30 އެޕްރީލް 2025

ނިމުނީ ފަލަސްޠީނަށް އަނދިރި އަހަރެއް؛ 22،000 މީހުން ޝަހީދުވެ، ޒަޚަމުތަކުގެ ލޭގެ ކޯރެއްގައި

2023 ވަނަ އަހަރަކީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ކަޅު އަހަރެކެވެ. އަނދިރި އަހަރެކެވެ. ހިތްދަތި އަހަރެކެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 22،000 އިން މައްޗަށް އަރައިފިއެވެ. އަހަރު ނިމެންދަނިކޮށް، ޣަައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމުގައެވެ އަދި ޢުދުވާނުގައި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު 56,400 އަށް އަރާފައިވާ ކަމުގައެވެ.

ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް، މީގެ 79 ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ޙަމަލަތައް މިިހާރު އަމާޒު ކުރަމުން ދަނީ ޣައްޒާގެ މެދާއި ދެކުނުގެ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތަކަށް އަތްގަދަ ކުރަން ޔަހޫދީ ފައުޖުން ދަނީ ބަރުހަތިޔާރާއެކު މަސައްކަތް ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރު އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދެއެވެ. ބަރުހަތިޔާރު ބޭނުންކޮށްގެން ޢާންމުން ދިރިއުޅޭ ގޮދޮރާއި ހޮސްޕިޓަލް ފަދަ ޢިމާރާތްތަކަށް ޔަހޫދީން ދަނީ ވަރުގަދަ ޙަމަލަތަކެއް އަމާޒު ކުރަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ޔަހޫދީ ފައުޖުތަކުން އެންމެ ފަހުގެ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ އަލް-ބުރަޔިޖާއި އަލް-ނުޞައިރާތާއި އަލް-މަޣާޒީގެ އިތުރުން ޚާން ޔޫނިސްސަށެވެ. އެ ރަށްތަކަށް ޔަހޫދީ އަސްކަރިއްޔާގެ މަތިންދާބޯޓުތަކުން ވެސް ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީން ދީފައިވާ ރަޙުމު ކުޑަ ޙަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 165 އަށް އަރައެވެ. އަދި އިތުރު 250އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމު ހުއްޓައިލުމަށް މުޅި ދުނިޔެއިން ގޮވައިލަމުންދާ ދަނޑިވަޅުގައި ޔަހޫދީން ދަނީ ޙަމަލަތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާއިން ދަނީ އެ ކަމުގައި ޔަހޫދީންނަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާއިން ވަނީ ޔަހޫދީންނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ވެސް ނިންމާފައެވެ.

އަނިޔާވެރި އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޔަހޫދީންނަށް ބޮމާއި އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދައާ ނުލައިކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔަހޫދީންނަށް ފޯރުކޮށްދޭން ނިންމާފައިވާ ހަތިޔާރުގެ އަގު 147.5 މިލިޔަން އެމެރިކާ ޑޮަލަރަށް އަރައެވެ. ޙަމާސް ޖަމާޢަތުން ވަނީ އެމެރިކާގެ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހަމާސް ޖަމާޢަތުން ވިދާޅުވެފައިވަނީ، އެމެެރިކާގެ އަމަލުތަކުން ދޭހަވަނީ، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާން ހިންގަމުން ދަނީ އެމެރިކާގެ ބައިވެރިވުމާއި އެހީތެރިކަމާ އެކުގައި ކަަމަށާއި، އެއީ އެމެރިކާއިން ސްޕޮންސާކޮށްގެން ހިންގަމުންދާ ޢުދުވާނެއްކަމަށެވެ.

ނިރުބަވެރި އިސްރާއީލުގެ އުދުވާން ފުޅާކޮށް އެއްގަމު މަގުން އަރައި ޔަހޫދީ ފައުޖުން ދިން ޙަމަލަތަކުގައި ޣައްޒާގެ އުތުރުގައި އޮންނަ ރަށްތައް މިހާރު އޮތީ ސުންނާފަތި ކޮށްލާފައެވެ. ނަމަވެސް، ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން އެ ސަރަޙައްދުގައި އަދިވެސް ދަނީ ޔަހޫދީ ފައުޖުގެ ސިފައިންނާ ކުރިމަތިލަމުންނެވެ. ޙަމާސް އަދި އިސްލާމިކް ޖިހާދުން ބުނީ އެ ދެ ޖަމާޢަތުގެ މުޖާހިދުން ދިން ޙަމަލަތަކުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކެއް ހަލާކު ކޮށްލާފައިވާނެ ކަމުގައެވެ. މުޖާހިދުންގެ ޙަމަލަތަަކުގައި މަރައިލާފައިވާ ޔަހޫދީ ސިފައިންގެ ޢަދަދު 170 އަށް އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު