުމަކީ މޮޔަކަމެއް ކަމަށާއި، އެމްޑީޕީއަށް އޭނަވެސް ސޮއިކުރީ މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށާއި އޭނަގެވެސް ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް އެކްސްގައި ކުރެއްވި ޕޯސްޓައް ރައްދު ދެއްވައި އިސްމާޢީލް އަޙްމަދު ވިދާޅުވީ، އަމިއްލަ އެދުމާއި، ފިތުނައާއި ފަސާދަ އުފައްދަން ދެވި ހިފާ މީހާއަށް ގުދޯ ގުދާ ގޮވޭއިރުވެސް ރެއަކާ ނުލާ ކަމަށެވެ.
"އަމިއްލަ އެދުމާއި، ފިތުނައާއި ފަސާދަ އުފައްދަން ދެވި ހިފާ މީހާއަށް ގުދޯ ގުދާ ގޮވޭއިރުވެސް ރެއަކާ ނުލާނެ! ލަދުން ބޯ ހަލާކު" އިސްމާޢިލް އަޙްމަދު ވިދާޅުވިއެވެ.
އަމިއްލަ އެދުމާއި، ފިތުނައާއި ފަސާދަ އުފައްދަން ދެވި ހިފާ މީހާއަށް ގުދޯ ގުދާ ގޮވޭއިރުވެސް ރެއަކާ ނުލާނެ!
ލަދުން ބޯ ހަލާކު🤦♂️ https://t.co/Go8ZUp4qRg— Ismail Ahmed (@N4Isse11) December 29, 2023
އެބޭފުޅުން މިހެން ވިދާޅުވެފައިވާއިރު، އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވަނީ ރޭ ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާއެއްގައިވެސް ބައިވެެރިވެވަޑައިގަންނަވާފައެވެ. އަދި އެމްއެންޕީއަކީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕްރޮގްރެސިވް ކޮންގްރެސްއާ ކޯލިޝަން ހަދައި، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ދެމި އޮތް ޕާޓީއެކެވެ. އާދަމް އާޒިމަކީ، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްގެ ކޮއްކޮއެވެ.