Saturday, 22 June 2024

އަންނަ އަހަރު ގިނަ ހޮސްޕިޓަލްތަކެއްގެ ޢަމަލީ މަސައްކަތް ފަށަނީ

އަންނަ އަހަރުގެ ތެރޭގައި ގިނަ ހޮސްޕިޓަލްތަކެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޚަލީލް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރެވޭނީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ސިއްޙީ ނިޒާމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވިގެންކަމަށާއި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވަނީ ވަށާޖެހޭ ޙައްލެއް ކަމަށެވެ. އެގޮތުން ޢުމްރާނީ ގޮތުން ދާއިރާ ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތް ޤާއިމުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ލ. ގަމުގައި ތަރައްޤީކުރާ ޓަރޝިއަރީ ހޮސްޕިޓަލާއެކު ނަފްސާނީ ބަލީގެ ފަރުވާ ރާއްޖޭގައި އިތުރު ހަރުފަތަކަށް ދާނެކަން ފާހަގަކުރައްވަމުން، ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ކެންސަރ ހޮސްޕިޓަލްގެ މަސައްކަތްކުރުމަށް ބޭނުންވާ ފަންޑު ހަމަޖެހި، ކަރުދާހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން ޑރ. ޚަލީލް ވިދާޅުވިއެވެ.

ހަމައެއާއެކު ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ޗައިނާ ކުންފުންޏަކާއެކު ފެށިފައިވާކަމަށް ވިދާޅުވެ،  އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި ބޭނުންވާ ގިނަ ޚިދުމަތްތަކެއް ލިބެން ނެތްކަމަށާއި، އެގޮތުން އެންމެ މުހިއްމު އެއް ޚިދުމަތްތަކުގައިވާ ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް 64 ރަށެއް ހިމެނޭކަމަށާއި، އެ ރަށްރަށުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރަވާފައިވާކަމަށާއި، މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަޞައްވުރެއްކަމަށާއި، އެކަން ކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމު ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭކަން ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު