މިއީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިނގި ކަމެއްގެ ވާހަކައެވެ. އިތުބާރު ގެއްލިގެން އުޅެނިކޮށް ފިއްލެވި ވާހަކައެެވެ. ހޯދާ ހޯދާވެސް ނުފެނުނު ވާހަކައެވެ. ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުނީއެވެ. ތާރީޚަށްޓަކައި އިޔާދަކޮށްލީއެވެ. އިބުރަތް ޙާސިލުކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭތީއެވެ.
އެއީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ތެރޭގައި ހިނގައިދިޔަ އަޖާއިބު ކުރުވަނިވި ޙާދިސާއެކެވެ. ހިތަށް ގެންނަންވެސް އެދުވަހު ނޭނގުނެވެ. ޖެހުނީ އިތުބާރުގެ މައްސަލައެވެ. ކުނި ޖެހުނީ، ރައީސާއި ނާއިބު ރައީސާ ދެމެދުގައެވެ.
ދެން ފެށީގެ ނައިބު ރައީސް މަޤާމުން ދުރުކުރުމުގެ މަސައްކަތެވެ. ރައީސް ޔާމީންގެ އޯޑަރަށެވެ. ހިނގާ ދިޔައީ "ފިނޑި" ކަންތައްތަކެކެވެ. އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރުމުގެ ކުރިން އެމަނިކުފާނާ ގުޅުއްވުމުން ޖަވާބު ނުދެއްވުމުން، ދެން އެމަނިކުފާނާ ދައްކާނެ ވާހަކައެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމިއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ނިހާނު އޭރު ވިދާޅުވީ، ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޕީޕީއެމް މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވާތީ ޕީޖީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އެ މައްސަލައާ ގުޅޭ ގޮތުން، ރަސްމީ ވާހަކައެއް ޖަމީލާ ދައްކާލުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ވާނީ ރޭގެ 8:25 އިން ފެށިގެން ރޭގެ ދަންވަރާ ހަމައަށް ރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާ ގުޅުމަށް މަސައްކަތް ކޮށްފައި. 8 ފަހަރު ގާތްގަނޑަކަށް އަޅުގަނޑުގެ ނަމްބަރުން އެމަނިކުފާނަށް (ނައިބު ރައީސް ޖަމީލް) ގުޅުމަށް މަސައްކަތް ކުރިން. ފޯނަށް ޖަވާބު ނުދެއްވާތީ އަޅުގަނޑު އެސްއެމްއެސް އެއް ކުރިން. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ކުރައްމުން ގެންދަވާތީ އެކަމުގައި ރަސްމީ ސިފައެއްގައި ވާހަކަދައްކާލުމަށް ބޭނުން ވާތީ އަޅުގަނޑުގެ ކޯލަށް ޖަވާބު ދެއްވުމަށް އެމަނިކުފާނަށް މެސެޖު ކުރިން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރެއްވި ނިހާން އޭރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ ފޯނަށް ޖަވާބު "ނުދެއްވިތާ" އޭނާގެ މެސެޖަށް ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުން އޭނާ އަށް ޔަގީން ވެގެން ދިޔައީ ޕީޕީއެމްގެ ޕީޖީ ގުރޫޕާ ޖަމީލު ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާކަން ކަމަށެވެ. އެހެންކަމުން ދެން އެކަމުގައި ޖަމީލާ "ދައްކާނެ އިތުރު ވާހަކައެއް ނެތް" ކަމަށް ނިހާން މީޑިޔާތަކަށް ވިދާޅުވިއެވެ. ނިހާނު ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމަން ޖެހުނީ ވެސް ނައިބު ރައީސް ޖަމީލު ޕީޕީއެމްގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ބޭނުންފުޅު ނުވާތީ ކަމަށެވެ.
ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފާސްކުރީ، ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާޤުންނެވެ. ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެއްވުމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި ހިމަނާ ކަންތައްތަކެއް ނިހާން އޭރު ވިދާޅެއް ނުވިއެވެ.
ޖަމީލު މަގާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނާއި ޖޭޕީގެ މެމްބަރުން ވެސް ސޮއި ކުރެއްވި ކަމުގެ އަޑުތައްވެސް ފެތުރުނެވެ.
ނައިބު ރައީސްގެ މަގާމުން ޖަމީލު ވަކިކުރެއްވުމުގެ މަސައްކަތް ފައްޓަވާފައި ވަނީ އެ މަގަމަށް ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ގެންނެވުމަށް ކަމަށް ވެސް އަޑުފެތުރުނެވެ. ނިހާން އޭރު ވިދާޅުވެފައި ވަނީ ނައިބު ރައީސް ބަދަލު ކުރަންޏާ އެ މަގާމަށް އެންމެ އެކަށީގެން ވަނީ އަދީބު ކަމަށެވެ.
ކޮންމެއަކަސް ދައުލަތުގެ މަސްޢޫލުވެރިޔަކު ހޯދާ ހޯދާވެސް ނުފެނުނީއެވެ. ނައިބު ރައީސް ކަމުގައި ހުންނެވި ޖަމީލް ކުއްލިއަކަށް ގެއްލުނީއެވެ. ފިއްލެވީއެވެ. އެކަމަކު ޑރ. ޖަމީލުގެ މައްޗަށް މަޖިލީހުން އިތުރުބާރު ނެތް ކަމުގެ ވޯޓެއްނަގައި މަޤާމުން ދުރުކުރިއެވެ.
މިހަނދާންތައް އާކޮށްލާންޖެހޭ މައިގަނޑު ސަބަބަކީ، ވެރިކަމާ ތޮޅެއް މަސައްކަތް ކުރުމުގެ ރޫޙެއް އަށަގަންނުވާން މަސައްކަތް ކުރާ ފަރާތްތަކާ މެދު ސަމާލުވުމެވެ. ވެރިކަން ވައްޓާ ކުޅިގަނޑު ދިވެހީން ބޭނުމެއް ނުވެއެވެ. އެކަމުގެ ހިތި ރަހަ ވަނީ 2012 ގައިވެސް ފެނިގެން ގޮސްފައެވެ. ބަސް މަގާއި ރާގުގައި، އަބަދުވެސް "ވައްޓަން ވައްޓަން" ދުލުކުރީގައި އޮތުމަކީ ޤައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. ޤައުމަށް ދެވޭނެ ވަރަށް ބޮޑު ދެރައެކެވެ.