Thursday, 20 June 2024
މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ރައީސް މުޢިއްޒު ރައްޔިތުންގެ ޙާލަތު ބައްދަލަވާލައްވަނީ

ވިއްސާރައިގެ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސް ގޭގެއަށް!

މާލެއަށް ބޯކޮށް ވާރޭވެހޭތާ މިހާރު ގާތްގަނޑަކަށް 24 ގަޑިއިރުވެފައިވާއިރު, ވިއްސާރައިގެ ސަބަބުން ގެތަކަށް ލިބިފައިވާ ގެއްލުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބައްލަވާލައްވައިފިއެވެ. ރައީސާއެކު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވެސް ވަނީ ފެންބޮޑުވެފައިވާ ބައެއް ގެތަކަށް ވަންނަވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ޙާލަތު ބައްލަވާފައެވެ.

ރައީސްގެ އަރިހުގައި، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި މާލޭ ސިޓީގެ މޭޔަރުގެ ޒިންމާތަކާ މިވަގުތު ހަވާލުވެ ހުންނެވި އަޙްމަދު ނަރީޝާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބޭފުޅުންނާއި ވެސް ވަޑައިގަތެވެ.

ރައީސް ވަނީ އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމާބެހޭ ގޮތުން ޚިޔާލު ހޯއްދަވާފައެވެ.

ރައީސް ވަޑައިގެންނެވި އެއް ގޭގައި ބައެއް އެއްޗެހި ހަލާކުވެފައިވާކަން ފާހަގަ ކުރައްވައި، "ވަގުތުން އެހީ ފޮނުއްވާނެ" ކަމުގެ ޔަގީންކަން އެ އާއިލާއަށް ދެއްވިއެވެ. އެންޑީއެމްއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ 100 އަށް ވުރެ ގިނަ ގެއަށް ވަނީ ފެން ވަދެފައެވެ. ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގައި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު މެޓް އޮފީހުން އޮތީ އޮރެންޖު އިންޒާރު ނެރެފައެވެ. ނަމަވެސް މިހާރު އެ އިންޒާރު ދަށްކޮށް، ރީނދޫ ސަމާލަކަށް ވަނީ ދަށްކޮށްފައެވެ. އެއީ ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ސަމާލުވުމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު