Saturday, 15 June 2024

މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށް، ވަޒީރުންނަށް ރުހުން ދޭ މައްސަލަ އެޖެންޑާކޮށްފި

އާ ސަރުކާރުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފައިވާ ބޭފުޅުންނަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި ޗުއްޓީއަށް ގޮސްފައިވަނިކޮށް، ރުހުން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމަން އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކޮށްފައިވަނިކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ގެއްލިފައިވަނިކޮށް، ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، މިއަދު ހެނދުނު 11:00 އަށް ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހާތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުނިންމާ އަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމައި، އަންނަ ފެބްރުއަރީ މަހާ ހަމައަށް މަޖިލިސް ޗުއްޓީއަށް ގޮސްފައެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ 20 ނޮވެމްބަރު 2023 ގައެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ. އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

ކޯރަމް ހަމަނުވާ ކަމަށް ބުނެ ކޮމިޓީ މަރުހަލާގައި ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމަނީ ސަރުކާރަށް ދަތިކުރަން ކަމުގެ ތުހުމަތު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް ކުރެއެވެ.

ބާރަ މެމްބަރުން ތިއްބަވާ ކޮމިޓީގައި އޭރު އެމްޑީޕީގެ ހަތް މެމްބަރުން ތިއްބެވި އެވެ. އެކަމަކު ރޭ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފައެވެ. އެހެންކަމުން، ވޯޓު ހަމަހަމަވެގެން މެނުވީ ވޯޓު ލުމުގެ ހައްގު ނޯންނަ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާ މެމްބަރު މުހައްމަދު ފަލާހް ނުހިމަނައި ކޮމިޓީގައި ދެން ތިއްބަވާނީ އެމްޑީޕީގެ ފަސް މެމްބަރުންނެވެ. އެ ކޮމިޓީގައި ދެން ތިއްބަވަނީ، އާދަމް އަލީ އާ އެކު ޕީޕީއެމް/ޕީއެންސްގެ ތިން މެމްބަރުންނާއި، ޑިމޮކްރެޓްސްގެ ދެ މެމްބަރުން، އަދި އެމްއެންޕީގެ މެމްބަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު