ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގޯތި ދޫކުރުމަށްޓަކައި، ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިކަމަށާއި، ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ ކަމަށެވެ.
ފަޒުލް އިތުރަށް ވިދާޅުވީ، ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަަމަކޮށްދޭނެ ކަމަށެވެ.
Hulhumale dredging ge masaikai feshihje. Hulhumale inn goathi libunu faraaithakah, Raees Dr.Muiz vidhaalhu vi fadha inn goathi libigen dhaane. Velifukeh ge min varu ves uni nukoh, ithurah furihama koh dheveyne, IA pic.twitter.com/bkMCjETjRc
— Fazul Rashyd (@FaZuLRaShYd) December 30, 2023
ފަޒުލް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ނިމުނު ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވާ، ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
އަދި ކޮންގްރެސް ޕާޓީއަށް އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތި އެއްވެސް ފަރާތަކުން އަތުނުލާނެ ކަމަށާއި، އަދި އެ ގޯއްޗެއް ލިބުނު ތަނަކު ހަމަޖައްސަވައި ދެއްވާނެ ކަމަށާއި، އެ ގޯތިތަކުގައި އިމާރާތްކުރުމަށްޓަކައި ސަރުކާރުން ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީ، ލޯނު ސްކީމް ތަޢާރަފްކޮށްދެއްވާނެ ކަމަށެވެ.