Saturday, 15 June 2024

"މަދިރިން ރައްކާ"ގެ ނަމުގައި ގައުމީފެންވަރުގެ ހަރަކާތެއް އާބަންކޯއިން ފަށަނީ

މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ.

އާބަންކޯއިން ވިދާޅުވާ ގޮތުގައި، މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް 1 ގެ ރިވެލި ޕާރކުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވައަރަމެންޓް މިނިސްޓަރ އަލްފާޟިލް ތާރިގް އިބްރާހިމްއެވެ. މިއީ އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އާބަންކޯއިން ވިދާޅުވެއެވެ.

މި ހަރަކާތުގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށް ކަމަށް އާބަންކޯއިން ވިދާޅުވިއެވެ. ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.

މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އާބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއް އެ ކޯޕަރޭޝަނުން ވަނީ އެކުލަވާލައްވާފައިވެއެވެ.

ހަމައެހެންމެ، ކޯޕަރޭޝަނުގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް،  އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.

އާބަންކޯއިން ވިދާޅުވީ، މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. މީގެ އިތުރުން މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަހަރަކާތްތަކުގެ ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކުރެއެވެ.

މިފަދަ ބަލި މަޑުކަމަކުން އަރައި ގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު