7 ފެބުރުވަރީ 2025

ތެދު ބަޔާންކުރަން ބޭނުން ނުވުމުން ވެރިކަމެއް ބީވުން؛ ޒިންމާ ނަގަންޖެހެނީ ކޮންބައެއް؟

ޕީއެންސީ ޕީޕީއެމް ސަރުކާރު ވެރިކަމަށް އައީ ހަގީގަތާއި ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ކަމަށާއި ނަމަވެސް މި ދަނޑިވަޅު އެންމެ ރަނގަޅު ގޮތަކީ ޤައުމުގެ ހައްޤުގައި ސަރުކާރަށް އެއްބާރުލުން ދިނުން ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވި ޚަބަރެއް ދައުރުވާން ފެށުމުން މިކަމާމެދު ވިސްނާލަން މަޖުބޫރުވިއެވެ.

އުގައިލް މިހެން ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ނުރައްކަލަކަށް ވެގެން ނޫޅޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

"މިފަދަ ސުރުހީ ތަކުން މިހާރު މިފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ. ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމުގައި ވިއަސް އެކަންތައް އެއްފަރާތް ކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ޙައްގުގައި ކުރިއަށް ދިއުން އެއީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް،" ޝަހީބު ވިދާޅުވި ވާހަކައާ ގުޅިގެން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އިތުރުވެ ނުވަތަ މަދުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. މިހާރު ރާއްޖޭގައި ތިބީ 89 އިންޑިއާ ސިފައިން ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އަދިވެސް އެ އަދަދަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

އިންޑިޔާ ސިފައިންގެ ވާހަކަ

އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަކަށް ބުނެވޭ ކަށް ނެތެވެ. އިންޑިޔާ ސިފައިންގެ އަދަދު ސީދާ ކަނޑައެޅިގެން އޭރުގެ އިދިކޮޅަކުންވެސް ނުދައްކައެވެ. އެވާހަކަ އެހާ އަޑުގަދަވެގެން ދިޔައީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިޔާ ސަރުކާރާއެކު ހެދި ސިއްރު އެއްބަސްތަކެއްގެ ދަށުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެއެވެ. އެ ވާހަކަ ދެއްކެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ މެންބަރުން އެކަންޏެއް ނޫނެެވެ. މިއަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވެސް އެ ވާހަކަ ދެއްކެވިއެވެ. ޖޭޕީއަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ނަސީރާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓާއި، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫންވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ފާރިސް މައުމޫން ހިންގަވާ އެމްއާރްއެމްވެސް އޮތީ ރައީސް ޞާލިޙުގެ ކޯލިޝަންގެ ތެރޭގައެވެ. ނަމަވެސް އެވާހަކަ ދެއްކިއެވެ.

މި ތުހުމަތު އޭރުގެ ސަރުކާރުން އަދި ސަރުކާރު ހިންގި މައި ޕާޓީ އެމްޑީޕީން ތަކުރާރުކޮށް ދޮގު ކުރިއެވެ.  ރިޔާސީ އިންތިހާބުގެ ބަހުސްގައި ރައީސް ޞާލިހާއި އެ ސުވާލު ކުރުމުން އެމަނިކުފާނު ވެސް އެކަން ދޮގު ކުރެއްވިއެވެ. ވިދާޅުވީ ހަތިޔާރު އެޅި އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ. ތިބީ ކުރީގެ ވެރިކަންތަކުގައި (ރައީސް ނަޝީދުގެ ވެރިކަމުން ޔާމީނުގެ ވެރިކަމާ ހިސާބަށް) ތިބި ބައެއް ކަމަށެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވެ ހެލިކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމަށެވެ. އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި މިލިޓަރީ ސިފައިން ނެތްކަމަށެވެ.

ތެދެކެވެ. ރައީސް ޑރ.މުއިއްޒުގެ ކެމްޕޭނުގައި ރާއްޖޭގެ އިސްތިގުލާލު ގެއްލޭ ހިސާބަށް އިންޑިޔާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންމެވެ.

މިޤައުމުގައި އިންޑިޔާ ސިފައިން ނެތްކަމަށް ބުނެ ކުރީ ސަރުކާރުން ހަދަނީ ރޯ ބުހުތާނު ދޮގު ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވެސް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ މިއަދު އޮތް ޤައުމީ ވާޖިބެއް ކަމަށެވެ.

ރިޔާސީ ބަޙުސްގައި އިންޑިޔާ ސިފައިންގެ ވާހަކަ

ސަންގު ރިޔާސީ ބަހުސްގައި، ކެނޑިޑޭޓުންނާ ކުރި ތިންވަނަ ސުވާލަކީ، ރާއްޖޭގައި ބޭރު ޤައުމެއްގެ ސިފައިން ތިބުމަކީ ޤައުމީ ސަލާމަތަށް ކިހާ ބޮޑު ނުރައްކަލެއް ހުރި ކަމެއްތޯ ކެނޑިޑޭޓުން ޤަބޫލު ކުރައްވާ މިންވަރާމެދުގައެވެ.

ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން، ރައީސް ޞާލިޙް ވިދާޅުވީ މިލިޓަރީ މަސައްކަތެއް ކުރަން ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ. އަދި ދޭދޭ ގައުމު ތަކުން ޓްރެއިނިންއާއި އެހެނިހެން ކަންކަމަށް އެކި ގައުމުތަކުގެ ސިފައިން އަންނަ ކަމަށެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ތަން ނުފެންނަ ކެނޑިޑޭޓަކީ ހަމައެކަނި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި 200 އެއްހާ ބޭރުގެ ސިފައިން 3 ސަރަހައްދެއްގައި ތިބި ކަމަށެވެ. އަދި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ތަން ނުފެންނަނީ ރައީސް ޞާލިހަށް އެކަނި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިޔާ ސިފައިންގެ ވިސާ ކަނޑާލައި ދަތިކުރުމުންވެސް ރައީސް ޞާލިޙްގެ ސަރުކާރުން އިންޑިޔާ ސިފައިންގެ މުއްދަތު އިތުރުކޮށް އެމީހުންނަށް ތިބެވޭނެ ގޮތް ހެދީ ކަމަށް އުމަރު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ބޭސްވެ ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ. ބޭރު ސިފައިންނަށް ތިބެވިގެން ނުވާނެ ކަމަށެވެ. ފާރިސްވެސް ވިދާޅުވީ އެއްވެސް އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އިލްޔާސް އާއި ޤާސިމްވެސް ވިދާޅުވީ އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށެވެ. ހަމައެހެންމެ، ނާޒިމް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އެމީހުން ދާން ޖެހޭ ކަމަށެވެ. އިންޑިޔާ އައުޓް ޖަހައިގެން ސިފައިން ނުބޭލޭނެ ކަމަށާއި އިންޑިޔާ ސިފައިން ބާލާނެ ކަމަށެވެ.

ޔޫޓީއެފް އެއްބަސްވުން 

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ހަދާފައި އޮތީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތައް އޭގައި ހިމަނާފައިވާ ކަމަށް އޭރުގެ އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދިޔައެވެ.

ޕީޕީއެމް/ޕީއެންސީގެ ދެ މެންބަރެއް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އުތުރުތިލަފަޅު އެއްބަސްވުމާ ދައްކާލައި އެކަމާ ބެހޭ ޕްރެޒެންޓޭޝަނެއް ޑިފެންސް މިނިސްޓްރީން އެ ކޮމިޓީގައި ހުށަހެޅިއެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އުތުރުތިލަފަޅުގައި އިންޑިޔާ އިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ޑިޕްލޮމެޓިކް އިމިއުނިޓީ ދީގެން ކުރިޔަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަހު ތިބެވޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނާ ކަމަށެވެ. އަދި އިންޑިއާ އިން ގެންނަ މީހުންގެ ތެރޭގައި އެ ޤައުމުގެ ސިފައިން ނުގެނެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ނުވާ ކަމަށާއި އެއްބަސްވުން އޮތީ ދިވެހި އަސްކަރީ މަރުކަޒެއްގައި އިންޑިއާ ސިފައިންނަށް ތިބުމަށް މަގުފަހިވާ ގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ޔޫޓީއެފް އެއްބަސްވުމުގައި ސޮއި ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފު ކަމެއް، އެގްރީމަންޓުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

އެއްބަސްވުމުގައިވާ ގޮތުން ކުރިޔަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑީއާ ހައި ކޮމިޝަންގެ އިތުރުން އިންޑިއާ ބަޔަކު ހިމެނޭ ކޮމިޓީއަކުން ކަމަށާއި އޭގެ ސަބަބުން ދިވެހި ސިފައިންގެ ފުރިހަމަ ބާރު އެ ތަނުގައި ނުހިނގާނެ ކަމަށާއި، އަދި އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު އެތަން ހިންގުމުގައި އިންޑިޔާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ވަކިވަކި މާއްދާތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ގެނައުމުގެ ބަދަލުގައި އެ އެއްބަސްވުން ކަމަށް ބުނާ ކަމަށް ބުނާ ލިޔުމެއް ސްކްރީނުން ދައްކާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެ ކޮމިޓީއަށް އެއްބަސްވުން ހޯދާފައި ނުވުމަކީ ސަރުކާރާއި މަޖިލިސް ވެސް ފެއިލްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

އެކަމަކު، އެ އެއްބަސްވުމާ ގުޅޭ ގޮތުން 241 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އަސްލަމް ވިދާޅުވީ އެ އެއްބަސްވުުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށާއި އެއްބަސްވުން އޮތީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ. "ސިފަވަރު"ގެ ނަމުގައި ހަދަން އެއްބަސްވުމުގައި އޮތް ބަނދަރު، ކުރީގެ ސަރުކާރުން އިންޑިއާއާ އެކު މަޝްވަރާކޮށްފައިވާ ވަރަށް ވުރެ ވެސް ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގައި 2016 ވަނަ އަަހަރު ސޮއިކޮށްފައިވާ ދިފާއީ އެކްޝަން ޕްލޭނާ ޚިލާާފު އެއްވެސް ވާހަކައެއް އެ އެއްބަސްވުމުގައި ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީއަށް އެއްބަސްވުމުގެ އަސްލު ދެއްކުމުގެ ކުރިން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވެސް ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް  ޔާމީންގެ ސަރުކާރުން އިންޑިއާއާއެކު މަޝްވަރާ ކޮށްފައި އޮތް ވަރަށް ވުރެ ހަނިކޮށްފައި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ބުނީ އެ އެއްބަސްވުމަކީ ކުރީގެ ރައީސް ޔާމީން ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް އެމްއެންޑީއެފް އިން ދައްކަން މަސައްކަތް ކުރުމަކީ އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ޔާމީން ސަރުކާރުން އިންޑިޔާއާ އެކު ހަދާފައިވާ އެކްޝަން ޕްލޭނުގައި ސިފައިން ތިބުމަށް އެއްބަސްވެފައި ނުވާނެ ކަމަށް އިދިކޮޅުން ބުންޏެވެ. އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ޔާމީން ނިންމަވާފައި ވަނީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށް ވެސް އޭރުގެ އިދިކޮޅުން ބުންޏެވެ.

ހާމަނުކުރަން ދެކޮޅު ހެދީ ކީއްވެ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރުމަށް ކުރީގެ ސަރުކާރުން ނިންމުމާ ގުޅިގެން ނޫސްވެރިޔާ އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް އެމައުލޫމާތު ހޯދުމަށް އެދުމުން އެކޮމިޝަނުން ވެސް 2020 ވަނަ އަހަރު ކަނޑަޅާފައިވަނީ އެމްއެންޑީއެފްގެ ނިންމުން ރަނގަޅު ކަމަށާއި އެމައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށެވެ. ކޮންމެއަކަސް އެކަން ހާމައެއް ނުކުރެއްވިއެވެ. ރައީސް ޞާލިޙްގެ ސަރުކާރުން އެކަމާ ހަރުއަޑުން އިންކާރުކުރެއްވިއެވެ.އޭރުގެ އިދިކޮޅު ފަރާތްތަކުން އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން ދެއްކުމަށް އެދުނެވެ. ޔޫޓީއެފް އެއްބަސްވުމުގެ ވަކިވަކި މާއްދާތައް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ގެނައުމުގެ ބަދަލުގައި އެ އެއްބަސްވުން ކަމަށް ބުނާ ކަމަށް ބުނާ ލިޔުމެއް ސްކްރީނުން ދައްކާލިއެވެ. އެކަމާ އޭރުގެ އިދިކޮޅުން ކަންބޮޑުވިއެވެ. އެހެންކަމުން، އެ ކޮމިޓީއަށް އެއްބަސްވުން ހޯދާފައި ނުވުމަކީ ސަރުކާރާއި މަޖިލިސް ވެސް ފެއިލްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

ކޮންމެއަކަސް އިންޑިޔާ ސިފައިންގެ އަދަދު ހަމައެއް ނުކުރިއެވެ. އަދި އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުންތައް ކުޑަ މިނުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ މެންބަރުންނަށްވެސް ނުދެއްކިއެވެ.  ރައްޔިތުން ތިބީ ސުވާލެއްގެ ތެެރޭގައެވެ. ރައްޔިތުންނާ ގުޅޭ އެފަދަ ޚައްސާސް މައްސަލައެއްގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ކުރީ ސިއްރެވެ. ކަމުގެ މަޢުލޫމާތެއް ހާމައެއް ނުކުރިއެވެ.

ރައީސް މުއިއްޒުގެ ސިޔާސަތު

އިންޑިޔާ ސިފައިން މި ޤައުމުގައި ތިބި ނަމަ އެކަން ރައީސް ޑރ.މުއިއްޒު ކުރައްވާނެއެވެ. އެހެންނަމަވެސް، އެކަންތައް ކުރާނީ ޑިޕްލޮމެސީގެ ތެރެއިން ހާރިޖީ ގުޅުންތަކަށް ބުރު ނާރާ ގޮތަށެވެ. އެކަން އިންތިގާލީ މަރުހަލާއިން ފެށިގެން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވައެވެ. އެމަނިކުފާނު ފަހުން ވިދާޅުވިހެން އެއީ މަގުމައްޗަށް އެއްވެގެން ކުރެވޭނެ ކަމެއްނޫނެވެ. އާއްމު ރައްޔިތުން ހީކުރާ ގޮތަށް އިންޑިޔާ ސިފައިން ބާލާނީ ބޮޑު ވަލަކުން ބަނދެ، ދެއަތް ފުރަގަހަށްލާ ބިޑިއަޅައި ފައްޗަކަށް އަތުރާފައެއްނޫނެވެ.

 

ޕްރޮފެސަރ ވިދާޅުވި ވާހަކައިގައިވާ މުހިއްމު ތިން ނުކުތާ

  • "މިފަދަ ސުރުހީ ތަކުން މިހާރު މިފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ" ކަމަށް އުގެއިލް ވިދާޅުވިއެވެ. ސިޔާސީ ކަންކަމުގައިވެސް ޖަޒްބާތު އުތުރިއަރައެވެ. ނަމަވެސް ޖަޒްބާތު އުތުރު އަރަން ފެށީމައި އޭރުގެ ސަރުކާރަށް އެއްބަސްވުންތައް ހާމަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ އިންޑިޔާ ސިފައިންގެ އަދަދު ހާމަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟
  • "ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމަށް" އުގެއިލް ވިދާޅުވިއެވެ. އިންޑިޔާ ސިފައިން އެބަ ތިއްބެވެ. އަދަދު މަދީއެވެ. އިންތިޤާލީ މަރުޙަލާގައި ރައީސް ޞާލިޙްގެ ސަރުކާރުން ގިނަ ސިފައިންތަކެއް ފުރުވާލިކަމަށް ބުނާ ވާހަކައިގައި ޤަބޫލުކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އިންޑިޔާ ސިފައިންގެ އަދަދު ހާމަ ނުކުރީމައެވެ. އުތުރުތިލަފަޅުގައި އިންޑިޔާ ސިފައިން ޤާއިމުވެފައި ނެތްކަން ދައްކަން، އިންތިޤާލީ މަރުޙަލާގެ ދުވަސްވަރު ކުރީ ސަރުކާރުން ނޫސްވެެރިންނަށް އުތުރުތިލަފަޅަށް ދިއުމަށް ދަޢުވަތެއް ދިނެވެ. އެދުވަހު އިންޑިޔާ ސިފައިން ތިބީ ހުޅުލޭގައި ކަމަށް ދެކެވުނު ވާހަކަތަކަށް ސަރުކާރުން ޖަވާބެއް ނުދެއްވީ ކީއްވެ ހެއްޔެވެ؟
  • "އެހެންވިއަސް އެކަންތައް އެއްފަރާތް ކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ޙައްގުގައި ކުރިއަށް ދިއުން އެއީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް،" ކަމަށް އުގެއިލް ވިދާޅުވިއެވެ. އެކަމަކު، ދޮގެއް ނަހަދައިވެސް ވެރިކަމަށް އާދެވިދާނެއެވެ. ކުރީ ސަރުކާރަށް އެއީ ދޮގު ކަން ސާބިތު ނުކޮށްދެވުމަކީ މިއަދުގެ ރައީސްގެ ކުށެއް ނޫނެވެ. އަދި އަދުގެ ސަރުކާރުން އެކަމުގެ ޒިންމާވެސް ނަގަންޖެހޭ ކަމެއް ނޫނެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް ވާހަކަ ދެއްކެވި އެހެން ކެންޑިޑޭޓުން ތެރޭގައި ހިމެނޭ ޤާސިމާއި، ފާރިސްއާއި، ނާޒިމާއި، ޢުމަރު ނަސީރު ނުހޮވުނެވެ. ހޮވުނީ ޑރ. މުޢިއްޒެވެ.

ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުވީ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ނެރެ ދެއްކެވި ނަތީޖާ ވަރަށް ގިނަ ބަޔަކު ބަލައިގަތެވެ. ދެން އޮތީ ޕީޕީއެމް ޕީއެންސީގެ ދިވެހީންގެރާއްޖެ މެނިފެސްޓޯއެވެ. ދޮގު ހަދައިގެން ވެރިކަން ލިބުނުކަމަށް ބުނާނަމަ، އެ މަލާމާތްކުރެވެނީ ވޯޓު ދިން ދިވެހި ރައްޔިތުންނަށެވެ. އެހެނީ މެނިފެސްޓޯއާއި ސިޔުާސަތަކަށް ބަލައިގެން ވޯޓް ނުދޭ ކަމަށް ބުނުމަކީ އެއްވެސް އަސާސެއް ނެތް ވާހަކައެކެވެ. ދެން އޮތީ މުޢިއްޒުގެ ޝަޚްސިއްޔަތެވެ. އެއީ ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ކުޅަދާނަ ހިންގުންތެރިއެކެވެ. މުރާލި ޤާބިލު ބޭފުޅެކެވެ. މަޑުމައިތިރި ބޭފުޅެވެ. މިއީ ގިނަ ދިވެހީން ރުހޭ ސިފަތަކެކެވެ. މީގެއިތުރުން، އަނިޔާވެރި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އަނިޔާވެރިވީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.

މިހިރަ މިހިރަ ކަންކަމުގެ އިތުރަށްވެސް އެތަކެއް ސަބަބުތަކެކެވެ. ދޮގާއި މަކަރާއި އޮޅުވާލުމުން އިންތިޚާބު ކުރެވުނު ކަމަށް ބުނާނަމަ، ދިވެހީން ހަމަ އެހާ މޮޔައީ ހެއްޔެވެ؟ އަދިވެސް މިތިބީ މި ޒަމާނަށް ލޯ ނުހުޅުވި ހެއްޔެވެ؟ ނޫނެކެވެ. މަލާމާތް ނުކުރާށެވެ. އެންމެންނަކީ ޕްރޮފެސަރުން ކަމުގައި ނުވިޔަސް ދިވެހީންވެސް މިއަދު މިވަނީ ދުނިޔެއަށް ލޯހުޅުވިފައެވެ. ކިޔަވައިގެން މަތީ ތަޢުލީމު ޙާޞިލުކުރި އެތައް ބަޔަކު ވޯޓު ދިނެވެ. ދުނިޔޭގެ އާޖުފާޖު ދަންނަ ހެޔޮ ވިސްނޭ އެތައް ބަޔަކު ވޯޓު ދިނެވެ. ޖުމްލަކޮށް މުޅި ދިވެހި ރައްޔިތުންގެ ޤާބިލުކަމާއި ވިސްނުންތެރިކަމާ ޤައުމަށް ހެވާއި ލާބަ އެދޭ މިންވަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މުޢިއްޒަށް ދިނީ އެ ވޯޓެވެ. ޤައުމު ބިނާކުރާނެ ވޯޓެވެ. އިތުބާރުގެ ވޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު